އެއާޕޯޓު އަމިއްލަވަންތަ ތަނަކަށް ހެދުމަށް މަސައްކަތްކުރެއްވީ މައުމޫން – އުމަރު

30 ފޫޓުގެ ދަނގަނޑު ފިލާ އެޅި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު އެއަށް ވުރެން ބޮޑަށް ތަރައްގީކޮށް ދިވެހިންގެ އަމިއްލަވަންތަކަން ރަމްޒުކޮށްދޭ ތަނެއްގެ ގޮތުގައި  1964 ވަނަ އަހަރު އެތަނަށް އިތުރު ބަދަލެއް ގެނެސް ތަރައްގީ ގެނެވުނީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ އިންތިގާލީ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް އެމަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވުމުން ކަމަށް ޕީޕީއެމްގެ އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އެއާޕޯޓު މިނިވަންކުރުމުގެ ގައުމީ ހަރަކާތުގެ ދަށުން އިއްޔެ ހަވީރު ގައުމީ ބޮޑު މަހާސިންތާގައި ވާހަކަފުޅުދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ އެންމެ ފުރަތަމަ ރާއްޖޭގެ އެއާޕޯޓެއް ގާއިމު ކުރެވުނީ 19 އޮކްޓޯބަރު 1960 ގައި އިނގިރޭސިން 300 ފޫޓުގެ އެއާޕޯޓެއް މިލިޓަރީ ބޭހެއް ގޮތުގައި ތައްޔާރުކުރުމުން ކަމަށާއި އެހެންނަމަވެސް 1964 ވަނަ އަހަރު އެތަނަށް އިތުރު ބަދަލެއް ގެނެސް ތަރައްގީ ގެނެވުނު ކަމަށެވެ.
އުމަރު ނަސީރު ވިދާޅުވީ މައުމޫން އދގެ ދިވެހިރާއްޖޭގެ މަންދޫބެއްގެ ހައިސިއްޔަތުން އެންމެ ފުރަތަމަ ހުންނަވަނިކޮށް އިބްރާހިމް ނާސިރުގެ ވެރިކަމުގައި އެމަނިކުފާނަށް ޓްރާންސްޕޯޓް މިނިސްޓަރުކަން ދެއްވައި އެއާޕޯޓު ރަސްމީކޮށް ތަރައްގީކުރުމަށްޓަކައި ގައުމުތަކުން 13 މިލިއަން ޑޮލަރު ހޯއްދެވުމަށާއި ގައުމަށްޓަކައި ފޮނުވާ ސަފީރެއްގެ ހައިސިއްޔަތުންނާއި ޓްރާންސްޕޯޓް މިނިސްޓަރެއްގެ ހައިސިއްޔަތު ހިދުމަތްކޮށްދެއްވުމަށް އިބްރާހިމް ނާސިރު ދެންނެވި ކަމަށެވެ.
"އެވަގުތު އެމަނިކުފާނު ރާއްޖޭގެ އދ.މަންދޫބުގެ ހައިސިއްޔަތު ދޫކޮށްލައްވާ ރާއްޖެ ވަޑައިގެން ޓްރާންސްޕޯޓް މިނިސްޓަރު ކަމާއި ހަވާލުވެ ވަޑައިގެންނެވި އޭގެ ފަހުން އެމަނިކުފާނުގެ މިނިސްޓަރު ކަމުގައި ހުދު އެމަނިކުފާނު ގިނިކަންޏާ 13 މިލިއަން ޑޮލަރު ހޯއްދެވީ މިދަންނަވާ މަސައްކަތްތައް ކުރުމަށްޓަކައި އެމަނިކުފާނު އަރަބި ތައުލޫމް ހޯއްދަވާފައިވާ ބޭފުޅަކަށް ވާތީވެ އަރަބި ގައުމުތަކަށް އެމަނިކުފާނު ދަތުރުކުރައްވާ އަރަބި ބަހުން ވާހަކަފުޅުދައްކަވާ 13 މިލިއަން ޑޮލަރު ހޯއްދަވަން ރާއްޖެއިން ވަޑައިގެންނެވި" އުމަރު ނަސީރު ވިދާޅުވި އެވެ.
އަދި އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ނިންމަވާ އެމަނިކުފާނުގެ ޓްރާންސްޕޯޓް މިނިސްޓަރު ކަމުގައި 1978 ވަނަ އަހަރު އެމަނިކުފާނާއި އިބްރާހިމް ނާސިރު ތިއްބަވައިގެން އެއާޕޯޓު ހުޅުވާފައިވާކަން ވެސް އުމަރު ނަސީރު އިއްޔެ ފާހަގަކުރެއްވި އެވެ. މީގެއިތުރުން މި ހަގީގަތް ހާމަކުރަން ޖެހުނީ ކުރީ ސަރުކާރުން މި ހަގީގަތްތައް ފޮރުވުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއްކޮށްފައި ހުރީމަ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
"އަދި އޭގެ ފަހުން 1981 ވަނަ އަހަރު އެއާޕޯޓް ތަރައްގީ ކުރުމުގެ އެންމެ ފަހު މަރުހަލާ ކަމުގައިވާ އެއާޕޯޓު ބައިނަލްއަގްވާމީ ފެންވަރަށް އެމަނިކުފާނު ވެރިކަމުގައި މާލެ އިންޓަނޭޝަނަލް އެއާޕޯޓުގެ ނަމުގައި ހުޅުވުން، އެހެން ނަމަވެސް 24 ގަޑިއިރު ހަމައިގައި ހުންނަން ނުޖެހޭ ކަމަށް ވިދާޅުވާ ބޭފުޅަކު އަޅުގަނޑުމެންނަށް އޮޅުމަކުން ގެނެވެމުން މި ގައުމުގެ ހުރިހާ މުދަލެއްގައި ސޭލް އަޅުވައިގެން ވިއްކާލި" އުމަރު ނަސީރު އިތުރަށް ވިދާޅުވި އެވެ.
އެއާޕޯޓުގެ މައްސަލައިގައި ސަރުކާރުގެ ވަރަށް ގިނަ ބޭފުޅުންނާއި މަޝްވަރާކުރައްވަމުން ގެންދަވާކަން ހާމަކުރައްވަމުން އުމަރު ނަސީރު ވިދާޅުވީ ސަރުކާރުގެ އިސް ބޭފުޅުންގެ ވިސްނުމާއި ރާއްޖޭގެ ރައްޔިތުންގެ ވިސްނުމަކީ ވެސް ޖީއެމްއާރު އަތުން އެއާޕޯޓު އަތުލުންކަން ޔަގީންކުރައްވާ ކަމަށެވެ.
"އަޅުގަނޑަށް ޔަގީން އެބޭފުޅުންގެ ވިސްނުންފުޅު ވެސް ހުރީ ތިޔަބޭފުޅުންގެ ވިސްނުން ވެސް ހުރި ގޮތަށް، އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަގީންކޮށް އަރުވަން، އަދިމިކަން ވިޔަ ނުދިނުމަށް ސައިކަލްގައި ބަރުގޮނު އަޅާ ބޭފުޅުންނަށް ވެސް ޔަގީންކޮށް އަރުވަން ތިބޭފުޅުންގެ އެއާޕޯޓު ދިވެހިން އަތުލާނެ، ހަމައެކަނި ސުވާލަކީ ކޮންއިރަކުހެއްޔޭ، އެސުވާލުގެ ޖަވާބަކީ ވަރަށް އަވަހަށޭ." 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވައިގެން ނާކާމިޔާބާއި ކުރިމަތިލެއްވި އެއްބޭފުޅާ ކަމަށްވާ އުމަރު ނަސީރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ