ސުލްހަވެރި ސިޔާސީ ހަރަކާތްތައް ހިންގަން ހަމަހަމަ ފުރުސަތު އޮންނަން ވާނެ: އީސީގެ މެމްބަރު ހަބީބު

ސުލްހަވެރި ސިޔާސީ ހަރަކާތްތައް ހިންގުމަށް ހުރިހާ ސިޔާސީ ޕާޓީތަކަށް ވެސް ހަމަހަމަ ފުރުސަތު އޮންނަންވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އިސްމާއީލް ހަބީބު ވިދާޅުވެއްޖެ އެވެ.
ހަބީބު، އޭނާގެ ފޭސްބުކް ފޭޖްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވަނީ ހުރިހާ ސިޔާސީ ޕާޓީތަކަށް ސުލްވެރި ސިޔާސީ ހަރަކާތްތައް ހިންގުމުން ހަމަހަމަ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ސިޔާސީ ޕާޓީގެ ގާނޫނުގެ ބުނާ ހަމަހަމަ ކަމާއެކު މުއާމަލާތް ކުރުމުގެ މާއްދާ ކަމަށްވާ 10 ވަނަ މާއްދާއާ ހަވާލާދީ އެމައްދާ އެ ޕޯސްޓްގައި ހިމަނާފައި ވެއެވެ. 
ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 10 ވަނަ މާއްދާގެ (ހ)ގައި ބުނަނީ ސިޔާސީ ޕާޓީތަކަށް ދައުލަތުގެ މުއައްސަސާތަކުން ފޮރުކޮށްދޭ ވަސީލަތަކީ ނުވަތަ ފުރުސަތަކީ ނުވަތަ ހިދްމަތަކީ ހަމަހމަ ކަމާއެކު ހުރިހާ ސިޔާސީ ޕާޓީތަކަކަށް ފޯރުކޮށްދޭ ވަސީލަތެއް ނުވަތަ ފުރުސަތެއް ނުވަތަ ހިދްމަތެއް ކަމަށް ވާންވާނެ ކަމަށެވެ.
ހަބީބު އެގޮތަށް ވިދާޅުވިއިރު، އާދިއްތަ ދުވަހުގެ ރޭ ޕީޕީއެމް ރައީސް ޔާމީން ފެކްޝަނުން "ޕީޕީއެމް ރާސްޓަސް" ޖަގަހަ ހުޅުވުމަށާއި ޖަލްސާ ކުރިއަށް ގެންދިއުމަށްޓަަކައި ފުލުހުން ވަނީ އެމަގު ބަންދުކޮށް އަދި އެމާއި ގުޅިފައިވާ ބައެއް މަގުތަކުގެ ޓްރެފިކް ބަލަހައްޓަދީފަ އެވެ.
އެ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހީމް އެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މ. ކުނޫޒުގައި ހޯމަ ދުވަހުގެ ރޭ ޖަލްސާއެއް ބޭއްވުމަށް އިއުލާންކޮށް، ކުނޫޒު ޖަގަހަ ހުންނަ މަގު ބަންދުކޮށްދިނުމަށް އެދުމުން ފުލުހުން ބުނެފައިވަނީ ހައުސިންގް މިނިސްޓްރީގެ ހުއްދައާއެކު ހުށަހެޅުމުން އެކަން ހަމަޖެހޭނެ ކަމަށެވެ.
ޕީޕީއެމްގެ ފަރާތުން މެޑަމް ފާތުން ހިންގަވާ ހަރަކާތްތަކަށް ވަރަށް ފަހި ފުރުސަތުތަކެއް ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ފޯރުކޮށްދެމުންދާއިރު، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކާއި ރޯޑް ކޯޕަރޭޝަން ފަދަ ކުންފުނިތަކުގެ އެހީތެރިކަން ވަރަށް ބޮޑަށް ހޯދަމުންދާ ކަމަށް ވެސް ސިޔާސީ އިދިކޮޅު ފަރާތްތަކުން ބުނެއެވެ. އަދި ގުޅިފައިވާ ސިޔާސީ ޕާޓިތަކުގެ ހަރަކާތްތަށް ދައުލަތުގެ އެކިއެކި މުއައްސަސާތަކުން ހުރަސްއަޅަމުންދާކަން އެފަރާތުން ދަނީ ފާހަގަ ކުރަމުންނެވެ.
މީގެ އިތުރުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ގިނަ މެމްބަރުންގެ މައްޗަށް އެކިއެކި ތުހުމަތުތައް ކުރެވި، ތަހުގީގުތައް ހިންގާ ޝަރީއަތް ވެސް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ