ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓަކު ޕްރައިމަރީން ބަލިވިޔަސް އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް ކަނޑައަޅައި ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ސްޕްރީމް ކޯޓުގެ ފުލް ބެންޗުން ބެއްލެވި މިމައްސަލައިގެ ހުކުމްގައި ބުނެފައިވަނީ ސިޔާސީ ޕާޓީއަކުން ބާއްވާ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓަކު އެ ޕްރައިމަރީން ބަލިވުމުން އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ މާއްދާއަކީ، ގާނޫނު އަސާސީ ހިލާފު މާއްދާއެއް ކަމަށެވެ.
މިގޮތުން ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 10 ވަނަ މާއްދާ ބާތިލްކޮށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ކުރިއަށް އޮތް މާޗު މަހުގެ ހަތަރުވަނަ ދުވަހާއި ހަމައަށް އިތުރުކޮށް ދިނުމަށްވެސް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ސްޕްރީމް ކޯޓުން އަމުރުކޮށްފައިވެ އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ އެ މާއްދާ ބާތިލް ކުރުމުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވެ ވަޑައިގެންނެވި މަޝްހޫރު ވިޔަފާރިވެރިޔާ އަދި ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރު އެވެ.
ސިޔާސީ ޕާޓީތަކުން ބާއްވާ ޕްރައިމަރީތަކުގައި ވާދަކޮށް ނާކާމިޔާބުވާ ބޭފުޅުންނަށް ގައުމީ އިންތިހާބުތަކުގައި ވާދަނުކުރެވޭނެ ގޮތް ހެދުމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ކުރިން ޕީޕީއެމްގެ މަޖިލިސް މެންބަރެއްގެ ގޮތުގައި ހުންނެވި ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އެވެ.
މިއިސްލާހު މަޖިލީހުން ފާސްކުރީ 23 ނޮވްމެބަރު 2016 ގައި ބޭއްވި މަޖިލީހުގެ ޖަލްސާގަ އެވެ. މިއިސްލާހު ކުރީގެ ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރެއްވީ 6 ޑިސެމްބަރު 2016 ގައެވެ.
ޕީޕީއެމްއާއި އެމްޑީއޭ ކޯލިޝަނެއްގެ ގޮތުގައި މަސައްކަތް ކުރި ދުވަސްވަރު މިއިސްލާހު ފާސްކުރީ ޖުމްހޫރީ ޕާޓީއާއި އެމްޑީޕީ މެންބަރުން މިއިސްލާހާ ދެކޮޅު ހައްދަވަމުން ގެންދަވަނިކޮށެވެ. ނަމަވެސް މިއިސްލާހު ބާތިލްކުރުމަށް އެމްޑީޕީގެ ބައެއް މެންބަރުން މިހާރު ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ.
ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓަކު ޕްރައިމަރީން ބަލިވިޔަސް އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް ކަނޑައަޅާފައި މިވަނީ ޕްރައިމަރީގައި ވާދަކޮށް ބަލިވާ ކެންޑިޑޭޓުންނަށް ގައުމީ އިންތިހާބުތަކުގައި ވާދަނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރުމަށް ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ރައްޔިތުންގެ މަޖިލީހަށް ބިލެއް ވެސް ހުށަހަޅާފައި ވަނިކޮށެވެ.
ޕްރައިމަރީން ބަލިވިޔަސް އިންތިހާބުގައި ވާދަކުރެވޭ ގޮތަށް ކޯޓުން މިއަދު ހުކުމް ކުރުމުން ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ކާށިދޫ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ޖާބިރު ވަނީ ނިންމަވާފަ އެވެ.
ޕްރައިމަރީން ބަލިވިޔަސް އިންތިހާބުގައި ވާދަކުރެވޭ ގޮތަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ