މެންބަރު ޢަބްދުލްޣަނީ ދައްކަންޖެހޭ ބައި މިލިއަނެއްހާ ރުފިޔާގެ ޙުކުމް ހައި ކޯޓުން ދަމަހައްޓައިފި
ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަނީ ޢަބްދުލްހަކީމް ދައްކަވަން ޖެހޭ ބައި މިލިއަނެއްހާ ރުފިޔާގެ ޙުކުމް ހައި ކޯޓުން ވެސް ދަމަހައްޓައިފިއެވެ. މެންބަރު ޢަބްދުލްޣަނީގެ މައްޗަށް ސިވިލް ކޯޓުން އެ ޙުކުމްކޮށްފައިވަނީ 2019 ވަނަ އަހަރެވެ. އެލިއާ އިންވެސްޓްމެންޓުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ, މެންބަރު ޢަބްދުލްޣަނީގެ ލޮގް ވުޑް މޯލްޑިވްސް އިން ދައްކަން ޖެހޭ 455،368 ރުފިޔާ ނުދައްކާ އޮތުމުން އެ ފައިސާ ހޯދުމަށެވެ. އެ ފައިސާގެ އިތުރުން ގާނޫނީ ވަކީލުންނަށް ދައްކަން ޖެހުނު 68,305 ރުފިޔާ އާ އެކު ޖުމްލަ 523,673 ރުފިޔާ، އެއް ފަހަރާ ހޯދުމަށް އެލިއާ އިން ވަނީ ދައުވާކޮށްފައެވެ. ލޮގް ވުޑް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރަކީ ޢަބްދުލްޣަނީއެވެ. އެހެން ކަމުން އެލިއާއިން ދައުވާ ކުރީ އެ ކުންފުނީގެ އިތުރުން ފައިސާ ދެއްކުމަށް މީގެކުރިން ވެފައި އޮތް އެއްބަސްވުމުގައި ސޮއިކޮށްފައިވާ ޢަބްދުލްޣަނީއާ ދެކޮޅަށެވެ. ސިވިލް ކޯޓުން 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހު ކުރި އެ ޙުކުމް ޢަބްދުލްޣަނީގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރިއެވެ. މައިގަނޑު ނުކުތާއެއް ގޮތުގައި ޢަބްދުލްޣަނީ ފާހަގަކޮށްފައިވަނީ, އެ ދަރަންޏަށް އޭނާ ޒިންމާ ނަގަން ނުޖެހޭނެ ކަމަށެވެ. ހައި ކޯޓުން އިއްޔެ ޙުކުމްކޮށްފައިވަނީ ސިވިލް ކޯޓުގެ ޙުކުމް ދެމެހެއްޓުމަށެވެ. އެ ޙުކުމުގައި ބުނެފައިވަނީ, ދެ ފަރާތުން ވެފައިވާ އެއްބަސްވުމުގައި ގެރެންޓާއެއްގެ ގޮތުން ސޮއިކޮށްފައިވަނީ ޢަބްދުލްޣަނީ ކަމަށާއި އެހެން ކަމުން އެގްރީމްނެޓްގައިވެސް ބުނެފައިވާ ގޮތަށް ދަރަންޏަށް ޒިންމާ ނަގަން ޖެހޭނީ ޢަބްދުލްޣަނީ ކަމަށެވެ. ސިވިލް ކޯޓުގެ ޙުކުމް ދެމެހެއްޓުމަށް އެ މައްސަލަ ބެއްލެވި ހައި ކޯޓުގެ ތިން ފަނޑިޔާރުން ވެސް ވަނީ އިއްތިފާގުވެފައެވެ. އެއީ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި މުޙައްމަދު ފައިސަލްއާ ފަނޑިޔާރު ޝުއައިބް ޙުސައިން ޒަކަރިއްޔާގެ އިތުރުން ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހޯމެވެ. ޢަބްދުލްޣަނީގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާ އުފުލިއިރު އޭނާ އަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ނޫނެވެ. ނަމަވެސް ސިވިލް ކޯޓުން ޙުކުމް ކުރިއިރު އޭނާ ހުރީ މެންބަރެއްގެ ގޮތުގައެވެ. ސާބިތު ދަރަންޏެއް އޮވެ, ޙުކުމާ އެއްގޮތަށް ދަރަނި ނުދައްކާ ނަމަ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ގާނޫނު އަސާސީގެ 73 ވަނަ މާއްދާގައި ވަނީ ބުނެފައެވެ. އެކަމަށް ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ