61 ރަށެއްގައި އަވިން ކަރަންޓު އުފެއްދޭ ނިޒާމް ގާއިމުކުރަން ފަށާނެ: ރައީސް

މިއަހަރު ރާއްޖޭގެ 61 ރަށެއްގައި، އަވިން ކަރަންޓު އުފައްދާ ސޯލާ ޕެނަލްތައް ގާއިމް ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީސް ހުޅުވުމުގެ ގޮތުން މިހާރު ކުރިއަށް ދިޔަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހް ވިދާޅުވީ، ކަރަންޓު އުފެއްދުމުގައި ވެސް އިއާދަ ކުރަނިވި ހަކަތަ ބޭނުން ކުރާ މިންވަރު އިތުރު ކުރުމަށް 26 ރަށެއްގައި އަވިން ކަރަންޓު އުފައްދާ 2.86 މެގަވޮޓުގެ ސޯލާ ޕެނަލްތައް މިދިޔަ އަހަރު ވަނީ ގާއިމުކޮށްފައި ކަމަށެވެ. އަދި 61 ރަށެއްގައި މި ނިޒާމުތައް ގާއިމުކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށާއި އެ ނިޒާމުތަކުން ޖުމްލަ 36 މެގަވޮޓްގެ ކަރަންޓު އުފެއްދޭނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިއާދަ ކުރަނިވި ހަކަތައިން ކަރަންޓު އުފެއްދޭ މިންވަރު މިދިޔަ ދެ އަހަރުގެ ތެރޭ ގާތްގަނޑަކަށް 3 ގުނަ އިތުރުކުރެވިފައި ވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިހާތަނަށް ގާއިމު ކުރި އިއާދަ ކުރަނިވި ހަކަތައިގެ ނިޒާމުތަކުގެ ސަބަބުން، މިހާރު ޖައްވަށް ބޭރުވާ ކާބަންޑައިއޮކްސައިޑްގެ ތެރެއިން، އަހަރަކު 72871 ޓަނު މަދުވެގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މުޅި ރާއްޖޭގައި މިހާރު ގާއިމުކުރެވިފައި ހުރި 31.5 މެގަވޮޓްގެ ސޯލާ ޕީވީ ސިސްޓަމްތަކުގެ ސަބަބުން، އިންޖީނުގެތަކުގެ ތެލަށް ކުރާ ހަރަދުން އަހަރަކު 147.8 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ