ޕީޕީއެމްގެ ޕްރައިމަރީ ބާތިލުކޮށް ދިނުމަށް އެދި އުމަރު ނަސީރު ހުށަހެޅި މައްސަލައިގެ އަޑުއެހުން މިއަދު ހަވީރަށް ފަސްކޮށްފިއެވެ. އެމައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައިވަނީ ހެނދުނު 10 އެއްޖަހާއިރަށެވެ. ނަމަވެސް މިހާރުވަނީ ހަވީރު ތިނެއް ޖަހާ އިރަށް ފަސްކޮށްފައެވެ.
ކޯޓުން ބުނީ އެމައްސަލައިގެ އަޑުއެހުން ފަސް ކުރީ ހުލާސާ ބަޔާން އެއްކޮށް ނުނިމޭތީ ކަމަށެވެ. ހުލާސާ ބަޔާނަކީ މައްސަލައިގެ ހުކުމާއެކު ދޭން ޖެހޭ އެއްޗެކެވެ. އެމައްސަލައާއި ގުޅިގެން އެންމެ ފަހުން ބޭއްވި އަޑުއެހުމުގައިވަނީ އަޑުއެހުންތައް ނިންމާލާފައެވެ. އަދި މިއަދު ބާއްވާ އަޑުއެހުމުގައި ހުކުމް އިއްވާނެކަން ވެސް އިއުލާނުކޮށްފައިވެއެވެ.
ޕީޕީއެމާއި ދެކޮޅަށް އުމަރު ދައުވާ އުފުލާފައިވަނީ ޕްރައިމަރީގައި ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައި ނުވާ ފަރާތްތަތަކަކަށް ވޯޓު ލުމުގެ ފުރުސަތު ދީފައިވާތީ ޕްރައިމަރީ ބާތިލުކޮށް ދިނުން އެދިއެވެ.
އެމައްސަލާގައި އުމަރުވަނީ ޕީޕީއެމްގެ ޕްރައިމަރީއާއި ގުޅިގެން ދެން ހިނގަމުންދާ ކަންތައްތައް ހުއްޓުވުމަށާއި އޭނާއަށް ތާއިދު ކުރާ ފަރާތްތައް އެޕާޓީން ވަކިކުރުން ހުއްޓުވުމަށް ވަގުތީ އަމުރަކަށް އެދިފައެވެ. ނަމަވެސް ކޯޓުން އެއަމުރު ދީފައެއް ނުވެއެވެ.
އުމަރުގެ ދައުވާއަށް ޕީޕީއެމުންވަނީ އިންކާރުކޮށްފައެވެ. އަދި ޕާޓީގެ އެތެރޭގެ އިޖުރާއަތުތައް ފުރިހަމަކޮށްފައި ނުވާތީ އޭނާއަށް އެދައުވާ ނުކުރެއްވޭނެ ކަމަށް ވެސް ޕީޕިއެމުންވަނީ ބުނެފައެވެ. އަދި ޕްރައިމަރީގައި ރަޖިސްޓްރީކޮށްފައި ނުވާ ބަޔަކަށް ވޯޓުލުމުގެ ފުރުސަތު ދީފައި ނުވާނެ ކަމަށާއި ޕްރައިމަރީގައި ވޯޓުލުމުގެ ފުރުސަތުދީފައިވަނީ 28 ފެބްރުއަރީގެ ނިޔަލަށް ޕާޓީގައި ރަޖިސްޓްރީވީ މީހުންނަށް އެކަނި ކަމަށް ޕީޕީއެމުންވަނީ ބުނެފައެވެ.
އުމަރު ނަސީރު މައްސަލައިގެ އަޑުއެހުން މިއަދު ހަވީރަށް ފަސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ