ރައްޔިތުން މަޖިލީހުގެ އާ އިމާރާތަށް ފަރުނީޗަރު ހޯދަން އިއުލާންކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އެދުމުގެ މަތިން އެ އިދާރާގެ 13 ބުރީގެ އިމާރާތަށް ބޭނުންވާ ފަރުނީޗަރާއި ފިޓިންގްސް އަދި ޕާޓިޝަން ސަޕްލައިކުރުމާއި، ޑެލިވަކުރުމާ އަދި އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް އެމިނިސްޓްރީން މީގެކުރިން ކުރި އިއުލާނާ ގުޅިގެން ހުށަހަޅާފައިވާ ބީލަންތައް ބާތިލުކޮށް މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލާ ކަމަށެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެ ކަމަށެވެ. ފައިސާ ބަލައިގަންނާނީ މިއަދުން ފެށިގެން މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރު 12:00 އަށް ކަމަށްވެސް އިއުލާންގައިވެ އެވެ.
އިއުލާންގައި ބުނެފައިވަނީ މިމަސައްކަތްތަކާ ބެހޭ އެންމެހާ ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯމެޓުގައި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށާއި އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މައުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއް ކަމަށެވެ.
ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 80,000 ރުފިޔާ ހުށަހަޅަން ޖެހޭނެ ކަމަށާއި ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 118 ދުވަސް ކަމަށްވެސް އިއުލާންގައިވެ އެވެ. މިމަސައްކަތާ ގުޅޭގޮތުން އެއްވެސް ސުވާލެއް އޮތް ނަމަ މިމަހުގެ ހަތްވަނަ ދުވަހުގެ މެންދުރުފަހު 2:00 ޖެހުމުގެ ކުރިން އީމެއިލްކޮށްގެން އެ މައުލޫމާތެއް ސާފުކުރުމަށްވެސް އިއުލާންގައިވެ އެވެ.
މިއިއުލާންގައި ބުނެފައިވަނީ ބީލަން ހުޅުވުން އޮންނާނީ މިމަހުގެ 11 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ޖަހާއިރު ފިނޭންސް މިނިސްޓްރީގައި ކަމަށެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައި ކަމަށާއި ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި، ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެ ކަމަށްވެސް އިއުލާންގައި ވަނީ ބުނެފަ އެވެ.
ރައްޔިތުން މަޖިލީހުގެ އާ އިމާރާތަށް ފަރުނީޗަރު ހޯދަން އިއުލާންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ