ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓުން ހަނގުރާމަވެރި ހަތިޔާރު ފެނުނު މައްސަލާގައި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުއްވައިފި އެވެ.
އަދީބް ސޮއިކުރައްވާ އަދި އިނގިލީގެ ނިޝާން ޖައްސަވާފައިވާ ދެ ސޮފްހާގެ މި ސިޓީ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދަށް ފޮނުއްވާފައިވަނީ މިމަހުގެ 20 ވަނަ ދުވަހު އެވެ.
ވީނިއުސް އަށް ލިބިފައިވާ މިސިޓީގައި އަދީބް ވިދާޅުވެފައިވަނީ ނާޒިމް ދިރިއުޅުއްވަމުން ގެންދެވި އެޕާޓްމަންޓްގެ ތެރެއިން ފުލުހުން ހޯދި ފިސްތޯލައިގެ ހަގީގަތާއި އެކަން ހިނގާދިޔަ ގޮތް ނުހަނު ރަނގަޅަށް އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަަމަށެވެ. އެހެންނަމަވެސް އެ އެޕާޓްމަންޓުން ފެނުނު ހަތިޔާރު ތަކުގެ އެއްވެސް މައުލޫމާތެއް ނާޒިމަށް އެނގިވަޑައިގެންފައި ނުވާނެ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
"މުހައްމަދު ނާޒިމް އޭރު ދިރިއުޅެމުން ދިޔަ އެޕާޓްމަންޓުން ފުލުހުން ހޯދި ފިސްތޯލައާއި ތިން ވަޒަނަކީ މުހައްމަދު ނާޒިމްގެ އެއްޗެއް ނޫން ކަމާއި އެ ފިސްތޯލައާއި ތިން ވަޒަން މުހައްމަދު ނާޒިމް ދިރިއުޅޭ އެޕާޓްމަންޓުން ފެންނަން ޖެހުނު ގޮތެއް މުހައްމަދު ނާޒިމަށް އެނގިފައި ނުވާނެ ކަމުގެ ކަށަވަރުކަން އިއްޒަތްތެރި އުއްތަމަ ފަނޑިޔާރަށް އަޅުގަނޑު މިއަރުވަނީ އެ ހާދިސާ އެގޮތަށް ހިނގަން މެދުވެރިވި ސަބަބާއި، އެ ރޭވުން ފެށިގެން އައި ގޮތާއި އެކަމުގައި ބައިވެރިވީ މީހުންނާއި އެކަން ނިމިގެން ދިޔަ ގޮތް ނުހަނު ރަނގަޅަށް ދެނެހުރި މީހެއްގެ ހައިސިއްޔަތުންނެވެ." ސިޓީގައިވެ އެވެ.
ނާޒިމްގެ މި މައްސަލައިގެ ޝަރީއަތް ހިނގަމުން ދިޔަ ދުވަސްވަރު ނާޒިމްގެ ފަރާތުން ކޯޓަށް ހުށަަހެޅި ދިފާއީ ހެކިންގެ ތެރޭގައި އަހްމަދު އަދީބްގެ ނަން ހިމަނާފައިވެ އެވެ. މިކަމާ ގުޅިގެން އަދީބްގެ ސިޓީގައި ވިދާޅުވެފައިވަނީ ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓުން ހަތިޔާރު ފެނުނު މައްސަލާގައި ޝަރުއީ ކޯޓު ތަކަށާއި ދިވެހި ރައްޔިތުންނަށް ހާމަކުރައްވަން ޖެހިވަޑައިގަންނަވާ ހަގީގަތްތައް ހާމަކުރައްވަން އެމަނިކުފާނު ތައްޔާރަށް ހުންނެވި ކަމަށެވެ.
"ދިވެހިރާއްޖޭގެ ޝަރުއީ ކޯޓެއްގައި މުހައްމަދު ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައާއި ތިން ވަޒަނުގެ ހަގީގަތް ހާމަކުުރުމުގެ ފުރުސަތު އަޅުގަނޑަށް ލިބިއްޖެނަމަ މުހައްމަދު ނާޒިމްގެ މައްޗަށް ރޭވި ތަމްސީލްވެގެން ދިޔަ ކަންތަކުގެ ތަފްސީލްތައް ހިއްސާކޮށް ޝަރުއީ ކޯޓަކުން ފައިސަލާކޮށްފައިވާ ކަމަކާ ގުޅިގެން ޝަރުއީ ހަމަތަކުގެ މަތިން ދިވެހިރާއްޖޭގެ ކޯޓު ތަކަށާއި ދިވެހި ލޮބުވެތި ރައްޔިތުންނަށް ހާމަކޮށްދޭން ޖެހޭ އެންމެހާ ހަގީގަތްތައް ހާމަކޮށްދިނުމަށް ތައްޔާރަށް ހުރި ވާހަކަ ދެންނެވީމެވެ. އަދި މުހައްމަދު ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައާއި ތިން ވަޒަނަކީ މުހައްމަދު ނާޒިމްގެ ތަކެތި ނޫން ކަމާއި މުހައްމަދު ނާޒިމް އަށް އެތަކެތީގެ ހަގީގަތް އެއްވެސް މިންވަރަކަށް އެއްވެސް އިރެއްގައި އެނގިފައި ނުވާނެ ކަން ޝަރުއީ ހަމަތަކުގެ މަތިން ސާބިތުކޮށްދޭނެ ކަމުގެ ޔަގީންކަންވެސް އަރުވަމެވެ،" އަދީބްގެ ސިޓީ ނިންމަވާލައްވަމުން ވިދާޅުވެފައިވެ އެވެ.
ނާޒިމްގެ މައްސަލާގައި އަދީބް ފަރާތުން ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުއްވާފައިވާ ކަން ނާޒިމާއި އަދީބްގެ އަރިސް ބޭފުޅުން ވެސް ވަނީ ވީނިއުސް އަށް ޔަގީންކޮށްދެއްވާފަ އެވެ. ނަމަވެސް މިސޓީއާ ގުޅިގެން ސުޕްރީމް ކޯޓުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ނާޒިމް ދިރިއުޅުއްވި ގ. އެނިފްގެ އެޕާޓްމަންޓުން ފެނުނު ފިސްތޯލައިން ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަން މިދިޔަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހު ފުލުހުން ވެސް ވަނީ ޔަގީންކޮށްދީފި އެވެ. އެގޮތުން ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓްގެ ތެރެއިން ފެނުނު ފިސްތޯލައިން ނެގުނު ސާމްޕަލްތަކެއްގެ ތެރެއިން އެއް ސާމްޕަލް އަދީބްގެ ޑީއެންއޭއާ ދިމާވެފައިވާ ކަމަށާއި އެހެންކަމުން ނާޒިމާ ދޭތެރޭ ގޮތެއް ނިންމާނީ ޝަރުއީ ދާއިރާ އިން ކަމަށްވެސް ފުލުހުން ކުރިން ބުނެފައިވެ އެވެ.
ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ކުށުގައި ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 27 މާޗް 2015 ގައެވެ. ކްރިމިނަލް ކޯޓުން ނާޒިމުގެ މައްޗަށް އިއްވި ހުކުމްގައި ބުނެފައިވަނީ ނާޒިމްގެ ކޮޓަރިން ފެނުނު ހަތިޔާރަކީ އޭނާގެ އެއްޗެއް ނޫންކަން ޝަރީއަތުގައި ސާބިތުކޮށް ދެއްވިފައި ނުވާ ކަމަށެވެ. މިހުކުމަށް ހައިކޯޓުން ތާއީދުކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ 15 ވަނަ ދުވަހު އެވެ. ކްރިމިނަލް ކޯޓާއި ހައިކޯޓުގެ ހުކުމަށް ތާއީދުކޮށް ސުޕްރީމް ކޯޓުން މިމައްސަލަ ބަލައިނުގަތުމަށް ނިންމާ މިމައްސަލަ ނިންމީ މިދިޔަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހު އެވެ.
ސުޕްރީމް ކޯޓުން މިމައްސަލަ ނިންމީ ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓުން ފެނުނު ފިސްތޯލައިން އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަން ފުލުހުން ހާމަކުރިން ފަހުންނެވެ. އަދި ސުޕްރީމް ކޯޓުން މިމައްސަލަ ނިންމީ ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓުން ފެނުނު ފިސްތޯލައަކީ ނާޒިމްގެ އެއްޗެއް ނޫން ކަމާއި އެތަނުގައި އެ ފިސްތޯލަ ބޭއްވި ފުލުސް އޮފިސަރުގެ މައުލޫމާތު އިނގޭ ކަމާއި އަދި އެ މައުލޫމާތު ޝަރީއަތުގެ މަޖިލީހާއި ހިއްސާކުރުމަށް ބޭނުންވާ ކަމަށް ނާޒިމުގެ ގާނޫނީ ވަކީލުން އެދިފައި ވަނިކޮށެވެ.
ނާޒިމް ޖަލަށް ލުމަށް ހުކުމް ކުރި މައްސަލަ އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށް ހުށަހެޅުމުން އެތަނުން ވެސް މިމައްސަލަ ނިންމުމަށްފަހު ދިވެހި ސަރުކާރަށް ގޮވާލާފައިވަނީ ކާނަލް ނާޒިމު މިނިވަން ކުރުމަށާއި ގާނޫނާ ގަވައިދާ ހިލާފަށް ނާޒިމް ބަންދުގައި ބަހައްޓާފައިވާތީ އޭނާއަށް ބަދަލު ދިނުމަށެވެ.
އަދީބް ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީ: ނާޒިމާއި ހަތިޔާރުތަކާ އެއްވެސް ގުޅުމެއް ނެތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ