ދޮށީ އުމުރުގެ މީހުންނަށް އެލަވަންސެއް ދީފައި ގޭގައި ބޭތިއްބުމަކީ މޮޅު ގޮތެއް ނޫން: ރައީސް

ދޮށީ އުމުރަށް ދިއުމުން ދައުލަތުގެ ބަޖެޓުން އެލަވަންސެއް ދީފައި ގޭގައި ބޭތިއްބުމަކީ އެމީހުންނަށް އެންމެ ފައިދާހުރި ގޮތް ނޫން ކަމަށާއި އޭގެ ބަދަލުގައި ހަރަކާތްތެރި ދިރިއުޅުމަކަށް އެމީހުންނަށް ފުރުސަތު ފަހިކޮށްދިނުން މާ މުހިއްމު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އޭޖް ކެއަ މޯލްޑިވްސްގެ ނަމުގައި މިހާރު ހިންގަމުންދާ މަންފާ ސެންޓަރަށް 15 އަހަރު ފުރުމުގެ ގޮތުން ފެކަލްޓީ އޮފް ހެލްތު ސައިންސަސްގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ދޮށީ އުމުރުގެ މީހުންނަށް ހަރަކާތްތެރި ދިރިއުޅުމެއް އުޅެވޭނެ ފުރުސަތު ފަހިކޮށްދިނުމާއެކު އަމާން މާހައުލެއް މުޖުތަމައުގެ ތެރެއިން ހޯދައިދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަދު ތަރައްގީގެ ގޮތުގައި މިފެންނަ ކޮންމެ ކަމަކީ، މުސްކުޅިކުރެވިފައިވާ ބޭފުޅުންގެ، ގައުމީ ހިދުމަތުގެ މަލަތައް ކަމަށެވެ. އެހެންކަމުން އެ މީހުންގެ ހިދުމަތުގެ އަގު އަބަދުވެސް ވަޒަންކުރަން ޖެހޭނެ ކަމަށާއި، އަބަދުވެސް އެމީހުންނަށް އިހްތިރާމް ކުރަންޖެހޭނެ ކަމުގައިވެސް ވިދާޅުވިއެވެ.
ދޮށީ އުމުރަށް ދިއުމުން އުމުރުން ދުވަސްވެފައި ތިބޭ މީހުން އެންމެ ބޭނުންވާނީ ކައިރީގައި ހިދުމަތް ކޮށްދޭން ހުންނާނެ ބިދޭސީއެއް ނޫން ކަމަށާއި އެ އުމުރަށް ދިއުމުން އެންމެ ބޭނުންވާނީ ދަރިންގެ އަޅާލުމާއި ލޯތްބާއި އޯގާތެރިކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދޮށީ އުމުރުގެ މީހުންނަށް މިއަދު ކުރިމަތިވަމުންދާ އެންމެ ބޮޑު ހިތްދަތިކަމަކީ އެމީހުން މުސްކުޅިވީ ދުވަހު ލޯބިދީ އަޅާލާނެ ދަރިން ކައިރީގައި ނެތުމުގެ އިހުސާސްތައް ކުރަންޖެހުމާއި އެމީހުންނަށް ކުރިމަތިވާ ނަފްސާނީ މައްސަލަތައް ކަމަށެވެ. މައިންބަފައިން ވެފައިވާ ގުރުބާނީ ހަނދާން ނައްތާނުލާ އެމީހެއްގެ ފުދުންތެރިކަން ހުރި މިންވަރަކުން މައިންބަފައިންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދޭން މަސައްކަތްކުރުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރެއްވި އެވެ.
މި ރަސްމިއްޔާތުގައި މަންފާ ސެންޓަރަށް 10 އަހަރަށް ވުރެ ގިނަ ދުވަހު މެދުނުކެނޑި ހިދުމަތްކުރައްވާފައިވާ މަންފާގެ މެންބަރުންނަށާއި، ގިނަ ދުވަހު އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅުންނަށާއި މުވައްޒަފުންނަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވަނީ ހަނދާނީ ފިލާ ދެއްވާފަ އެވެ.
މަންފާ ސެންޓަރަކީ ދޮށީ އުމުރުގެ މީހުންނަށް އެ މީހުންގެ އުމުރާ ގުޅޭ ގޮތުން، ހޭލުންތެރިކުރުމުގެ ތަފާތު ޕްރޮގްރާމްތައް ހިންގާ މަރުކަޒެކެވެ. ދޮށީ އުމުރުގެ ދުވަސްތައް ގުނަމުންދާއިރު، އުފާވެރި ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރެވޭނެ ގޮތްތަކާ މެދު ހޭލުންތެރިކުރުމަކީ، މި މަރުކަޒުގެ އެންމެ މުހިއްމު އެއް މަގުސަދެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދާއި ނާއިބު ރައީސް ފައިސަލް ނަސީމްގެ ދެކަނބަލުންނާއި ދައުލަތުގެ ބައެއް ވަޒީރުން ބައިވެރިވެ ވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ