މިއަދާއި މާދަމާވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ: މެޓް އޮފީސް

ރާއްޖެއަށް މިއަދާއި މާދަމާ މޫސުން ގޯސްވާނެ ކަމަށް، ދިވެހިރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.
"ވީނިއުސް" އަށް މައުލޫމާތު ދެމުން، މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް 48 ގަޑީއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސްވާނެ ކަމަށެވެ.
މޫސުން އެންމެ ގޯސްވާނީ، ރާއްޖޭގެ ދެކުނަށް ކަމަށް މީޓްރޮލޮޖީ ޑިޕާޓްމަންޓުން ބުނެއެވެ.
އެހެން ނަމަވެސް އަންގާރަ ދުވަހުން ފެށިގެން މޫސުން ދާނީ ރަނގަޅުވަމުން ކަމަށް މެޓްއިން އަންދާޒާ ކުރެއެވެ.
ރާއްޖޭގެ މޫސުން މިދުވަސްވަރު ގޯސްވާނެ ކަމަށް މެޓް އޮފީހުން ބުނަމުން އަންނައިރު، ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ވިއްސާރަވުމާއި، އަދި ދިޔަވަރު ބޮޑުވާ ވަގުތުގައި އުދަ އަރާނެކަމަށް ލަފާކޮށް ސަމާލުތައްވެސް ދަނީ ނެެރެމުންނެވެ. މޫސުން ގޯސްވެ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ރާޅުގެ އުސްމިން 4 ފޫޓާއި 7 ފޫޓަށް ހުންނާނެ ކަމަށް ލަފާކޮށްފައި ވެއެވެ.
މެޓް އޮފީހުން މައުލޫމާތުދޭ ގޮތުގައި، ގިނަ ރަށްތަކަކަށް އުދައިގެ އަސަރުކޮށްފައިވަނީ، ހުޅަނގު މޫސުމުގެ ވައި ބާރުވެ، އޮއި ގަދަވުމުންނެވެ.
ފާއިތުވި ދެދުވަހު ސ، ލ، ގއ، އަދި ގދގެ ބައެއް ރަށްތަކަށް ވަނީ އުދައިގެ އަސަރުކޮށްފައެވެ.
މޫސުން ލަފާކުރެވޭ ގޮތުން، ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރާއްޖޭގެ ދެކުނުގެ ސަރަހައްދުގެ ރަށްތަކަށް އުދައެރުން އެކަށީގެންވެއެވެ.
މިދުވަސްވަރު ރާއްޖޭގެ ކަނޑުތައް ގަދަވާނެތީ، މިހާލަތުގައި ކަނޑުދަތުރުކުރުން ރައްކާތެރި ނޫން ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުންނާއި ގައުމީ ދިފާއީ ބާރުން އަންނަނީ ބުނަމުންނެވެ.
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަކީ މިދުވަސްވަރު އެންމެ ރަނގަޅު ގޮތް ކަމަށް ސަލާމަތީ ބާރުތަކުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ