ފުޅަދޫން ކަރަންޓު ކެނޑުމުން އޮފީސްތައް ބަންދުކޮށްފި

ބ. އަތޮޅު ފުޅަދޫން ކަރަންޓު ކެނޑުމާއި ގުޅިގެން ރައްުޔިތުން ނިކުމެ ސަރުކާރުގެ ހުރިހާ މުއައްސަސާއެއް ބަންދުކޮށް މުޒާހަރާކުރަން ފަށައިފި އެވެ.
ވީނިއުސްއަށް މިއަދު މައުލޫމާތު ދެމުން ފުޅަދޫ މީހަކު ބުނީ ރަށަށް ކަރަންޓުގެ މައްސަލަ ބޮޑުވެފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، މިއަދު މުޒާހަރާއަށް ނިކުތީ މުޅި ރަށުން ކަރަންޓް ކެނޑުމުން ކަމަށެވެ.
"މުޒާހަރާގައި ރަށުގެ ހުރިހާ ރައްޔިތުންހެން ބައިވެރިވެ. ކުޑައެއް ބޮޑެއް ނެތް. އިންޖީނުގެއިންނާ ރަށު އޮފީހުން އަންގާނީ ހަފްތާއެއް ވަރު ނަގާނޭ ކަރަންޓުގެ މައްސަލަ ހައްލުކުރަން. ކިހިނެއްތޯ ހަފްތާއެއް ވަންދެން ކަރަންޓް ނެތި ތިބޭނީ،" އެމީހާ ބުންޏެވެ.
ފުޅަދޫ ކައުންސިލަރަކު ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފުޅަދޫއަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރެވޭނީ ހަފްތާއެއްގެ ތެރޭގައި ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނާ ކަަމަށެވެ. ފުޅަދޫގައި 32 ކިލޯ ވޯޓުގެ ދެ އިންޖީނެއް ހުންނައިރު އެއް އިންޖީނު ހަލާކުވެފައި ހުންނަތާ އެތައް ދުވަހެއް ފާއިތުވެފައިވާއިރު، މިއަދު ހަލާކުވީ ރަގަޅަށް ހުރި އިންޖީނު ކަމަށް ވެސް ކައުންސިލަރު ވިދާޅުވި އެވެ.
"ކަރަންޓް ކެނޑުމާއި ގުޅިގެން ރައްޔިތުން ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ތިބީ. އަޅުގަނޑުމެންނަށް މިމައްސަލަ ހައްލުކުރުމަށް ކުރެވެންހުރި ކަމެއް ކުރަމުން މިދަނީ،" ކައުންސިލަރު ވިދާޅުވި އެވެ.
ފުޅަދޫގެ ކަރަންޓުގެ މައްސަލައިގައި ފެނަކަ ކޯޕަރޭޝަންގެ ބަހެއް ވަނީ ވީނިއުސްއަށް ލިބޭ ގޮތް ނުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ