ކަރަންޓު ބޭނުންކުރުމުގައި އިގްތިޞާދުކުރުމަށް ސްޓެލްކޯގެ އިލްތިމާސެއް

މި ދުވަސްވަރަކީ އެންމެ ހޫނު ގަދަ ދުވަސްވަރު ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާތީ، ކަރަންޓު ބޭނުން ކުރުމުގައި އިގްތިޞާދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފިއެވެ. ސްޓެލްކޯއިން އިއްޔެ އިލްތިމާސްކުރީ އެންމެ ގިނައިން ކަރަންޓު ބޭނުން ކުރާ ކަމަށް ބެލެވޭ އާލާތްތައް ބޭނުން ކުރުމުގައި އިތުރަށް ސަމާލުވުމަށެވެ. އާންމުކޮށް ހޫނު ގަދަ ދުވަސްވަރު އޭސީ ފަދަ ބާވަތްތައް ބޭނުންކުރާ މިންވަރު އިތުރުވެއެވެ. އެހެން ކަމުން، އެކަމާ ބެހޭ ގޮތުން އާންމުން ހޭލުންތެރި ކުރުވުމަށް ހިންގާ "ސޭވް އެނާޖީ" ކެމްޕޭން މިއަހަރު ވެސް އެ ކުންފުނިން ވަނީ ފަށާފައެވެ. މެޓް އޮފީހުން މިދިޔަ ބުރާސްފަތި ދުވަހު ހާމަކުރި މައުލޫމާތުން ދައްކާގޮތުގައި ފާއިތުވި 30 އަހަރުގެ އެވްރެޖް ނިސްބަތަށް ބަލާއިރު އެންމެ ހޫނު މަހަކީ އޭޕްރީލް މަހެވެ. އަދި، ދުވަހުގެ އެންމެ ހޫނު ގަޑިއަކީ 14:00 އެވެ. ކޮންމެ އަހަރަކު ވެސް ހޫނު މޫސުމާ ދިމާކޮށް ކަރަންޓު ބޭނުންކުރާ މިންވަރު މަތިވާއިރު، އަޅަންޖެހޭ ފިޔަވަޅުތައް އެޅިއްޖެ ނަމަ 15 އިންސައްތައަށް ކަރަންޓު ހަރަދު ކުޑަ ކުރެވޭނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ