ޤާނޫނު އަސާސީ އިސްލާހު ކުރަން ރައީސް ނަޝީދު ސުޕްރީމް ކޯޓުގެ ލަފައެއް ބޭނުންވޭ

ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ތިބެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރުމާ މެދު އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ ލަފައެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު މެންބަރުންގެ އަރިހުން އެދިވަޑައިގެންފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ސަރުކާރުން ހުށަހަޅާފައިވާ ގޮތައް ޤާނޫނު އަސާސީ އިސްލާހު ކުރަން ބަންޑާރަ ނައިބާއި މަޖިލީހުގެ ކައުންސިލަ ޖެނެރަލް ގާނޫނު އަސާސީ އިސްލާހު ކުރަން އިއްތިފާގުވާ ކަމަށެވެ. ނަމަވެސް މަޖިލީހުގެ ބައެއް މެންބަރުންނަށް އެއީ އެންމެ ރަނގަޅު ލަފައެއްގެ ގޮތުގައި ފެނިފައި ނުވާ ކަމަށެވެ.
"ބަންޑާރަ ނައިބު ވިދާޅުވާ ގޮތްތަކެއް އެބަވޭ. އަދި ކައުންސިލަ ޖެނެރަލް އިއްތިފާގުވޭ އެ ހަމަތަކާ. ނަމަވެސް މަޖިލީހުގެ ބައެއް މެންބަރުން އެއްބަހެއް ނުވޭ މި ހަމަތަކާއެއް." ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ދައުލަތުގެ ބަންޑާރަ ނައިބާއި މަޖިލީހުގެ ކައުންސިލަ ޖެނެރަލްގެ އިތުރުން މަޖިލީހުން ލަފައެއް ހޯދެން އޮތް މުއައްސަސާއަކީ ރާއްޖޭގެ އެންމެ މަތީ ޝަރުއީ ކޯޓު ކަމުގައިވާ ސުޕްރީމް ކޯޓު ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ލަފައެއް ހޯދޭނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ ގޮތަށް ފާސްކޮށްގެން ކަމަށް ވާތީ މެންބަރުން އެގޮތައް ނިންމަވައި ދެއްވުމަށް ނަޝީދު އެދިވަޑައިގެންނެވިއެވެ.
"ގާނޫނު އަސާސީގައި ދެން ލަފާ ހޯދާ ތަނަކަށް މި އޮންނަނީ ސުޕްރީމް ކޯޓުން، އެ މަގުން ހިނގައިގެން ވަގުތީ ހައްލެއް ލިބިދާނެ ކަމަށް. އެކަން ކުރަން ނިންމާނީ މެންބަރުން. މެންބަރުން ފާސްކޮށްގެން ސުޕްރީމް ކޯޓުގެ ލަފައެއް ހޯދަން ނިންމޭނީ." ނަޝީދު ވިދާޅުވި އެވެ.
ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބިލު ފާސްކުރަން އެމްޑީޕީގެ މެންބަރުންނަށް ތްރީލައިން ވިޕެއް ނެރުމަށް ރޭ ވަނީ ފާސްކޮށްފައެވެ. ނަމަވެސް ސަރުކާރުން ހުށަހަޅާފައިވާ ގޮތައް ޤާނޫނު އަސާސީ އިސްލާހު ކުރަން ނަޝީދާއި، އެމްޑީޕީގެ ބައެއް މެންބަރުން ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ