ބަލިމީހުންނާމެދު ކަންތައްކުރަނީ ޖަނަވާރުންނަށް ވުރެންވެސް ދަށުދަރަޖައިގައި: އިންޑިއާ ސުޕްރީމް ކޯޓު

ކޮވިޑް-19 ބަލިޖެހޭ މީހުންނާމެދު އިންޑިއާގެ ހޮސްޕިޓަލްތަކާއި، ކަމާބެހޭ އެހެން އިދާރާތަކުން ކަންތައްކުރާ ގޮތާމެދު އިންޑިއާގެ ސުޕްރީމް ކޯޓުން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފިއެވެ.
މިމައްސަލާގައި އިންޑިއާގެ ސުޕްރީމް ކޯޓުން މިއަދުވަނީ އިންޑިއާގެ ސަރަހައްދީ ސަރުކާރުތަކަށާއި، މައި ސަރުކާރަށް އިންޒާރުގެ ނޯޓިސް ފޮނުވާފައެވެ.
ސުޕްރީމް ކޯޓުން ބުނެފައިވަނީ، ކޮވިޑް-19 ބަލިޖެހޭ މީހުންނާމެދު އިދާރާތަކުން އަމަލުކުރަނީ ޖަނަވާރުންނާމެދު ކަންތައްކުރާ ވަރަށް ވުރެންވެސް ދަށު ދަރަޖައިގައި ކަމަށެވެ.
ސުޕްރީމް ކޯޓުން މި އިޝާރާތްކުރީ، ބަލްރާމްޕޫރުގެ ސަރުކާރު އޮފީހެއްގެ ކުރިމައްޗަށް މަރުވެގެން ވެއްޓުނު މީހަކާމެދު އަމަލުކުރި ގޮތް ސޯޝަލް މީޑިއާގައި އަމަލުކުރި އިހާނެތި ގޮތަށެވެ.
އުމުރުން 42 އަހަރުގެ މުހަންމަދު އަންވަރު ނަމަކަށްކިޔާ އެމީހާ މަރުވެގެން ވެއްޓުމުން އެތަނުގައި ތިބި މީހުން އޭނާގެ ހަށިގަނޑު ނަގައި އެއްލާލީ ކުނިލޮރީއެއްގެ ތެރެއަށެވެ. އެކަންކުރިއިރު ފުލުހުން ކައިރީގައި ބަލަންވެސް ތިއްބެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް އިންޑިއާއިންވަނީ 10،956 މީހުން އަލަށް ޕޮޒިޓިވްވެފައެވެ. އަދި 396 މީހުން މަރުވެފައި ވެއެވެ. މިއީ، އެއް ދުވަހެއްގައި އެންމެ ގިނަމީހުން މަރުވި އަދި އެންމެ ގިނަމީހުން ޕޮޒިޓިވްވި ދުވަހެވެ.
އިނގިރޭސިވިލާތް ފަހަނައަޅައި، ބަލީގެ ހާލަތު އެންމެގޯސް ލިސްޓުގެ ހަތަރުވަނައަށް އިންޑިއާ އެރިއިރު، އެގައުމުން ބަލި ޖެހުނު މީހުންގެ އަދަދު މިހާރުވަނީ 297،535 އަށް އަރާފައެވެ. މިބަލީގައި މިހާތަނަށް 8،498 މީހުން މަރުވެފައިވާ ކަމަށް އިންޑިއާ ސަރުކާރުގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއަރއިން ބުނެފައިވެއެވެ.
މިއީ، އިންޑިއާގެ ރަސްމީ އިދާރާތަކަށް އެނގިފައިވާ އަދަދުތައް ކަމަށް މީޑިއާއިން ބުނެއެވެ.
ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން އިންޑިއާގައިވެސް ކޮވިޑް-19 ބަލި ޖެހިފައިވާ މީހުންގެ އަސްލު އަދަދު އެތައްގުނަ އިތުރުވާނޭ ކަމަށް މުހައްލިލުން ވިދާޅުވެއެވެ. އަސްލު އަދަދު ނޭނގޭ ސަބަބުތަކުގެ ތެރެއިން އެއް ސަބަބަކީ އެކަށީގެންވާ މިންވަރަށް ޓެސްޓް ނުކުރެވޭތީ ކަމަށްވެސް ވިދާޅުވެއެވެ.
ބަލިޖެހޭ މީހުން ގިނަވެ، އިންޑިއާގެ ހޮސްޕިޓަލްތައް ފުރި ބަންޑުންވަމުންދާ ކަމަށް މީޑިއާއިން ރިޕޯޓް ކޮށްފައި ވެއެވެ.
ބަލީގެ ހާލަތު އެންމެ ގޯސްވެފައިވަނީ ވެރިރަށް ނިއުދިއްލީ ކަމަށާއި، ނިއުދިއްލީ މިހާރުއޮތީ ބަލީގެހާލަތު "ފަޅައިގެންދާ" ހާލަތުގައި ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
ނިއުދިއްލީ ސްޓޭޓް ސަރުކާރުގެ ޗީފް މިނިސްޓަރުގެ ނައިބް މަނީޝް ސިސޯޑިއާ ވިދާޅުވީ، ޖުލައިމަސް ނިމޭއިރު ނިއުދިއްލީން ބަލިޖެހޭ މީހުންގެ އަދަދު 550،000 އަށް އަރާނޭ ކަމަށް އަންދާޒާ ކުރެވިފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ