ނަޝީދާއެކު ކުރައްވާ މަސައްކަތަކީ ގައުމީ ކަމެއް: މައުމޫން

ކުރީގެ ރައީސް މުހައްމަދު ނަޝީދާ ގުޅިގެން ކުރައްވާ މަސައްކަތްޕުޅަކީ ގައުމީ ކަމެއް ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު ވިދާޅުވެއްޖެ އެވެ. ސިޔާސީ މައިދާނުގައި ތަފާތު ދެ ފިކުރެއް ގެންގުޅުވާ އަދި އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ބަހުގެ ހޫނު ހަމަލާތަކެއް ރައްދު ކުރައްވާފައިވާ ރައީސް ނަޝީދާއި ރައީސް މައުމޫނު މިހާރު މަސައްކަތްޕުޅު ކުރައްވަނީ އެކުގައި ގުޅިވަޑައިގެންނެވެ. ރައީސް ނަޝީދާއި ރައީސް މައުމޫނު އެކުގައި މަސައްކަތް ކުރައްވަން ފެއްޓެވުމާ ގުޅިގެން ގިނަ ބަޔަކު އުފައްދާ ސުވާލަށް ރައީސް މައުމޫނު ވިދާޅުވީ "މިއީ ފަރުދީ ކަމެއް ނޫން،" ކަމަށާއި "މިއީ ގައުމީ ކަމެއް" ކަމަށެވެ. "ބައެއް ބޭފުޅުން ސުވާލުކޮށްފާނެ ރައީސް މުހައްމަދު ނަޝީދު ވަނީ މިވެނި ގޮތަކަށް މަސައްކަތް ކުރައްވާފައޭ. ކީއްވެގެންހޭ މައުމޫނު މިހާރު ރައީސް ނަޝީދާ އެއްކޮށް މަސައްކަތް ތި ކުރަނީ؟ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެން މިހާރު މި މަސައްކަތް ކުރަނީ ފަރުދީ ފެންވަރެއްގައެއް ނޫނޭ. ޒާތީ ފެންވަރެއްގައެއް ނޫން. އަޅުގަނޑުމެން މަސައްކަތް މި ކުރަނީ ގައުމީ ފެންވަރެއްގައި،" ރައީސް މައުމޫނު ވިދާޅުވި އެވެ. ރައީސް ނަޝީދާ ބެހޭ ގޮތުން އެންމެ އެކަށީގެން ނުވާ ގޮތަަށް އެމަނިކުފާނަށް ކަންތައްތަކެއް ކުރެވިފައި ހުރެދާނެ ކަމަށާއި ރައީސް ނަޝީދަށް ވެސް ކަންތައްތަކެއް ކުރެވިފައި ކުރެދާނެ ކަމަށް މައުމޫނު ވިދާޅުވި އެވެ. އަދި ވިދާޅުވީ "އެކަންތައްތައް އެ ވަނީ މާޒީއާ އެކުވެގެން ގޮސްފައި" ކަމަށެވެ. މައުމޫނު ވިދާޅުވީ 45 މެމްބަރުންގެ އާޔާއެކު މަޖިލީހުގެ ރައީސް މަސީހާ ދެކޮޅަށް މިއަދު މައްސަލަ ހުށަހެޅިގެން ދިޔުމަކީ ލިބުނު ނަސްރެއް ކަމަށެވެ. އެކަމަށްޓަކައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރައީސް މައުމޫނު ވަނީ ޝުކުރު އަދާ ކުރައްވާފަ އެވެ. ރައީސް މައުމޫނު ވަނީ ގާސިމް އިބްރާހިމަަށް ތައުރީފު ކުރައްވައި ވާހަކަފުޅު ދައްކަވާފަ އެވެ. މައުމޫނު ވިދާޅުވީ ގާސިމް އިބްރާހިމަކީ މި ދަތުރުގައި އިދިކޮޅު ފަރާތްތަކާ އެކު ދަތުރު ކުރައްވާ ހިއްވަރު ގަދަ ބޭފުޅެއް ކަމަށެވެ. "ވަރަށް ހިތްވަރުގަދަ ބޭފުޅެއް، ވަރަށް މޮޅަށް މަސައްކަތް ރާއްވަވާ ހިންގަވާ ބޭފުޅެއް. ކިތަންމެ ބޮޑެތި ނުރައްކާތަކާ ކުރިމަތި ލައްވަން ޖެހިވަޑައިގަތަކަސް އެއްގޮތަކަށްވެސް ފަސްޖެހިވަޑައި ނުގަންނަވާ ބޭފުޅެއް،" ރައީސް މައުމޫނު ވިދާޅުވި އެވެ. މަސީހާ ދެކޮޅަށް މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައަކީ ފެށުމެއް ކަމަށް މައުމޫނު ވިދާޅުވި އެވެ. މިހާރު މިހުޅުވުނީ ދޮރެއް ކަމަށާއި ކުރިމަތީގައި އޮތީ ވަރަށް ފުޅާ މަގެއް ކަމަށް މައުމޫނު ވިދާޅުވި އެވެ. މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ބިރު ދައްކާ ކަމަށް މައުމޫން ވިދާޅުވި އެވެ. އަދި ސިޔާސީ ދައުވާތައް ކުރެއްވުން އިތުރުވެފައިވާކަން ފާހަގަ ކުރައްވައި ރައީސް މައުމޫނު ވިދާޅުވީ އެއީ އިސްލާހު ކުރަންޖެހޭ ކަމެއް ކަމަށެވެ. ރައްޔިތުން މަޖިލީހުގެ އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު މަސީހާ ދެކޮޅަށް ސޮއި ނުކުރާ ކަމަށް ވިދާޅުވީ ބިރު ދެއްކުމުން ކަމަށް ވެސް މައުމޫނު ތުހުމަތު ކުރެއްވި އެވެ. މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ މަޖިލީހުގެ ރައީސްގެ މަގާމުގައި އަބްދުﷲ މަސީހް އިންތިހާބު ކުރަން ވޯޓް ދިން އަދަދަށްވުރެން އޭނާގެ އިތުބާރު ނެތް ކަމަށް ތާއިދުކޮށްފައިވާ މެމްބަރުންގެ އަދަދު ގިނަ ވެއްޖެ ކަމަށާއި އެހެން ކަމުން މަސީހަށް އެ މަގާމުގައި ހުރުމުގެ އެއްވެސް ހައިސިއްޔަތެއް މިހާރު ނެތް ކަމަށެވެ. ގާސިމް ވަނީ މަސީހު ވަކިކުރެއްވުމަށް ސޮއި ކުރި ބައެއް މެމްބަރުން އެ ލިސްޓްގައި ސޮއި ނުކުރައްވާ ކަމަށް ބުނަމުންދާތީ އެކަމަށް ވެސް ރައްދު ދެއްވާފަ އެވެ. "..މިއަދު އަޅުގަނޑުމެނަށް އެބަފެނޭ ޑްރާމާއެއް ކުޅެމުންދާ ތަން. އެކަމު އެ ޑްރާމާ ނެތޭ ހަގީގަތަކަށް ހެދޭކަށް. ކިހިނެއްތޯ ބައެއްގެ ކުރިމަތީގައި ތިން ހަތަރު މީހުންގެ ކުރިމަތީގައި ކުރި ސޮއެއްގެ ފޮޓޯ އާއި ރިކޯޑިން އާއި އެއްޗިހި ހުއްޓާ ދޮގު ހަދަނީ،" ގާސިމް ވިދާޅުވި އެވެ. އިނގިރޭސި ވިލާތުގައި ހުންނަވައިގެން ދެއްވި އޯޑިއޯ މެސެޖެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނާއި ސިޔާސީ ލީޑަރުންނަށް މި ވަނީ އިބްރަތްތެރި ގިނަ ފިލާވަޅުތަކެއް ލިބިފައި ކަމަށާއި އިދިކޮޅު ފަރާތްތަކުގެ ވިސްނުމަކީ ލިބުނު ފިލާވަޅުތަކުގެ އެހީގައި ރާއްޖޭގެ ސިޔާސީ މަސްރަހުގެ މިސްރާބު އަތުލުން ކަމަށެވެ. "...ރާއްޖޭގެ ރައްޔިތުންނަށް ހައްގުވާ މިންވަރު އެ ރައްޔިތުންނަށް ހޯދައިދެވެން އޮތީ އަޅުގަނޑުމެނަށް މިއަދު ކަށަވަރުވެގެން. ގުޅިގެން އެކުގައި ހުރިހާ ސިޔާސީ ޕާޓީތައް މަސަތްކަތް ކޮށްގެން،" ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ