ޕީ.ޕީ.އެމްއިން ދިވެހި ޤައުމަށް ކޮށްދެމުން ގެންދާ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް މައުމޫން އިލްތިމާސް ކުރައްވައިފި

ޕީ.ޕީ.އެމް އިތުރަށް ވަރުގަދަކޮށް ހަރުދަނާ ކުރުމަށާއި، ޕީ.ޕީ.އެމްއިން ދިވެހި ޤައުމަށް ކޮށްދެމުން ގެންދާ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް، އާ ޢަޒުމަކާއިއެކު މަސައްކަތްކޮށްދެއްވުމަށް ޕީ.ޕީ.އެމް ގެ މެންބަރުންނަށް ޕީ.ޕީ.އެމްގެ އިންތިޤާލީ ރައީސް އަދި ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމް އިލްތިމާސް ކުރައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ މިއަދަކީ ޕީ.ޕީ.އެމް.ގެ ފުރަތަމަ އަހަރީ ދުވަސް ކަމަށްވުމާއެކު، ޕީ.ޕީ.އެމް ގެ އެންމެހާ ލޮބުވެތި މެންބަރުންނަށް ތަޙުނިޔާ އާއި މުބާރިކްބާދީ ދަންނަވަން މިއަދު ނެރުއްވި ކުރު ބަޔާނެއްގައެވެ.
''އަޅުގަނޑުމެންގެ މިލޮބުވެތި ޕާޓީ، މާތް ﷲ ގެ ވާގިފުޅާއެކު، އިތުރަށް ވަރުގަދަކޮށް ހަރުދަނާ ކުރުމަށާއި، މިޕާޓީއިން ދިވެހި ޤައުމަށް ކޮށްދެމުން ގެންދާ ޚިދުމަތްތައް އިތުރަށް ފުޅާ ކުރުމަށް، އާ ޢަޒުމަކާއިއެކު މަސައްކަތްކޮށްދެއްވުމަށް ޕީޕީއެމްގެ ލޮބުވެތި މެންބަރުނަށް މި ފުރުސަތުގައި އަޅުގަނޑު އިލްތިމާސް ކުރަން،'' ރައީސް މައުމޫން ނެރުއްވި ބަޔާނުގައިވެ އެވެ.
ޕީޕީއެމްގެ ފުރަތަމަ އަހަރީ ދުވަހުގެ މުނާސަބާތުގައި ރައީސް މައުމޫން ނެރުއްވި ބަޔާނުގައި ޕީޕީއެމްގެ ހުރިހާ ފަންތިއެއްގެ މެންބަރުން ފާހަގަކޮށް ތަހްނިޔާ ދަންނަވާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ