ޢީދު ފާހަގަ ކުރަން ޖެހޭނީ އިސްލާމީ ހަމަތަކާ އަޚްލާގީ އިމުން ބޭރު ނުވާ ގޮތަށް: ޚުތުބާ
ޢީދު ދުވަހު ކުޅިވަރުތައް ކުޅެ، އުފާ ފާޅުކުރަން ޖެހޭނީ އިސްލާމީ ހަމަތަކާއި އަޚުލާގީ އިމުން ބޭރު ނުވާ ގޮތަށް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ. ޚުތުބާގައި ބުނީ ޢީދު ދުވަހު އުފާކުރުމާ، އުފާފާޅުކުރުމަކީ ހުއްދަ ކަމެއް ނަމަވެސް އެކަން ކުރަންވާނީ އަމިއްލަ ނަފުސާ އެހެން މީހުންނަށް ގެއްލުމާ އުނދަގޫ ނުވާނެ ގޮތަށް ކަމަށެވެ. އަދި އާއްމު މަސްލަހަތަށްޓަކައި ހެދިފައިވާ ގާނޫނުތަކާ ގަވައިދުތަކާ ވެސް ޚިލާފު ނުވާ ގޮތުގެ މަތިން ކަމަށް ހުތުބާގައި ބުންޏެވެ. 'ޢަރަފާތު ދުވަހުގެ މާތްކަން' ސުރުޚީއަށް މިއަދު އިއްވި ޚުތުބާގައި ބުނީ ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހަކީ ހެޔޮކަމުން ފުރިގެންވާ ބަރަކާތްތެރި ދުވަސްތަކެއް ކަމަށެވެ. އަދި މިއީ ކުރެވިފައިވާ ކުށްފާފަތަކުން ތައުބާވުމުގެ ދުވަސްތައް ކަމަށެވެ. ދުވަސްތަކުގެ ތެރޭގައި ހިމެނޭޭ އެންމެ މާތް ދުވަހަކީ ޙައްޖު ދުވަސްކަން ފާހަގަކޮށް ޙުތުބާގައި ބުނީ ޙައްޖު ދުވަހަކީ ފާފަ ފުއްސެވުމާއި ޢަފޫ ކުރެއްވުން އަދި ނަރަކައިން ދިންނަވައި މުއްތިކުރެއްވުމުގެ ދުވަސް ކަމަށެވެ. "ޢަރަފާތް ދުވަހަކީ ޙައްޖު މަހުގެ ނުވަވަނަ ދުވަސް. އެ ދުވަހަކީ މާތްް ﷲ އެކަލާނގެ އަޅުތަކުންގެ ކިބައިން އެކަލާނގެ އިލާހުވަންތަކަމަށް ޢަހުދު ކަށަވަރު ހިއްޕެވި ދުވަސް." ޚުތުބާގައި ބުންޏެވެ. ޙައްޖަށް ދިއުމުގެ ނަސީބު ނުލިބޭ މީހުން އެ ދުވަހު ރޯދަ ހިފުން މޮޅު އިތުރުކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. އަދި އެއީ ފާއިތުވެ ދިޔަ އަހަރާއި، އަންނަން އޮތް އަހަރުގެ ކުދި ފާފަތައް ފުހެވޭ ކަމެއްކަމުގައި ރަސޫލާގެ އަރިހުން ސާބިތުވާ ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ