އިސްލާމްދީނުގައި އަންހެން ކުދިން ހިތާނުކުރުމެއް ނޯވޭ: މައުމޫން

އިސްލާމް ދީނުގައި އަންހެންކުދިން ހިތާނުކުރުން ނޯންނަ ކަމަށް ދީނީ އިލްމުވެރިޔާ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ. އަންހެން ކުދިން ހިތާނުކުރުމުގެ ސަގާފާތް އަލުން ރާއްޖޭގައި އާލާވަމުން އަންނަކަން ދިރާސާތަކުން ދައްކާފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން މިފަހުން ވަނީ ބުނެފަ އެވެ. އެއާއެކު އަންހެން ކުދިން ހިތާނުކުރުން ނުވަތަ ފީމޭލް ޖެނިޓަލް މިއުޓިލޭޝަން އަކީ ދީނީ ކަމެއްތޯ ވަނީ ހިޔާލުތަފާތުވުން އުފެދިފަ އެވެ. އެއީ ދީނީ ކަމެއް ކަމަށް ދޭހަވާ ފަދަ މޭރުމަކުން ބައެއް ދީނީ އިލްމުވެރިން އަންނަނީ ވާގަކަދައްކަމުންނެވެ. އެ މައްސަލައިގައި ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިސްލާމްދީނުގައި ހިތާނުކުރުން ޝަރްއު ކުރައްވާފައިވަނީ ހަމައެކަނި ފިރިހެން ކުދިންނަށް ކަމަށެވެ. "އަންހެންކުދިން ޚިތާން ކުރުމެއް ނޯވޭ. ޚިތާން ކުރުމުގެ ނަމުގައި އަންހެން ކުދިންގެ ޖިންސީ ގުނަވަނަށް ގެއްލުން ދިނުމަކީ ލާއިސްލާމީ ނާތަހުޒީބީ އަމަލެއް،" އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް މައުމޫން ވިދާޅުވީ އެއީ އެމަނިކުފާނުގެ އަމިއްލަފުޅު ރައުޔު ނޫން ކަމަށާއި، މިސުރުގެ ފަތުވާ އިދާރާއިން އިއްޔެ ނެރުނު ބަޔާނެއްގައި ވެސް އަންހެނުން ޚިތާންކުރުމަކީ ދީނުގައި ކަނޑައެޅިގެން ހަރާމްކުރައްވާފައި ކަމެއްކަމުގައި ބުނެފައިވާ ކަމަށެވެ. އަންހެނުން ހިތާނުކުރުމަށް ހިތްވަރުދޭ ބީދައިން ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ކުރެއްވި ޓުވީޓަކާއި ގުޅިގެން އެމައްސަލަ ބަލައިދިނުމަށް އެދި ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ މަޖިލީހަށް ސިޓީއެއް ފޮނުވައިފަ އެވެ. އަންހެންކުދިން ހިތާނުކުރުމަކީ ދީނީ ގޮތުން ކުރުން ރަނގަޅު ކަމެއް ގޮތުގައި ދެކިގެން ރާއްޖޭގައި ވެސް ފުޅާދާއިރާއެއްގައި އެކަން ކުރަމުންދަނިކޮށް އެކަން ނައްތާލެވުނީ 1970ގެ އަހަރުތަކުގެ ތެރޭގަ އެވެ. އަންހެންކުދިން ހިތާނުކުރުމަކީ ފުރާނައަށް ނުރައްކާތެރި، އަދި މުޅި އުމުރަށް އެކަމުގެ ނޭދެވޭ އަސަރުތައް ކުރާނެ ކަމެއްކަމަށް ދިރާސާތަކުން ދައްކާތީ، އެކަން ހުއްޓުވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި ގައުމުތައް ގުޅިގެން ފުޅާދާއިރާއެއްގައި މަސައްކަތްކޮށް، ގިނަ ގައުމުތަކުން ވަނީ އެކަން ނައްތާލައިފަ އެވެ. ރާއްޖޭގެ ކޮންމެ 10 އަންހެނަކުން އެކަކު ހިތާނުކޮށްފައިވާކަމަށް ޔުނިސެފުން ވަނީ ބުނެފައެވެ. ރާއްޖޭގައި 2016-2017 އާ ދެމެދު ކުރިއަށް ގެންދިޔަ ޑިމޮގްރެފިކް އެންޑް ހެލްތު ސާވޭއާ ހަވާލައިދީ، ޔުނިސެފުން ބުނީ ރާއްޖޭގެ އެންމެ ގިނައިން ހިތާނުކޮށްފައިތިބީ މިހާރު އުމުރުން 45 - 49 އަހަރުވެފައި ތިބި އަންހެނުން ކަމަށެވެެ. އެ އުމުރުގެ 38 ޕަސެންޓް އަންހެނުން ހިތާނުކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކާއިރު ފަހުގެ ޖީލްތަކުގައި ހިތާނުކުރުން އެއްކޮށްކަހަލަ ގޮތަކަށް ހުއްޓިފައިވާކަމަށްވެސް ބުނެފައިވެއެވެެ. އެންމެ ގިނައިން ހިތާނުކޮށްފައިވަނީ މާލެ ސަރަހައްދާއި ދެކުނުގެ އަތޮޅުތަކުގައި ކަމަށް ދިރާސާއިން ދައްކައެވެ. އެ ދިރާސާގައި ބައިވެރިވި އުމުރުން 15 އަހަރާއި 49 އަހަރުގެ މީހުންގެ ތެރެއިން އަންހެނުން ހިތާނުކުރުމަކީ ދީނީކަމެކަމަށް ދެކެނީ އެންމެ 10 ޕަސެންޓް މީހުންކަމަށް ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ