ރައީސް އަޒުލްކުރަން ސުޕްރީމް ކޯޓުން ނެރޭ އަމުރަކަށް ތަބާނުވާނަން: އޭޖީ

ރައީސުލްޖުމްހޫރިއްޔާ އަޒުލްކުރަން ސުޕްރީމް ކޯޓުން ނެރޭ އަމުރަކަށް ނުވަތަ ހުކުމަކަށް ތަބާނުވާނެ ކަމަަށް ދައުލަތުގެ ބަންޑާރަނައިބް މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.
އަނިލް މިހެން ވިދާޅުވީ މިއަދު ހެނދުނު ދައުލަތުގެ މީޑިއާ މެދުވެރިކޮށް ދިން ބަޔާނެއްގަ އެވެ. އަނިލް މިބަޔާން ދެއްވިއިރު އަރިހުގައި އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒް އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމް އިންނެވި އެވެ.
ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނެރެފައިވާ ހުކުމަށް ރިއާޔަތްކުރައްވާ އަނިލް ވިދާޅުވީ އެ އަމުރުގައި ބަޔަކު މިނިވަންކުރުމަށް އަމުރުކޮށްފައިވާއިރު އެމީހުން މިނިވަންކޮށްފިނަމަ ގާނޫނީ އެތައް މައްސަލަތަކެއް ނިކުންނާނެ ކަމަށެވެ. އަދި ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރުގައި ހުރި މައްސަލަތައް ޕްރޮސެކިއުޓާ ޖެނަރަލްގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ.
އަނިލް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ބޭނުންވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އަޒުލްކުރުމުގެ މަސައްކަތް ސުޕްރީމް ކޯޓުން ފަށައިފި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް އެއީ ސުޕްރީމް ކޯޓަށް އޮތް ބާރެއް ނޫން ކަމަށާއި ގާނޫނު އަސާސީގައި ސުޕްރީމް ކޯޓަށް އެ އިހްތިސޯސް ދީފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ. ރައީސް އަޒުލްކުރަން ސުޕްރީމް ކޯޓުން ނެރޭ އެއްވެސް އަމުރަކަށް ބޯ ނުލެބުމަށް ސަލާމަތީ ބާރުތަކަށް ބަންޑާރަނައިބްގެ ހައިސިއްޔަތުން ގާނޫނީ ލަފާ ދެއްވާ ކަމަށްވެސް ވިދާޅުވި އެވެ.
ބަންޑާރަނައިބް ވިދާޅުވީ ދައުލަތުގެ ކޮންމެ މުއައްސަސާއަކުން ވެސް އަމަލުކުރަންޖެހޭ ގޮތް ގާނޫނު އަސާސީގައި އެބައޮތް ކަމަށާއި ހުރިހާ މުއައްސަސާއަކުން ވެސް ގާނޫނު އަސާސީގައިވާ ގޮތަށް އަމަލުކުރަންވާނެ ކަމަށެވެ. އަދި ވިދާޅުވީ ސުޕްރީމް ކޯޓު ނަމަވެސް ގާނޫނޫ އަސާސީގައި ނެތް ބާރެއް ބޭނުންނުކުރެވޭނެ ކަަމަށެވެ.
އަނިލް ވިދާޅުވީ ރައީސް އަޒުލްކުރުމުގެ މައްސަލާގައި ސުޕްރީމް ކޯޓަށް ގޮތެއް ނިންމޭނީ އެންމެ ހާލަތެއްގައި ކަމަށެވެ. އެއީ ރައީސް އަޒުލްކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރު ސައްހަކަމާ މެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމަންޖެހޭ ވަގުތުގައި އެކަނި ކަމަށް ވިދާޅުވި އެވެ.
"ދިވެހި ދައުލަތުގެ ބަންޑާރަ ނައިބުގެ ހައިސިއްޔަތުން އަޅުގަނޑު މި ދަންނަވަނީ ސުޕްރީމް ކޯޓުން ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރުމަށް އިސްވެ ކުރާ އެއްވެސް އަމުރަކީ، ހުކުމަކީ ގާނޫނީ ތަރަހައިން އަދި ގާނޫނު އަސާސީގައި ހިމެނޭ ކަމެއް ނޫން ކަމަށް. އެހެންވީމާ މިކަން އަޅުގަނޑު ވާނީ (ބަންޑާރަނައިބްގެ ހައިސިއްޔަތުން) ސަލާމަތީ ބާރުތަކަށް ވަރަށް ސަރީހަކޮށް އަންގާފައި އެފަދަ އަމުރަކަށް ތަބާވެގެން ނުވާނެ ކަމަށް،" ބަންޑާރަނައިބް ވިދާޅުވި އެވެ.
މޭޖަރ ޖެނަރަލް އަހްމަދު ޝިޔާމް ވިދާޅުވީ ދިވެހި ގައުމު ކާރިސާއެއްގެ ތެރެއަށް ވައްޓާލަން ދިވެހި އަސްކަރިއްޔާ އިން އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށެވެ. އަސްކަރިއްޔާ އިން މަސައްކަތް ކުރާނީ ދިވެހި ދައުލަތުގެ ބަންޑާރަނައިބް ލަފާ ދެއްވާ ގޮތަށް ކަމަށްވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ޣައިރު ގާނޫނީ އެއްވެސް އަމުރަކަށް ތަބާނުވާނެ ކަމަށެވެ.
އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވީ ދިވެހި ފުލުހުން ވެސް ގާނޫނު އަސާސީއާ ގާނޫނުތަކާ ހިލާފު އަމުރުތަކަށް ތަބާނުވާނެ ކަމަށާއި އެ މުއައްސަސާއިން ވެސް އަމަލުކުރާނީ ބަންޑާރަނައިބްގެ ލަފައަށް ކަމަށެވެ.
ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރެފައިވާ އަމުރުގައި ތަފާތު މައްސަލަތަކުގައި ޖަލަށް ލާފައިވާ ނުވަ ބޭފުޅަކު މިނިވަންކުރުމަށާއި، މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އަމުރުކޮށްފައިވާތީ މިއަމުރަށް ދައުލަތުގެ މުއައްސަސާތަކުން އަމަލުކުރަމުން ނުދާތީ ގުޅިފައިވާ ޕާޓީ ތަކުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ