ގާނޫނުލް އުގޫބާތުގައި ރިޝްވަތުގެ ކުށް ކަނޑައަޅާފައިވާ މާއްދާ އުވާލެވޭ ގޮތަށް ސަރުކާރުން ރައްޔިތުންގެ މަޖީލިހަށް ބިލެއް ހުށަހަޅާފައިވާ އިރު، ގައުމު މިހާރުވެސް އޮތީ ރިޝްވަތުގެ ހާއްޔަކަށް ވާން ކައިރިވެފައި ކަމަށާއި ރައްޔިތުން މިކަމާ ވިސްނަވާލައްވަންޖެހޭ ކަމަށް އިދިކޮޅު ޕާޓީތަކުގެ ރަނިން މޭޓު، ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބަށް ތާއީދު ހޯއްދެވުމަށް އދ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ކެމްޕޭނަށް ދަތުރުގައި، އެ އަތޮޅު ހަންޏާމީދޫގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ފައިސަލް ވިދާޅުވީ ދިވެހިންނަކީ 100 ޕަސެންޓް މުސްލިމުންނަށް ވާއިރު، މި ދީނުގެ ރިވެތި އުސޫލުތައް ދުވަހަކު ވެސް ދޫނުކޮށްލާނެ ކަމަށެވެ.
ރިޝްވަތުގެ ކުށް ކަނޑައަޅާފައިވާ މާއްދާ އުވާލެވޭ ގޮތަށް ސަރުކާރުން ގެންނަން ހުށަހަޅާފައިވާ އިސްލާހާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާ ފައިސަލް ވިދާޅުވީ ދީނުގައި ބޮޑު ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ރިޝްވަތު ދިނުން، ކުށެއް ނޫން ކަމަށް ކަނޑައެޅޭނީ ކިހިނެއްތޯ ސުވާލު ކުރައްވާ ވިދާޅުވީ ރިޝްަތުގެ ކަންކަން ގައުމުގައި އޮތީ އިންތިހާއަށް މައްޗަށް ގޮސް މިގައުމު މިހާރު އޮތީ ރިޝްވަތުގެ ހާއްޔަކަށް ވާން ކައިރިވެފައި ކަމަށެވެ.
"އަޅުގަނޑުމެންނަށް އިއްޔެ މި އަޑުއިވުނީ ގާނޫނަކަށް ގެންނަ އިސްލާހަކުން، ވަކި ބަޔަކު ހިންގާ ރިޝްވަތުގެ އަމަލުތައް ދައުވާ ނުކުރެވޭ ގޮތަށް ކަނޑައަޅަން އުޅޭ ކަމަށް. ރިޝްވަތުގެ ކަންކަން ގައުމުގައި މި އޮތީ އިންތިހާ އަށް ގޮސްފައި. މި ގައުމު މިހާރު މި އޮތީ ރިޝްވަތުގެ ހާއްޔަކަށް ވާން ކައިރިވެފައި،" ފައިސަލް ވިދާޅުވި އެވެ.
"އެހެންވީމައި، މިއީ ހުރިހާ ދިވެހި ރައްޔިތުން ވެސް ވިސްނާލަން ޖެހޭ ކަމެއް،"
ރިޝްވަތުގެ ކުށް ކަނޑައަޅާފައިވާ މާއްދާ އުވާލަން ސަރުކާރުން ހުށަހަޅާފައިވާތީ ފައިސަލް ކަންބޮޑުވުން ފާޅުކުރެއްވި އިރު އިދިކޮޅު ގިނަ ފަރާތްތަކަކުންވެސްވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ދައުލަތުގެ މުވައްޒަފުންގެ އަމަލުތަކުގެ ތެރެއިން ރިޝްވަތުގެ ކުށް އުވޭ ގޮތަށް ގާނޫނުލް އުގޫބާތަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅާފައިވަނީ ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީއެވެ.
ދައުލަތުގެ މުވައްޒަފުން ކުރާ އަމަލުތަކުގެ ތެރެއިން ރިޝްވަތުގެ އަމަލުތައް ކަނޑައަޅާފައިވާ 510 ވަނަ މާއްދާއަށް އިބްރާހީމް ދީދީ ހުށަހަޅުއްވާފައިވާ އިސްލާހުތަކުގައި ބަޔާންކޮށްފައިވަނީ ކޯޓުގެ ހުރުމަތް ކެނޑުމާ ބެހޭ ކުށުގެ ކަންތައްތަކެވެ.
އެ މާއްދާ އެގޮތަށް އިސްލާހު ކުރުމުން ދައުލަތުގެ މުވައްޒަފުން ކުރާ ކުށް ގާނޫނުލް އުގޫބާތުން އުނިވެގެންދާ އިރު އެފަދަ މައްސަލަތައް ދެން ބެލޭނެ އިތުރު ގާނޫނެއް ވުޖޫދުގައި ނޯންނާނެއެވެ. ކުރިން އަމަލު ކުރަމުން ގެންދިޔަ ކޮރަޕްޝަން ހުއްޓުވުމައި މަނާ ކުރުމާއި ބެހޭ ގާނޫނު ވެސް މިހާރު ވަނީ އުވާލާފައެވެ.
ގާނޫނުލް އުގޫބާތު ވުޖޫދަށް ގެނެސް، އެއަށް މީހުން އަހުލުވެރިކުރުވުމުގައި އިސް ދައުރެއް އަދާ ކުރައްވާފައިވާ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ އެ އިސްލާހު ގެނެސްފި ނަމަ ދައުލަތުގެ މުވައްޒަފުންގެ ފަރާތުން ރިޝްވަތުގެ ކުށް މުޅިން އުވިދާނެ ކަމަށެވެ.
ރައްޔިތުން ނިކަން ވިސްނަވާ, ގައުމު މިހާރުވެސް އޮތީ ރިޝްވަތުގެ ހާއްޔަކަށް ވާން ކައިރީގައި: ފައިސަލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ