މެމްބަރު ނަޝީދުގެ ރަޢުޔު: ޕްރޮސިކިއުޓަރ ޖެނެރަލްގެ ބެލެނިވެރިކަމުގެ ޒިންމާ

މީހުންގެ ޢާންމު ވިސްނުމުގައި، ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ގެ ދައުރަކީ، ޖިނާއީ ދަޢުވާކުރުމާއި ދަޢުވާ ހުއްޓާލުމާއި ދަޢުވާ އަނބުރާގެނައުމާއި ދަޢުވާ އަލުންކުރުމާ މިފަދަ ކަންކަން ހިންގުންކަމަށް ވެދާނެއެވެ. އެހެންނަމަވެސް، ޕީޖީގެ މަސްއޫލިއްޔަތު އެއަށްވުރެ މާބޮޑަށް ފުޅަލެވެ. އޭނާގެ ބާރު މާދުރަށް ދެއެވެ.މީހުންގެ ޢާންމު ވިސްނުމުގައި، ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ގެ ދައުރަކީ، ޖިނާއީ ދަޢުވާކުރުމާއި ދަޢުވާ ހުއްޓާލުމާއި ދަޢުވާ އަނބުރާގެނައުމާއި ދަޢުވާ އަލުންކުރުމާ މިފަދަ ކަންކަން ހިންގުންކަމަށް ވެދާނެއެވެ. އެހެންނަމަވެސް، ޕީޖީގެ މަސްއޫލިއްޔަތު އެއަށްވުރެ މާބޮޑަށް ފުޅަލެވެ. އޭނާގެ ބާރު މާދުރަށް ދެއެވެ.
ޕީޖީގެ މުހިންމު ދެ ބާރެއް
މިހާތަނަށް މީހުންގެ ސަމާލުކަމަށް މާބޮޑަށް ނާންނަ، އެކަމަކު އިންތިހާއަށް މުހިންމު ދެ މަސްއޫލިއްޔަތަކަށާއި ބާރަށް އަލި އަޅުވައިލާނަމެވެ. އެ ދެ މަސްއޫލިއްޔަތު ބަޔާންވެފައި އޮންނަނީ، ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ރ) އާއި (ބ) ގައެވެ.
ޤާނޫނުއަސާސީގެ 223 (ރ) ގައި ބުނަނީ:-
ޖިނާއީ ކުށެއްކަމަށް ތުހުމަތުކުރެވޭ ޢަމަލުތަކާ ގުޅިގެން ބަލާބެލުންތަކާއި ހިންގާ ތަޙްޤީޤުތައް ބަލައި، އެ ކަންކަން ހިންގަނީ، ޤާނޫނާ އެއްގޮތަށްތޯ ބެލުން.
ޤާނޫނުއަސާސީގެ 223 (ބ) ގައި ބުނަނީ:-
ޝަރީޢަތަށް މައްސަލަ ހުށަހެޅުމުގެ ކުރީގައި މީހަކު ހައްޔަރުކޮށް ނުވަތަ ބަންދުކޮށް، ނުވަތަ މިނޫންވެސް ގޮތަކުން މީހެއްގެ މިނިވަންކަން ހިފެހެއްޓޭނެ ޙާލަތްތަކާއި ޝަރުޠުތައް މުޠާލިއާކުރުމާއި މުރާޖިޢާކުރަމުން ގެންދިއުމާއި، އެ އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރަމުންދޭތޯ ބެލުން.
ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނު (ޤާނޫނު ނަންބަރު 9/2008) ގެ 15 ވަނަ މާއްދާގެ (ރ) އާއި (ބ) ގައިވެސް، މި ދެ މާއްދާ ހަމަ އެ ޢިބާރާތުން ތަކުރާރުކޮށްފައިވެއެވެ.
މި ދެ ބާރު މުހިންމުވާ ސަބަބު
ޕީޖީއަށް ލިބިދޭ ދަޢުވާކުރުމާއި ދަޢުވާނުކުރުމުގެ ބާރުފަދަ އެހެން ބާރުތަކަކޭ އެއްފަދައިން، ދެންމެ މިދެންނެވި ދެ ބާރު މުހިންމުވާ ސަބަބުތަކެއްވެއެވެ.
"ޓްރިގަރ ހެޕީ" އޭ ކިޔާގޮތަށް އަޅުގަނޑުމެންގެ ޤާނޫނުއަސާސީއަކީ، "ޖަލު ހެޕީ" ޤާނޫނުއަސާސީއެއް ނޫނެވެ. އަދި، ހަމައެހެންމެ، އަޅުގަނޑުމެންގެ ތެރޭގައި އެހެން ބައެއް ޤައުމުތަކުގައި ހުންނަހެން ޖިނާއީ ކުށްތައް "އެރެސްޓަބްލް އޮފެންސަސް" އާއި "ނޮން އެރެސްޓަބްލް އޮފެންސަސް" އަށް ބަހާފައެއްވެސް ނުހުރެއެވެ. "ބެއިލަބްލް އޮފެންސަސް" އާއި "ނޮން-ބެއިލަބްލް އޮފެންސަސް" އަށް ބަހާފައެއްވެސް ނުހުރެއެވެ.
އަޅުގަނޑުމެންގެ ޤާނޫނުއަސާސީން އެކަށައަޅައިދީފައިވާ އަސާސީ ޙައްޤުތަކުގެ ބާބުވެސް، އަދި ޤާނޫނުތަކުން އުފައްދާފައިވާ ޖިނާއީ ޢަދުލުގެ ނިޒާމުވެސް ބައްޓަންވެފައިއޮތީ، ބަންދުގައި ބެހެއްޓުން ލާޒިމުނުވާ ޙާލަތުގައި ބަންދުގައި ނުބަހައްޓައި، މިނިވަންކަމުގައި މީހާ ބަހައްޓައިގެން ތަޙްޤީޤާއި ދަޢުވާގެ މަރުޙަލާތައް ކުރިއަށް ގެންދިޔުމަށެވެ. މީހާގެ ކުށް ސާބިތުވެ ޙުކުމެއް އައުމާހަމައަށް، އޭނާގެ މިނިވަންކަން ނަގަހައްޓައިދީ، އޭނާއަކީ، ކުށުން ބަރީޢަ މީހެއްކަމުގައި ބަލައިގެން ކުރިއަށް ދިޔުމަށް ބާރުއަޅާ ނިޒާމެއްގެ ގޮތުގައެވެ.
މިކަން މިގޮތަށް އެކުލަވާލަންޖެހޭ ސަބަބު، ސުޕްރީމް ކޯޓުގެ ޙުކުމެއްގައި ފާހަގަކޮށްފައިވެއެވެ.
1948 ގައި އިޢުލާނުކުރި އިންސާނީ ޙައްޤުތަކާބެހޭ ޢާލަމީ އިޢްލާނާއި، 1966 ގައި ޢަމަލުކުރަންފެށި މަދަނީ ސިޔާސީ ޙައްޤުތަކުގެ އަހުދާއި 1988 ގައި ތައްޔާރުކޮށްފައިވާ އެއްވެސް ބާވަތެއްގެ ބަންދަކަށް ނުވަތަ ހައްޔަރަކަށް ހުށަހެޅޭ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރުމާބެހޭ މަބާދީތަކުގެ މަޖުމޫޢު (ބޮޑީ އޮފް ޕްރިންސިޕަލްސް) އަށް ބަލާއިރުވެސް، އެންމެ ނުރައްކާތެރި އަދި އެންމެ ނޭއްގާނީގޮތުގައި ނަގާލެވޭ އިންސާނީ ޙައްޤަކީ، ޝަރީޢަތުން ޙުކުމެއްކުރުމުގެ ކުރިންކުރެވޭ ބަންދުކަން އެނގޭކަން. (ޞ 4 – ފޮޅުވަތް 10)
އިސްތިސްނާ ޙާލަތްތައް
އަޅުގަނޑުމެންގެ ޤާނޫނުއަސާސީން އެކަށައަޅައިދީފައިވާ ނިޒާމަކީ، "ޕްރީ ޓްރަޔަލް ޑިޓެންޝަން" އަށް ތާއީދުކުރާ ނިޒާމެއް ނޫނެވެ. އެކަމާ ދިމާއިދިކޮޅު ނިޒާމެކެވެ.
ކުށެއް ސާބިތުވެ އެ ކުށުގެ ޙުކުމެއްގެ ދަށުން ދޭ އަދަބެއްގެ ގޮތުން ނޫންގޮތަކަށް މީހަކު ބަންދުގައި ބެހެއްޓުމަކީ، ދިވެހި ޤާނޫނުއަސާސީ ޢާންމު އުސޫލުން ދަންނަކަމެއް ނޫނެވެ. ކުށެއްގެ ތަޙްޤީޤު މަރުޙަލާގައި ނުވަތަ ދަޢުވާގެ މަރުޙަލާގައި، މީހަކު ބަންދުގައި ބެހެއްޓޭނީ، ޤާނޫނުއަސާސީގެ 49 ގައި ބަޔާންކުރާ 4 ޙާލަތުގެ ތެރެއިން ޙާލަތަކަށް ފެތޭނަމައެވެ.
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްދެނީ، ޕްރީ ޓްރަޔަލް ޑިޓެންޝަންގެ ޢާންމު އުސޫލެއް ނޫނެވެ. އެއާ އިދިކޮޅަށް، އެ އުސޫލުގެ އިސްތިސްނާއެވެ.
އަދި، ހަމައެހެންމެ، އެ ބަންދު ޖާއިޒު ބަންދަކަށްވަނީވެސް، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ 4 ޙާލަތުގެ ތެރެއިން އެ ބޭނުންހިފާ ޙާލަތެއް ދެމިއޮންނަ މުއްދަތަކަށް، ނުވަތަ ނިސްބަތަކަށް ވަޒަން ހަމަވާވަރަށް، އެ މިންވަރަކަށް އެކަންޏެވެ.
ޤާނޫނުއަސާސީގެ 49 ގެ ދަށުން، މީހަކު ބަންދުގައި ބެހެއްޓިދާނެ 4 ޙާލަތް ތިރީގައި އެވަނީއެވެ.
(1) ހެކިފޮރުވަން އުޅެދާނެތީ.
(2) ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒު ފޯރުވަދާނެތީ.
(3) ކޯޓަށް ހާޒިރުނުވެދާނެތީ.
(4) މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ.
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ ބުނާގޮތުން، އެނޫން ޙާލަތެއްގައި ޙުކުމެއްގެ ކުރީން މީހަކު ބަންދުގައި ބަހައްޓައިގެން ނުވާނެއެވެ.
ޕީޖީއާގުޅޭ ހިސާބު
މިއާދެވެނީ، ޕީޖީގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ދެ ބާރުކަމަށް ކުރިން ދެންނެވި ދެ ބާރާގުޅޭ ހިސާބަށެވެ. ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި އެ ޤާނޫނުއަސާސީގެ 223 (ރ) އާއި (ބ) އާ ބައްދަލުވާ ހިސާބަށެވެ.
ޤާނޫނުއަސާސީގެ 49 ގައި ބަޔާންކުރާ 4 ހާލަތަކީވެސް، ފަސޭހަކަމާއެކު ވިސްނައިގަނެވޭނެ އަދި، އެކަންކަން ފަސޭހަކަމާއެކު ދުރާލާ ދެނެގަނެވިދާނެ ކަންކަމެވެ. އަދި، އެއީ، “އޮބްޖެކްޓިވް” މިންގަނޑުތަކެއް ބޭނުންކޮށްގެން އެ ޙާލަތްތައް ކަމަށް ބެލިދާނެ ކަންކަން ދުރާލާ އެކަށައަޅައިދޭ އުސޫލެއް ތަޢާރުފުކުރެވިދާނެ ޙާލަތްތަކެކެވެ.
މިސާލަކަށް، މީހަކު ހެކި ފޮރުވަން އުޅުންކަމަށް ބެލިދާނެ ކަންކަމަކީ ކޮބައިކަން، އެއީ، އޭގެޒާތުގައި ދުރާލާ ކަނޑައެޅިދާނެ އަދި ލިސްޓުކުރެވިދާނެ ކަންކަމެވެ. ހެކިބަސް ދޭމީހާއަށް ނުފޫޒު ފޯރުވަން އުޅުންކަމަށް ބެލިދާނެ ކަންކަމާއި މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބެލިދާނެ ކަންކަމާއި ކޯޓަށް ޙާޒިރު ނުވެދާނެކަމަށް ބެލެވިދާނެ ކަންކަމަކީވެސް ހަމަ އެފަދަ ކަންކަމެވެ.
އެފަދަ އުސޫލެއް ނުހެދުމުން ނުވަތަ ނުގެންގުޅުމުން މިވާގޮތަކީ، ކިތަންމެ ކުޑަކަމެއްގައި ނަމަވެސް، މީހަކު ބަންދުގައި ބަހައްޓާލަން ބޭނުންކަމަށްވާނަމަ، އޭނާ ދޫވެފައި ހުރެއްޖެނަމަ މުޖުތަމަޢަށް ނުރައްކާވެދާނެ ކަމެއްކަމަށް ބުނުމުގެ ފުރުޞަތު ދެވެނީއެވެ. ހެކި ފޮރުވަފާނެކަމަށް ބުނުމުގެ ފުރުޞަތު ދެވެނީއެވެ. ހެކިބަސް ދޭމީހާއަށް ނުފޫޒު ފޯރުވަފާނެކަމަށް ބުނުމުގެ ފުރުޞަތު ދެވެނީއެވެ. އެއިންކަމެއް، އެގޮތަށް ވުމުގެ އިހުތިމާލު ނުވަތަ ފުރުޞަތު ކިތަންމެ ދުރުވެފައި ނާދިރުނަމަވެހެވެ.
ޤާނޫނުއަސާސީގެ 49 ގެ ދަށުން ބަލަންޖެހޭ ކަންކަން ސުޕްރީމް ކޯޓުގެ ޙުކުމަކުން ތަފްޞީލުކޮށް އަލިއަޅުވާލާފައިވެއެވެ.
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް މީހަކު ބަންދުކުރުމުގައި ތުހުމަތުކުރެވޭ ކުށް ސާބިތުކުރުމަށް ކާފީ ހެކި ނެތްކަމުގައިވިޔަސް، ޝައްކުކުރެވޭ ކުރެވޭ ކުށުގެ ނުރައްކާތެރިކަމަކީ ކޮބައިކަމާއި، އެ ކުށް ތަޙްޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި އެކަމުގައި ހިމެނޭ މީހުންގެ ޢަދަދަކީ ކޮބައިކަމާއި ކުށުގެ ތަބީޢަތަކީ ކޮބައިކަމާއި ކުށުގެ ކުޑަބޮޑުމިނަކީ ކޮބައިކަމާއި އެ ކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި ޝައްކުކުރެވޭ މީހާ ފިލާ ރައްކާވުމުގެ ބިރުއޮތީ ކިހާވަރަކަށްކަމާއި ހެކިތަކާކުޅެ ހެކި ނައްތާލުމުގެ ބިރުއޮތީ ކިހާވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަން އެނގޭކަން (ޞ 17 – ފޮޅުވަތް 4)
ޤާނޫނުއަސާސީގެ 49 ވަނަމާއްދާގައި އެއޮތް 4 ޙާލަތުގެ އެ ޢިބާރާތް މާނަކޮށް އަޅައިކިޔޭނެ މިންގަނޑުތަކެއް އެކުލަވާނުލައި ކުރިއަށްދާނަމަ، އުފެދޭ ނުރައްކާ ބޮޑެވެ. ހަތަރު މިސާލެއް ލިޔެލާނަމެވެ.
އެކެއް
ރާއްޖޭގައި އޮތީ، ޕްރީ ޓްރަޔަލް ޑިޓެންޝަނާ ދެކޮޅު ޤާނޫނުއަސާސީއެއް ކަމުގައިވީނަމަވެސް، ޤާނޫނުއަސާސީގެ 49 ވަނަމާއްދާގެ ބޭނުން ހިފައިގެން އެ ޤާނޫނުއަސާސީގައި ހުރި ކަމާގުޅޭ އުސޫލުތައް ފަނޑުކޮށްލެވިދާނެއެވެ. އަދި، އިސްތިސްނާ ޙާލަތްތަކަށް އޮތް ޚާއްޞަ އުސޫލު އެއީ، ޢާންމު އުސޫލަށް ހަދައިލެވިދާނެއެވެ.
ދޭއް
މީހަކަށް ލަނޑެއް ދެރައެއް ދޭންބޭނުންވާ ފަހަރުތަކުގައި، ފަހުން ޝަރީޢަތެއް ނުހިންގިނަމަވެސް، ތަޙްޤީޤު ފަހުން ކުރިޔަށް ނުގެންދިޔަނަމަވެސް، ކޮންމެވެސް ކުށެއްގެ ތުހުމަތުގައި ގިނަދުވަސްތަކަކަށް ބަންދުކޮށްލުމުގެ ފުރުޞަތު ދެވިދާނެއެވެ.
ތިނެއް
މީހެއްގެ މައްޗަށް ކުށެއްގެ ތުހުމަތު އުފެދޭއިރަށް، ނުވަތަ އެފަދަ ތުހުމަތެއް އުފެއްދުމަށްފަހު، ފަހުން އެ ތަޙްޤީޤު ނުހިންގިނަމަވެސް، އަދި، ދަޢުވާއެއް ނުއުފުލިނަމަވެސް، އެމީހެއްގެ މިނިވަންކަން ހިފަހައްޓައި، ޖަލުގައި ގިނަ ދުވަސްތަކަކަށް ބަންދުކުރުމުގެ އިޚްތިޔާރު ބަޔަކަށް ދެވެނީއެވެ.
ހަތަރެއް
ސިސްޓަމެއް އެކަށައެޅުމުގައި، ވަރަށް ގިނަ ސަބަބުތަކަށްޓަކައި، ވަރަށް ވިސްނުމަށްފަހު ލައިދީފައި ހުންނަ “އިންހެރެންޓް ޗެކްސް”ގެ ފާރު ތޮރުފާލައި، އާ ސިސްޓަމެއް ގެނެސްދިނުމުގެ ބޭނުން ކަނޑުވާލެވިދާނެއެވެ. ކުރިން އޮތް ބާ ނިޒާމެކޭ، މިހާރު މިއޮތް އާ ނިޒާމެކޭ ފަރަގު ނުވާވަރަށް ދެ ނިޒާމުގެ ޙާލަތު އެއްގޮތްކޮށްލެވިދާނެއެވެ.
މިކަންކަމުން ނުކުންނަ ނަތީޖާއަކީ، ބައެއްފަހަރު ވަރަށް ހިތާމަވެރި ނަތީޖާއެކެވެ. ބައެއްފަހަރު ވަރަށް ހެއްވާވެސް ނަތީޖާއެކެވެ.
ހިތާމަވެރި ކަމަކަށް މިކަންވަނީ، ކުށުގެ ތުހުމަތުކުރެވޭ މީހާގެ މިނިވަންކަން ހުއްޓުމަކަށްއައިސް، ގިނަ ދުވަސްތަކެއްވަންދެން ޖަލުގައި އޮންނަންޖެހުމެވެ. އަދި، ފަހުން އޭނާގެ ތަޙްޤީޤު ނިމޭއިރު، އެކަމުގައި އޭނާގެ މައްޗަށް ދަޢުވާއެއް ކުރެވޭވަރަށް ހެކި ނެތްކަމަށް ވެދާނެއެވެ. ނުވަތަ އޭނާގެ މައްޗަށް ކާމިޔާބު ދަޢުވާއެއް ކުރެވޭވަރުގެ ހަކަތައެއް އެ ތަޙްޤީޤުގައި ނެތިގެން، ދަޢުވާ ނުކުރަން ނިންމަފާނެއެވެ. އެހެން އެކަންވެއްޖެނަމަ، އޭނާ ޖަލުގައި އޮންނަންޖެހުނު ދުވަސްތަކަކީ، އޭނާގެ މިނިވަންކަން ނުހައްޤުން ނުވަތަ ނާޖާއިޒުގޮތުގައި ގެއްލިދިޔަ ދުވަސްތަކަކަށް ވެގެން ހިނގައިދާނެއެވެ. އަދި، އެ ބަންދުގެ ދުވަސްތަކުގައި އެ ކުރި ހިތާމައަކީ، ނުވަތަ ގެއްލުމަކީ، ފައިސާއިން ބަދަލުނުދެވޭވަރުގެ ނުވަތަ އިޢާދަނުކުރެވޭވަރުގެ ފުން ދާއިމީ ހިތާމައަކަށްވެސް ވެދާނެއެވެ.
ހެއްވާ ނުވަތަ "އެބްޒަރޑް" ކަމަކަށް މިކަންވަނީ، މީހެއްގެ މައްޗަށް ކުރެވޭ ކުށުގެ ތުހުމަތަކީ، "ސްޓްރިކްޓް ލަޔަބިލިޓީ އޮފެންސް" ގެ ކުށެއްކަމަށްވާނަމަ، ނުވަތަ މީހެއްގެ މައްޗަށް އުފެދޭ ކުށުގެ ތުހުމަތު އުފެދެނީ، ޓީވީން ދުރަށް ދެއްކި ޕްރޮގްރާމެއްގައި ދެއްކި ވާހަކައަކުން ކަމުގައިވާނަމަ، ނުވަތަ އެ ކުށުގެ ޢަމަލުވަނީ، ޓީވީން ދުރަށް ދައްކައި އޯޑިއޯވިޝުއަލް މީޑިއާގެ ވަސީލަތެއްގައި ދާއިމަށް ރެކޯޑުކުރެވިފައި ކަމަށްވާނަމަ، ދެން އޭނާ ހެކި ފޮރުވަން ނުވަތަ ހެކިދޭން ތިބި މީހުންނަށް ނުފޫޒު ފޯރުވާނެ ގޮތެއް ނުވިސްނޭތީއެވެ.
ޤާނޫނުއަސާސީގެ 223 ގެ (ރ) އާއި (ބ) އިން ޕީޖީއަށް ޙަވާލުކޮށްފައިވާ ބާރުގެ މުހިންމުވަނީ، މިހެންވެގެންނެވެ.
ޕީޖީއަށް މި ބާރު ދިނުމުގެ ބޭނުމަކީ، ބަންދުނުކޮށް ފަރުޖެއްސެންއޮތް މީހަކު ބަންދުގައި ބަހައްޓާތޯ ބެލުމާއި، ބަންދުކުރަނީ، ހަމައެކަނި އެކަން ކުރަންޖެހޭ ނިސްބަތަށްތޯ ބެލުމާއި، އަދި ބަދަލުވަމުންދާ ޙާލަތްތަކާއި ޙަޤީޤަތްތަކަށް ބަލައި ކުރިން ކަނޑައަޅާފައި ހުރި ޙާލަތްތައް ރިވިއުކޮށް، ރިވައިޒްކުރަމުން ދިޔުމެވެ.
ތަޙްޤީޤުގެ މަރުޙަލާގައި މީހަކު ގިނަދުވަސްތަކަކަށް ބަންދުކުރާއިރު، ނުވަތަ ތަޙްޤީޤު ނިމެންދެން، ނުވަތަ ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓާނަމަ، އެކަން އެކުރަނީ، ޙަޤީޤަތުގައިވެސް އެ ކުށުގެ މައްޗަށް ބިނާކޮށް، ކޮންމެހެން ލާޒިމުވާ ނިސްބަތަށްތޯ ބެލުން ޕީޖީގެ މައްޗަށް ސާފުބަހުން، ޤާނޫނުއަސާސީއާއި ޤާނޫނުން ލާޒިމުކުރުމެވެ.
ޤާނޫނުއަސާސީގެ 223 (ރ) އާއި (ބ) އެއްކޮށް ކިޔައިލުމުން ނުކުންނަ ނަތީޖާއަކީ، ސާފު ނަތީޖާއެކެވެ.
ދައުލަތުގެ ކޮންމެ މުއައްސަސާއަކުން ކުރިނަމަވެސް، ޖިނާއީ ތަޙްޤީޤުތައް ހިންގާގޮތް ބަލައި، އެ ތަޙްޤީޤުތަކަށް ގޮތްކިޔައި އިރުޝާދު ދިނުމުގެ ބާރަކީ، އަދި، އެ ތަޙްޤީޤުތައް ހިންގަނީ، ޤާނޫނާ އެއްގޮތަށްތޯ ބެލުމަކީ، ޕީޖީގެ މަސްއޫލިއްޔަތެއްކަން ކަށަވަރުވުމެވެ. އަދި، އެ ތަޙްޤީޤުތަކުގެ ބޭނުމަށް މީހަކު ބަންދުކުރާނަމަ، އެމީހަކު ބަންދުކުރެވެނީ، ބަންދުނުކޮށް ވާންނެތިގެންތޯއާއި ބަންދުކުރަންޖެހޭ ނިސްބަތަށްތޯ ބަލައި ކަށަވަރުކުރުމަކީވެސް، ޕީޖީގެ ސީދާ މަސްއޫލިއްޔަތެއްކަމެވެ.
ޖިނާއީ ތަޙްޤީޤު އެއީ ވަކި މުއައްސަސާއަކުން ކުރާކަމަކަށް ވެގެން، އެ އިދާރާއިން ތަޙްޤީޤު ނިންމައި، ތަޙްޤީޤު ރިޕޯޓު ޕީޖީއަށް ފޮނުވުމުން ނޫނީ ޕީޖީގެ ދައުރެއް ނެތްކަމަށް ދުށުމަކީ، ޤާނޫނުއަސާސީން އެކަން ތަޞައްވުރުކޮށްފައިވާ ގޮތެއް ނޫނެވެ.
ތަޙްޤީޤުކުރަން އެންގުމާއި، ތަޙްޤީޤު ހިނގާގޮތް ބެލުމާއި، އެކަން ހިނގަނީ ޤާނޫނާ އެއްގޮތަށްކަން ކަށަވަރުކުރުމާއި، ތަޙްޤީޤު މަރުޙަލާގައި ބަންދުކުރާނަމަ ބަންދުކުރަނީ، ބަންދުކުރަންޖެހިގެންތޯ، ބޭނުންވާ ނިސްބަތަށްތޯ ނުވަތަ "އެކްސެސިވް" ކޮށް ނުވަތަ "އަންރީޒަނަބްލް" ކޮށްތޯ ބެލުމާއި، ރަނގަޅުގޮތުގައި ހިންގައި ނިންމާ ތަޙްޤީޤެއްގެ މައްޗަށް ދަޢުވާ ކުރުމާއި ނުކުރުމާއި މިހުރިހާ ކަމަކީވެސް، ޕީޖީއަށް ޤާނޫނުއަސާސީން ޙަވާލުކޮށްފައިވާ، އަދި، ހަމައެކަނި ޕީޖީއާ ޙަވާލުކޮށްފައިވާ ބޮޑެތި މަސްއޫލިއްޔަތެވެ.
ހައްޔަރުކުރުމާއި ބަންދުގައި ބެހެއްޓުމާ ގުޅޭގޮތުން، ސުޕްރީމް ކޯޓުގެ ޙުކުމުން މިންގަނޑުތަކެއް ކަނޑައަޅައިދީފައިވެއެވެ.
ހައްޔަރުކޮށްފައިވަނީ، ޤާނޫނު ހުއްދަކުރާ މަޤްޞަދެއްގައިތޯ ކަށަވަރުކުރަންވާނެ ކަމަށާއި، މި ކަންތަކުގެ އިތުރަށް ކަމާ ގުޅުންހުރި ހުރިހާ ކަމަކަށް ފުރިހަމައަށް ރިޢާޔަތްކުރަންވާނެކަމާއި، ކަމާ ގުޅުންހުރި އެންމެހާ ޙާލަތްތަކުގައި ހައްޔަރުކުރުން ސަލާމަތްބުއްދި ޤަބޫލުކުރާ ހަމަތަކާ އެއްގޮތަށްތޯއާއި ވަށަވަށައިގެންވާ އެންމެހާ ޙާލަތްތަކުގައި ކޮންމެހެންވެސް ޟަރޫރީ ކަމެއްތޯ ބަލަންވާނެކަން؛ (ޞ 5 – ފޮޅުވަތް 13)
ޕީޖީގެ ދައުރަކީ، ޖިނާއީ ޢަދުލުގެ ނިޒާމުގައި ހަމައެކަނި ދަޢުވާކުރުން ނޫންކަމާއި، ޖިނާއީ ޢަދުލުގެ ނިޒާމުގައި އަންނަ (ކޯޓުތަކުގެ ޙުކުމްތައް ފިޔަވައި، އެހެން) ހުރިހާ މަރުޙަލާއެއްގައި ޕީޖީގެ ދައުރަކީ، މުހިންމު އަދި ދިރިދެމިއޮތް ފުޅާ ދައުރެކެވެ.
ޙަޤީޤަތުގައިވެސް، ޕީޖީއަކީ، މުޅި ޖިނާއީ ޢަދުލުގެ ނިޒާމުގެ އެންމެ މުހިންމު މައި ތަނބެވެ. ކުށުގެ ތަޙްޤީޤާއި ތަޙްޤީޤަށް ބަންދުކުރުމާއި ދަޢުވާކުރުމުގެ މަރުޙަލާތަކުގެ މައި ބެލެނިވެރިޔާއެވެ.
ޤާނޫނުއަސާސީގެ ގިނަ މާއްދާތަކަކަށް ޙަވާލާދެއްވައި ސުޕްރީމް ކޯޓުގެ ޙުކުމުގައި ވިދާޅުވެފައިވެއެވެ.
ތަޙްޤީޤުގެ އެންމެހާ މަރުޙަލާތަކުގެ މައްޗަށް ޕީޖީގެ މަސްއޫލިއްޔަތާއި ބެލެނިވެރިކަން އޮންނަގޮތް ސާފުކޮށް އެނގެން އޮންނަކަން (ޞ 11 – ފޮޅުވަތް 1)
އިތުރު ނުކުތާ
އަދިވެސް އިތުރު ނުކުތާއެއް ފާހަގަކޮށްލަން ބޭނުމެވެ. ދައުލަތުގެ ކަމަކާ ޙަވާލުވެ ހުންނަ ހަމަކޮންމެ މީހަކުވެސް ކަންކުރަންވާނީ، ޤާނޫނުއަސާސީއާއި ޤާނޫނާ ގަވާއިދާ އެއްގޮތަށް ކަމުގައިވީނަމަވެސް، "ޤާނޫނުއަސާސީގެ އެންމެހާ ހަމަތަކާއި، ޤާނޫނާއި، އެންމެހާ ފަރުދުންގެ ޙައްޤުތަކާއި މިނިވަންކަން ނަގަހައްޓައިދިނުން" ތިމާއަދާކުރާ މަގާމުގެ މަސްއޫލިއްޔަތުގެ ބައެއްގެގޮތުގައި، (ވަޒީފާ ބަޔާނުގެ ބައެއްގެ ގޮތުގައި) ސީދާ ޤާނޫނުއަސާސީން ޙަވާލުކޮށްފައިވަނީ، ހަމައެކަނި 3 މަގާމެއްގައި ތިއްބަވާ ބޭފުޅުންނާއެވެ. އޭގެތެރެއިން އެއް އެއްބޭފުޅަކީ، ޕީޖީއެވެ.
އެކަން އޭނާއާ ޙަވާލުކޮށްފައިވަނީ، ޤާނޫނުއަސާސީގެ 223 (ފ) އިންނެވެ.
ނިންމުން
ތަޙްޤީޤު މަރުޙަލާގެ ކަންކަމާއި، ތުހުމަތަށް ބަންދުގައި ބެހެއްޓުމާއި، ޕީޖީގެ ދައުރާ ގުޅޭގޮތުން، މި ލިޔުމުގައި އަޅުގަނޑު މި އިޝާރާތްކުރި ސުޕްރީމް ކޯޓުގެ ޙުކުމް އެ ދުވަސްވަރު ވަކީލުން ފާހަގަކުރީ، "ޢާލަމީ އިޢުލާނުގެ ޙުކުމު" ގެ ނަމުންނެވެ.
އެ ޙުކުމަކީ، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްޢައްޔޫމް، (2010 ގައި އޭރުގެ މުލަކު ދާއިރާގެ މަޖިލިސް މެންބަރުގެ ގޮތުގައި ހުންނަވަނިކޮށް) ހައްޔަރުކުރުމުން، ދަށު ކޯޓުން ބަންދަށް 3 ދުވަސް، ހައިކޯޓުން ބަންދަށް 15 ދުވަސް ޖެހުމުން، އެކަމާ އެމަނިކުފާނު ސުޕްރީމް ކޯޓަށް އިލްތިމާސް ދެންނެވުމުން، ސުޕްރީމް ކޯޓުގެ ޤަޟިއްޔާ ނަންބަރު:20/SC-A/2010 ގެ ގޮތުގައި ސުޕްރީމް ކޯޓުން ބެއްލެވި މައްސަލައިގެ ޙުކުމެވެ. އެ ޙުކުމުގެ ތާރީޚަކީ، 11 ޖުލައި 2010 އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ