ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދެން މަޖިލީހުން ފާސްކޮށްފި
މިހާރު ތިބި ކައުންސިލަރުންގެ މުއްދަތު އިތުރުކުރުމަށް ގާނޫނު އަސާސީ އިސްލާހުކުރުމަށް ދިމާވެދާނެ ގާނޫނީ މައްސަލަތަކާ ގުޅޭގޮތުން ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފަޔަކަށް އެދެން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދުމަށް ހުށަހަޅާފައިވާ ގަރާރު ފާސްކުރީ މިރޭގެ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެމްބަރުންގެ ތެރެއިން 61 މެމްބަރުންގެ ވޯޓުންނެވެ. ގަރާރާ ދެކޮޅަށް ވޯޓުދެއްވީ އެންމެ މެމްބަރެކެވެ. މައްސަލައާ ގުޅިގެން ސުޕްރީިމް ކޯޓުގެ ލަފައެއް ހޯދަން ހުށަހަޅަން މިއަދުގެ މަޖިލިސް ޖަލްސާގައި ވަނީ ގަރާރެއް ހުށަހަޅައިފައެވެ. އެ ގަރާރު ހުށަހެޅުއްވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އެވެ. ޖޫން މަހުގެ ތިންވަނަ ދުވަހު ކައުންސިލަރުންގެ ދައުރު ހަމަވާއިރު، ދެން އަންނާނެ ގާނޫނީ ހުސްކަން ފޫބެއްދުމަށް އަދި ވަކި ގޮތެއް ނިންމިފައެއް ނުވެ އެވެ. ކައުންސިލަރުންގެ ދައުރު ދަންމާލަށް ސަރުކާރުގެ ފަރާތުން ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅާފައިވީ ނަމަވެސް، އެ މައްސަލައިގައި މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ މެދުގައި ވަނީ ވަރަށް ބޮޑަށް ހިޔާލުތަފާތުވުން އުފެދިފަ އެވެ. މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ބަންޑާރަނައިބު އިބްރާހިމް ރިފްއަތު އަދި ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވެސް ވަނީ ލަފާދެއްވައިފައެވެ. އޭޖީ އަދި ކައުންސެލް ޖެނެރަލް ވެސް ވިދާޅުވެފައި ވަނީ މައްސަލައިގައި އޮތް ހަމައެކަނި ހައްލަކީ ގާނޫނު އަސާސީ އިސްލާހުކުރުން ކަމަށެވެ. އެހެން ނަމަވެސް ގާނޫނު އަސާސީގެ 95 ވަނަ މާއްދާގެ ދަށުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ހުށަހެޅުއްވި ގަރާރުގައި ވިދާޅުވެފައި ވަނީ އިންތިހާބު ބޭއްވުމަށް ރައްކާތެރި މާހައުލެއް ގާއިމުވެ އާ އިންތިހާބު ބާއްވާ، އެ މެމްބަރުުން އިންތިހާބުވެ މަގާމާ ހަވާލުވުމާ ހަމައަށް ކުރިމަަތިވާ ގާނޫނީ ހުސްކަން ފޫބެއްދުމަށްޓަކައި އޮތް ހަމައެކަނި ގާނޫނީ ހަމައަކީ ގާނޫނު އަސާސީ އިސްލާހުކޮށް މިހާރު އިންތިހާބުކޮށްފައި ތިބި ރަށު ކައުންސިލްތަކާ، އަތޮޅު ކައުންސިލްތަކާ، ސިޓީ ކައުންސިލްތަކުގެ މުއްދަތު އިތުރުކުރުން ކަމަށް ރައްޔިތުންްގެ މަޖިލީހުގެ ހުރިހާ މެމްބަރުުންނަށް އިއްތިފާގު ނުވެވޭ ކަމަށެވެ. އެހެންކަމުން އިންތިހާބު ބޭއްވުމަށް ރައްކާތެރި މާހައުލެއް ގާއިމުވެ، އެ އިންތިހާބު ބޭއްވުމާ ހަމައަށް ދިމާވާ ގާނޫނީ ހުސްކަން ފޫބެއްދޭނެ ގާނޫނީ ހަމައަކީ ކޮބަައިކަމާއި، އަދި ކައުންސިލަރުން މަގާމުގައި ދެމިތިބޭނެ ކަމަށް ކަނޑައެޅުމުން ކުރިމަތިވެދާނެ ގާނޫނީ މައްސަލައަކާ ގުޅޭގޮތުން ސުޕްރީމް ކޯޓުގެ އިޝްތިހާރީ ލަފައެއް ހޯދުމަށް ގަރާރު ވަނީ ހުށަހަޅައިފައެވެ. އަބްދުލްޣަފޫރު ވިދާޅުވީ މިކަމުގައި ސުޕްރީމް ކޯޓުގެ ލަފަޔަކަށް ދިއުމުން، މި މައްސަލައިގައި ދައުލަތުގެ ހުރިހާ ފަރާތްތަކާ އެކު މަޝްވަރާކުރެވިގެންދާނެ ކަމަށެވެ. ގާނޫނުއަސާސީގެ 95 ވަނަ މާއްދާގައި ބުނެފައި ވަނީ ގާނޫނުގައި ކަން އޮތްގޮތާ މެދު އުފެދޭ މުހިންމު ސުވާލުތަކާ މެދު ނުވަތަ ގާނޫނީގޮތުން ކަމެއް އޮތްގޮތާމެދު ސުޕްރީމްކޯޓުގެ ލަފައަކަށް އެދި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރަކުން ސުޕްރީމްކޯޓަށް ހުށަހެޅިދާނެ ކަމަށެވެ. މިގޮތުން ހުށަހެޅޭ ކަންތައްތަކުގެ ތެރޭގައި ގާނޫނުއަސާސީ މާނަކުރުމުގެ މައްސަލަތަކާއި ވަކި ގާނޫނެއްގެ ސައްހަކަމާ މެދު އުފެދޭ ސުވާލުތައް ހިމެނެ އެވެ. އެ މާއްދާގައި ބުނެފައި ވަނީ އެފަދަ ކަންކަމަށް ސުޕްރީމްކޯޓުން ދޭ ލަފާ ބިނާކޮށްފައިވާ ސަބަބުތައް ބަޔާންކުރުމާއެކު އެ ލަފާ ސުޕްރީމްކޯޓުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާންވާނެ ކަމަށެވެ. އަދި އެ ލަފާ އޮންނާންވާނީ އިސްތިއުނާފު ކުރުމަށް ސުޕްރީމްކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި އެ ކޯޓުން ނެރޭ ހުކުމްތަކާ އެއްފަދައިން ކަމަށް ވެސް އެ މާއްދާގައި ބުނެ އެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބު ފަސްކޮށްދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނުން ވަނީ މީގެކުރިން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައި ފައެވެ. އެހެން ނަމަވެސް އިންތިހާބު ފަސްކުރުމުން ދެން ދިމާވާ ކަންކަމަށް ފަރުވާ ހޯދޭނީ ރައްޔިތުންގެ މަޖިލީހަށް ކަމަށާއި، އެއީ ކޯޓަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް މަޖިލީހުގެ ރައީށސް މުހައްމަދު ނަޝީދު ވިދާޅުވެ، އެކަމަށް މަޖިލީހުން ހައްލު ހޯދައިދެއްވާނެ ކަމަށް ވިދާޅުވުން، ސުޕްރީމް ކޯޓަށް ވެއްދި މައްސަލަ ވަނީ ނަގައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ