ލަންކާގައި ކަރަންޓް 500 ޕަސެންޓް ބޮޑު ވެދާނެ

ލަންކާގައި ކަރަންޓްގެ އަގު މިހާރު ހުރި ވަރަށް ވުރެ 500 ޕަސެންޓް ބޮޑުވެދާނެ ކަމަށް ސްޓޭޓް މިނިސްޓަރު ދަޔާސިރީ ޖަޔާސޭކަރާ ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ އެއީ ސިލޯން އިލެކްޓްރިސިޓީ ބޯޑުން ހުށަހަޅާފައި އޮތް އަގު ކަމަށެވެ.
އޭނާ ވިދާޅު ގޮތުން ސަރުކާރާއެކު ސިލޯން އިިލެކްޓްރިސިޓީ ބޯޑުން ކުރަމުން ގެންދާ މަޝްވަރާތަކަށް ބަލާއިރު ކަރަންޓްގެ އަގު ބޮޑުވުން ވަރަށް ގާތެވެ.
ޖަޔާސޭކަރާ ވިދާޅުވީ ލަންކާއަށް މި ހާލަތު ޖެހުނީ ކޮވިޑްގެ ސަބަބުން ކަމަށެވެ. އޭނާ އަދި ވިދާޅުވީ ކޮވިޑުން އަރައިގަނެވޭ ވަރު ވީއިރު ރަޝިއާ އާއި ޔުކްރޭންގެ ހަމަނުޖެހުން މާ ބޮޑުވެއްޖެ ކަމަށެވެ.
ލަންކާއަށް އިގުތިސޯދީ ގޮތުން ކުރިމަތިވެފައި ހުރި މައްސަލަތަކާ ހެދި އާންމު ދިރިއުޅުމަށް ވަރަށް ބޮޑަށް ވަނީ އުނދަގޫވެފަ އެވެ. ތެލާއި ކާބޯތަކެތި އިންތިހާއަށް އަގު ބޮޑު ވުމުގެ ސަބަބުން ގައުމު އޮތީ ގޮތް ހުސް ވެފަ އެވެ.
ބޭރުގެ ދަރަނި ބޮޑުވެ އަދި ބޭރު ފައިސާ ލިބެން ހުރި ކޮޅުތައް ބެދިފައި ހުރުމުން ގައުމަށް އެތެރެ ކުރަން ޖެހޭ ޒަރޫރީ ތަކެތި ލިބުން ވަނީ ބަންދުވެފަ އެވެ.
ތެޔޮ ގަންނަން ބޭނުންވާ ބޭރުފައިސާ ނުލިބުމުގެ ސަބަބުން ގަޑި ބަހައިގެން ކަރަންޓް ކެނޑުމާއި ފެން ކެޑުން ފަދަ ބަދަލުތައް ގައުމު ހިންގުމަށް ވަނީ ގެންނަން މަޖުބޫރުވެފަ އެވެ.
ލަންކާ ސަރުކާރުގެ ބައެއް އޮފިޝަލުން ވިދާޅުވާ ގޮތުން އިންޖީނުތައް ހިންގަން ތެޔޮ ނުލިބުނު ނަމަވެސް ކަރަންޓްގެ އަގު ބޮޑު ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ.
އާންމުންނަށް ހޭދަ ކުރެވޭނީ އަތުގައި ހުރި އެއްޗަކުން ކަމަށް ވާތީ މިހާރު އޮތް ހާލަަތަށް ބަލާއިރު ކަރަންޓް އަގުބޮޑުކުރުމުން ހަމަނުޖެހުން އިތުރުވުން ނޫން ކަމެއް ނުވާނެ ކަމަށް ވެސް އޮފިޝަލުން ދެކެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ