އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ތަހުގީގު ކުރަމުންދާ މައްސަލާގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެކޮމިޝަނަށް ހާޒިރު ނުކުރާނެ ކަމުގައި އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވެއްޖެ އެވެ.
ލުތުފީ މިހެން ވިދާޅުވީ އޭސީސީން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި އެކޮމިޝަނަށް ހާޒިރުވާން ރައީސް މައުމޫނަށް ޗިޓް ފޮނުވާފައިވާ ކަމަށް ބުނެ މިއަދު މީޑިއާގައި ރިޕޯޓްކުރުމާ ގުޅިގެން އެކަން ދޮގުކުރެއްވުމުގެ ގޮތުންނެވެ.
ލުތުފީ ވިދާޅުވީ ކުރީގެ ރައީސުންނާއި، އުއްތަމަ ފަނޑިޔާރުންނާއި، ކުރީގެ އުއްތަމަ ފަނޑިޔާރުންނާއި، މަޖިލީހުގެ ރައީސްއާއި، މަޖިލީހުގެ ކުރީގެ ރައީސުން އޭސީސީއަށް ހާޒިރު ކުރަން ނުޖެހޭ ގޮތަށް އޭސީސީން އުސޫލެއް އެކުލަވާލާ އާންމުކޮށްފައިވާނެ ކަމަށެވެ. އެހެންކަމުން އެ އުސޫލުގެ ދަށުން ރައީސް މައުމޫން އޭސީސީއަށް ހާޒިރު ނުކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ލުތުފީ ވިދާޅުވީ ރައީސް މައުމޫނާ ސުވާލުކުރަން ބޭނުންވަނީ 2007 އަދި 2008 ވަނަ އަހަރުގެ ތީމުގޭގެ އޮޑިޓް ރިޕޯޓް މައްސަލާގައި ކަމަށާއި އެމަނިކުފާނު ސުވާލު ނުކުރެވި މައްސަލަ ނިންމެން ނެތް ކަމަށެވެ.
ލުތުފީ ވިދާޅުވީ ރައީސް މައުމޫނާ ސުވާލުކުަރަން ބޭނުންވާތީވެ މިމަހުގެ 19 ވަނަ ދުވަހު އޭސީސީން އެމަނިކުފާނަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ. ނަމަވެސް އެ ސިޓީގެ ޖަވާބު އަދިވެސް ލިބިފައި ނުވާ ކަން ފާހަގަކުރައްވަމުން ލުތުފީ ވިދާޅުވީ އެ ސިޓީގައި އެމަނިކުފާނަށް ފަސޭހަފުޅު ވަގުތެއްގައި އެމަނިކުފާނު އެދިވަޑައިގަންނަވާ ތަނަކަށް އޭސީސީގެ ޓީމެއް ދިއުމަށް އެދިފައިވާނެ ކަމަށެވެ.
"މިރިޕޯޓްގައި މައުމޫނާ ގުޅޭ ޝަކުވާތަކެއް ހުރީމާ އެމަނިކުފާނާ ސުވާލުކޮށްގެން މައްސަލަ އަވަހަށް ނިންމަން ބޭނުންވާތީ ސުވާލުކޮށްލަން އެދިފައިވާނީ،"ލުތުފީ ވިދާޅުވި އެވެ.
ތީމުގޭގެ އޮޑިޓް ރިޕޯޓްގައި އޭރުގެ ސަރުކާރުން ގާނޫނާ ހިލާފަށް ހަރަދުތަކެއް ކޮށްފައިވާ ކަމަށް އޭރުގެ އޮޑިޓާ ޖެނަރަލް އިބްރާހީމް ނައީމް ވިދާޅުވެފައިވެ އެެވެ. އަދި މި ރިޕޯޓް ނެރުނީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކެމްޕޭން ފެށިފައިވާ ދުވަސްވަރު ކަމަށްވާތީ އޭރުގެ ސަރުކާރުން ތީމުގޭގެ އޮޑިޓް ރިޕޯޓް ސިފަކޮށްފައިވަނީ "ޓައިމް ބޮމެއް" ގޮތަށެވެ.
ރައީސް މައުމޫން އޭސީސީއަށް ހާޒިރުވުމަށް އަންގާފައެއް ނުވާނެ: ލުތުފީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ