އެންމެ މީހެއްގެ ވިސްނުމަށް މުޅި ގައުމުގެ ރައްޔިތުން ލަންބަން އުޅުމަކީ ގައުމުގައި ހަމަނުޖެހުން އުފެދޭނެ ކަމެއް ކަމަށާއި، މިއަދު ދިވެހިރާއްޖެއިން ފެނިގެންމިދަނީ އެ މަންޒަރު ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީއަށް 10 އަހަރު ފުރުން ފާހަގަކުރުމަށް މާލޭގައި ހުންނަ ޖޭޕީގެ މައި މަރުކަޒުގައި ހުކުރު ދުވަހުގެރޭ ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބްރާހިމް އިސްމާއިލް ވިދާޅުވީ، ސިޔާސީ ޕާޓީތައް އުފައްދަނީ ގައުމުގައި ހިންގަން ބޭނުންވާ ވަކިކަހަލަ ސިޔާސަތުތަކެއް، އެއްފިކުރަކުން ގަބޫލުކުރާ ބަޔަކު ގުޅިގެން އެކަންކަން އެގައުމުގައި ކުރިއެރުވުމަށް ކަމަށާއި އެއްވެސް ގައުމެއްގައި އެއްވެސް އިރެއްގައި ތިބޭނީ ހުރިހާ ކަމެއް އެއްގޮތެއްގައި ދެކޭބައެއް ނޫންކަން އެއީ ގަބޫލުކުރަންޖެހޭ ހަގީގަތެއް ކަމަށް ވިދާޅުވިއެވެ.
ކޮންމެ މުޖުތަމައެއްގައިވެސް ކޮންމެ ތަނެއްގައިވެސް ތަފާތު ފިކުރާއި، ޚިޔާލު ތަފާތުވުން އެއީ އޮންނަ އެއްޗެއް ކަމަށާއި، ގައުމަށް ހަމަޖެހުން އަންނާނީ އެކަން ބަލައިގަނެ އެއަށް ޖާގަ ދިންވަރަކަށް ކަމަށާއި، ގައުމުގައި އަމާންކަން އޮންނާނީ، ގައުމު ކުރިއަށްދާނީވެސް އެކަމަށް ޖާގަދިން ވަރަކުން ކަމަށްވެސް އިބްރާހިމް އިސްމާއިލް ވިދާޅުވިއެވެ.
އިބްރާހިމް އިސްމާއިލް ވިދާޅުވީ، ރާއްޖޭގެ ރައްޔިތުން މިއަދު ދަތުރުކުރަމުންދަނީ ސިޔާސީ ޕާޓީ ފަހަނައަޅައި އިންސާފުގެ މަގަށް ކަމަށާއި، އިންސާފު ގެނައުން ހުއްޓުވޭނެ އެއްވެސްބަޔަކު ނެތް ކަމަށެވެ.
ކޮންމެ ގޮތަކަށް ކޮންމެ ކަމެއް ކަނޑައަޅާފައި އޮތަސް ގައުމުގެ ކަންކަން ދާނީ ރައްޔިތުންދޭ އެދޭ ދިމާއަކަށް ކަމަށާއި، އެކަން ނުހިފެހެއްޓޭނެ ކަމަށެވެ. ރާއްޖޭގެ ސިޔާސީ މައިދާނުން ޖާގަ އޮތީވެސް އެކަންކަން ގަބޫލުކޮށްގެން ކުރިއަށްދާ މީހުންނަށް ކަމަށް އިބްރާ ވިދާޅުވިއެވެ. ސިޔާސީ މައިދާނުގަ ޖާގަ އޮންނާނީ ރައްޔިތުންގެ ވިންދާ އެކީގަދާން އެނގޭ މީހުންނަށް ކަމަށާއި، އެއާ ދެކޮޅަށްދާ މީހުން ަރުބަލިވެ ގެނބޭނީ ކަމަށްވެސް އިބްރާ ވިދާޅުވިއެވެ.
"ކަން ހިނގާމަގަށް ކަނުލޮލެއް ދީގެން އުޅޭމީހުން ....... މިމީހުން ސިޔާސީ މައިދާނުގެ ދައްކާނެއޮތީ ކޮން ވާހަކައެއްތޯ. ސިޔާސީ މައިދާނުގައި އުސްތަނަކަށް އެރީމާ ދެން އެވަނީ ކިހިނެއްތޯ، އެ އުސްތަނަށް ނާރާންވާ މީހުން ރައްޔިތުންނަށް ލެވުނީމާ، ދެން ނުކުންނަ ނަތީޖާ މިދެކެނީ. މިއީ އަޅުގަނޑުމެން އަމިއްލަޔަށް ބުއި ބޮނޑިއެއް. މިކަމުން ސަލާމަތް ވާންޖެހޭނީވެސް އަމިއްލައަށް. އެފުރުސަތު މިލިބެނީ 23 ސެޕްޓެމްބަރުގަ" ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރުކަންވެސް ކުރައްވާފައިވާ އިބްރާހިމް އިސްމާއިލް ވިދާޅުވިއެވެ.
އިބްރާ ވިދާޅުވީ ރާއްޖޭގެ ކަންކަން ގޮސްފައިވާ ހިސާބުން އެންމެ ޕާޓީއެއްގެ ލީޑަރަށް ނޫނީ މަގުމަތީގަ ހިނގާލެވޭކަމަށް މިއަދު ނެތް ކަމަށެވެ. ގުޅިފައިވާ ހަތަރު ލީޑަރުން ތިއްބެވީ ޖަލުގައި ނުވަތަ ބަންދުގައި ކަމަށް ވިދާޅުވިއެވެ.
ފެހިގާނޫނުއަސާސީ ލިޔުނުއިރު އުންމީދުކުރި އެއްވެސް ކަމެއް މިދިޔަ 10 އަހަރު ނުފެންނަ ކަމަށާއި، އާންމު ރައްޔިތުން އުންމީދުކުރި އެއްވެސް އެއްޗެއްގައި އަތްލާކަށް އަދި ނުލިބޭ ކަމަށް އިބްރާ ވިދާޅުވިއެވެ. އިންސާފު ހޯދުން އެއީ އޭރުވެސް އެންމެ ބާރަށް ދައްކަމުންދިޔަ ވާހަކަ ކަމަށާއި، އަދިވެސް ދައްކަދައްކާ ތިބެންޖެހޭ ވާހަކަ ކަމަށް ވިދާޅުވިއެވެ.
މިހެންކަން ހުރުމުން، އަންނަ އިންތިޚާބަށް އެންމެހާ ރައްޔިތުން ނުކުތުމަށާއި، ހެނދުނު ހެނދުނާގޮސް ވޯޓްލުމަށާއި، މިހާރުއްސުރެ ކޮންމެ ދުވަހަކު އެއްފަހަރު ވޯޓްލާފޮށި ރަޖިސްޓަރީ ކޮށްފަ އޮތްތަނެއް ބެލުމަށާއި، އެކަންކަން ނުކޮށްދެތިބެ ގައުމު އޮޔާލީމާ ދެން އެވާހަކަ ދައްކާނެ ކަމެއްނެތް ކަމަށް އިބްރާ ވިދާޅުވިއެވެ.
ހަވަނަ ހަސަން ރަސްގެފާނު ޕިޗޯރީން ގޮވައިގެން އައި އިރަށްވުރެ މިރާއްޖޭގެ އިސްތިގްލާލު މިހާރުމިވަނީ ގެއްލިގެން ގޮސްފައި ކަމަށާއި، 23 ސެޕްޓެމްބަރުގައި އަބްދުﷲ ޔަމީން ވެރިކަމަށް އަތުވެއްޖެނަމަ ވާނެ ވަރަށް ގިނަގޮތް އެބަހުރި ކަމަށް އިބްރާ ވިދާޅުވިއެވެ.
"އަޅުގަނޑު އެންމެ ކަންބޮޑުވަނީ ދެން މިރާއްޖޭގެ ރައްޔިތުންނަކަށް ވޯޓްފޮށްޓެއް ނުފެންނާނެ، ދެވަނަ ކަމަކަށް ކޮންމެ އަތޮލެއްގައި އެއްރަށުގައި މީހުން ދިރިއުޅޭނީ، އެހެން ހުރިހާ ރަށްތައް މިލްކުކޮށްގެން އުޅޭނީ ބޭރުމީހުން. ރާއްޖޭގެ ތިންލައްކަ މީހުންގެ މައްޗަށް އަމުރުމައުރޫފް ހިންގަން ދެތިންމިލިއަން ބިދޭސީން މިރާއްޖޭގައި އުޅޭނެ" އިބްރާ ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ 10 ވަނަ އަހަރީ ދުވަހާ ގުޅުވައި އިބްރާ ވިދާޅުވީ، ޖޭޕީގެ އޮޑި މިހިސާބަށް އައިސްފައިވަނީ ސިޔާސީ ވަރަށް ހަލަނބޮލި، ރާޅުގިނަ ކަނޑެއްގައި ދަތުރުކޮށްފައި ކަމަށާއި، އެއީ ކުޑަކަމެއްނޫން ކަމަށެވެ.
އެންމެ މީހެއްގެ ފިކުރަށް ރައްޔިތުން ލަންބަން އުޅުމަކީ ހަމަނުޖެހުން އުފެދޭނެކަމެއް: އިބްރާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ