ގާނޫނު އަސާސީ އިސްލާހް ކުރަން ސްޕްރީމް ކޯޓުން ލަފާ ދީފި

މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ދަންމާލަން ގާނޫނޫ އަސާސީއަށް އިންތިގާލީ މާއްދާއެއް އިތުރުކޮށް ގާނޫނު އަސާސީ އިސްލާހް ކުރަން ސްޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހަށް ލަފާ ދެއްވައިފިއެވެ.
މި ލަފާ ނެރުއްވާފައިވަނީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ކައުންސިލް އިންތިޚާބު ބާއްވަން ހަމަޖެހިފައި އޮތީ މިދިޔަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހުއެވެ. ނަމަވެސް އެ އިންތިޚާބު ނުބޭއްވުނީ ކޮވިޑް-19 ގެ ނުރައްކަލާއި ގުޅިގެން ރާއްޖޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާއި ގުޅިގެންނެވެ.
އެހެންވެ ކައުންސިލަރުންގެ ދައުރު އިތުރު ކުރުމަށް މަޖިލީހަށް ގާނޫނުއަސާސީ އިސްލާހު ކުރުމަށް ސަރުކާރުން ވަނީ ހުށަހަޅާފައެވެ. އަދި އެ ބިލު ބަލައިގަތުމަށް ވަނީ ނިންމާފައެވެ.
މި ހާލަތުގައި ކައުންސިލަރުންގެ ދައުރު އިތުރު ކުރުމަކީ ގާނޫނީ ގޮތުން އެއްވެސް މައްސަލައެއް ދިމާވާނެ ކަމެއްތޯ ބެލުމަށް ސުޕްރީމް ކޯޓުގެ އިޝްތިޝާރީ ލަފައަކަށް އެދުމުން ސްޕްރީމް ކޯޓުން ނެރުނު އިސްތިޝާރީ ލަފާގައި ވިދާޅުވެފައި ވަނީ، ސަރުކާރުން މިހާރު ހުށަހަޅާފައިވާ ގޮތަށް، ގާނޫނުގެ ހަތަރު ވަނަ މާއްދާ އަށް އިސްލާހު ގެނައުމުގެ ބަދަލުގައި އެ ބިލުން ނުވަތަ އެހެން ބިލަކުން ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް އިސްލާހު ގެނެސް ނުވަތަ އެ މާއްދާގެ ނައްސަށް ބަދަލު ގެނައުމުގެ ބަދަލުގައި އެ މަގްސަދަށްޓަކައި ގާނޫނުއަސާސީގެ 13 ވަނަ ބާބުގެ ފަހަތަށް އިންތިގާލީ މާއްދާއެއް ހިމަނަން ފެންނަ ކަމަށެވެ.
އަދި އެގޮތަށް ގެނެވޭ އިސްލާހު ގާނޫނުގެ ބައެއްގެ ގޮތުގައި ހިމެނޭ ތާރީހުން ފެށިގެން އެންމެ އަވަހަށް ބޭއްވޭ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުން އެ މަގާމުތަކުގައި ތިބޭނެ ކަމަށް ސަރީހަކޮށް ބަޔާންކޮށްފައި އޮންނަން ވާނެ ކަމަށް އެ ލަފާގައި ވެއެވެ.
އަދި މީގެ އިތުރުން މިގޮތަށް އިސްލާހު ގެނެސްގެން މެނުވީ 4 އެޕްރީލް 2020 ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ކައުންސިލުތަކުގެ އިންތިޚާބު ފަސްކުރަންޖެހުމާއި ގުޅިގެން، އެ އިންތިޚާބު ބޭއްވުމަށް ރައްކާތެރި މާހައުލެއް ގާއިމްވެ އާ އިންތިޚާބެއް ބޭއްވުމާއި ހަމައަށް ދިމާވާ ޤާނޫނީ ހުސްކަން ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ފޫބެއްދޭނެ ކަމަށް ނުފެންނަ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ