މޫސުން ގޯސްވުމުން އެމްޓީސީސީގެ 27 ފެރީއެއް މިއަދު ކެންސަލް

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އާއި، މޫސުން ގޯސްވުމުގެ ސަބަބުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު 27 ފެރީއެއްގެ ދަތުރުތައް ކެންސަލްކޮށްފިއެވެ.
އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި މިއަދަށް 35 ފެރީ ދަތުރު ތާވަލުކޮށްފައިވެއެވެ. އެހެންނަމަވެސް މޫސުން ތަން ނުދިނުމުގެ ސަބަބުން މި ފެރީ ދަތުރުތަކުގެ ތެރެއިން 27 ފެރީ ދަތުރު ވަނީ ކެންސަލްކޮށްފައެވެ. އެހެންކަމުން މިއަދު ދަތުރު ކޮށްފައިވަނީ 8 ފެރީއެކެވެ.
އެމްޓީސީ ކޮމްޕްރިހެންސިވް ޓްރާންސްޕޯޓް ނެޓްވޯކުގެ ޓްރިޕް ރިޕޯޓު ބުނާގޮތުން މިއަދު ދަތުރުކޮށްފައިވާ ފެރީ ތަކަކީ، ބ. ކެންދޫއިން އޭދަފުއްޓަށް ދަތުރުކުރި ފެރީ އާއި، ޅ. އޮޅުވެލިފުށިން ނައިފަރަށް އަދި ކ. ކާށިދޫއިން މާލެއަށް ދަތުރުކުރި ފެރީގެ އިތުރުން ގުރައިދޫ އާއި މާލެއާއި ދެމެދު ދަތުރުކުރި ފެރީ އަދި ސ. ހުޅުމީދޫ އާއި ފޭދޫ އާއި ދެމެދު ދަތުރުކުރި ފެރީއެވެ. މީގެއިތުރުން ޏ. ފުވައްމުލަކާއި ސ. ފޭދޫއަށް އަދި ފޭދޫއިން ހުޅުމީދޫ އަށް އިންނަ ފެރީ އާއި ހުޅުމީދޫއިން އައްޑޫ، ހިތަދޫއަށް ކުރާ ފެރީ ދަތުރުވެސް މިއަދު ކުރިކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން އެމްޓީސީސީ ފެރީގެ ޚިދުމަތަށް ބުރޫއަރާފައިވާއިރު، މޫސުމާބެހޭ ގައުމީ އިދާރާއިން މިއަދު ހެނދުނު 8:45 ވީއިރު ވަނީ މުޅި ރާއްޖެއަށް ސަމާލު ނެރެފައެވެ. އެގޮތުން ހެނދުނު 8:45 އިން މެންދުރުފަހު 14:45 އާއި ހަމައަށް މުޅި ރާއްޖެއަށް ވަނީ ހުދު ސަމާލެއް ނެރެފައެވެ.
މިވަގުތުގެ ތެރޭގައި ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި، ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް އަދި ވިލާގަނޑުގައި ގަޑިއަކުން 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައިވެއެވެ.
ރާއްޖެއަށް މޫސުން ގޯސް މި ދުވަސްވަރުގައި ކަނޑުދަތުރު ކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސް ކޮށްފައިވާއިރު، ޖޫން، ޖުލައި، އޮގަސްޓް އަދި ސެޕްޓެމްބަރު ގައި ވާރޭ ވެހޭ މިންވަރު، ގިނަ ހިސާބުތަކަކަށް މިދުވަސްވަރު އާންމުކޮށް ވެހޭ ވަރަށްވުރެ އިތުރު ވާނެކަމަށް ބެލެވޭ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ. އަދި މި ދުވަސްވަރުގައި ގަދަޔަށް ވައިޖެހި ކަނޑުތައް ގަދަވާނެކަމުގެ އިންޒާރު އެ އިދާރާއިން ދީފައިވެއެވެ.
މިހާރު ރާއްޖެއަށް ކުރަމުން އަންނަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ