މެމްބަރު އަރީފްގެ ޕާސްޕޯޓް އަނެއްކާވެސް ހިފަހައްޓައިފި
ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފްގެ ޕާސްޕޯޓް އަނެއްކާވެސް ހިފަހައްޓައިފިއެވެ. އަރީފްގެ ޕާސްޕޯޓް މިފަހަރު ހިފަހައްޓާފައި ވަނީ އޭނައާ ގުޅޭގޮތުން ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެންނެވެ. އަރީފްގެ ޕާސްޕޯޓު ހިފެހެއްޓުމަށް ނެރުނު ކޯޓު އަމުރުގައިވާގޮތުން އޭނާގެ ޕާސްޕޯތް ހިފެހެއްޓީ މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހަރަކާތްތެރިވި ސިފައިންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި ސިފައިންނާ މެދު މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެންނެވެ. އޭނާ ރާއްޖޭގައި މަޑުކުރަންޖެހޭ ސަބަބެއް ކަމަށް އެ އަމުރުގައި ވަނީ އަރީފަކީ އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހަކަށްވެފައި އޭނާގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް މައްސަލަ ފޮނުވުމުގެ ކުރިން ފުރައިގެން ފިލައިފިނަމަ ތަހުގީގަށް ހުރަސްއެޅިދާނެތީ ކަމަށެވެ. މީގެކުރިން އަރީފްގެ ޕާސްޕޯޓް ހިފެހެއްޓީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު ފުލުހުންގެ ސަފުތައް ފަޅާލި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށެވެ. އެ މައްސަލާގައި އަރީފްގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ. މިއަދު ކުރެއްވި ޓްވީޓެއްގައި އަރީފް ވިދާޅުވީ ފުލުހުން ކުރަނީ ދޮގު ތުހުމަތެއް ކަމަށާއި އޭނާގެ ޕާސްޕޯޓާއި އައިޑީކާޑް ވެސް ކަމާބެހޭ ފަރާތްތަކުން ގެންދެވުން އެދޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ