ސްޕްރީމް ކޯޓްގެ ފަނޑިޔާރު އަލީ ހަމީދުގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ފުލުހުން ތަހްގީގު ކުރަންފެށި ފަހުންވެސް އޭނާ ބެންޗްގައި ހިމެނިވަޑައިގަންނަވާ ބައެއް މައްސަލަތަކުގެ ޝަރީއަތް ކުރިއަށް ގެންގޮސްފައިވާކަން ހާމަވެއްޖެއެވެ.
ފަނޑީޔާރު އަލީހަމީދުގެ ބަރަހަނާ ވީޑިއޯ ލީކުވިފަހުން އޭނާ ބައިވެރިވެވަޑައިގަންނެވި ޝަރީއަތުގެ މަޖިލީހެއް އެންމެ ފަހުން ބާއްވާފައިވަނީ ޖޫން ހަތާވީސް ވަނަ ދުވަހު ކަމަށް ސުޕްރިމް ކޯޓުގެ ޝެޑިއުލް އިން އެނގެއެވެ.
ޖޫން މަހުގެ 25 ވަނަ ދުވަހުގެ ރޭ އަލީ ހަމީދުގެ ބަރަހަނާ ވީޑީއޯ ވިއްކަން އުޅެނިކޮށް ހައުސިން މިނިސްޓްރީގެ ޕްރޮޖެކްޓް އެޑްވައިޒަރު އަހުމަދު ފާއިޒު ފުލުހުން ހައްޔަރުކޮށް އެމައްސަލަ ތަހްގީގު ކުރަންފަށާފައިވަނިކޮށް މިދިޔަ ބުރާސްފަތި ދުވަހު އަލީ ހަމީދު ބައިވެރިވެވަޑައިގަންނަވާ ޝަރީއަތުގެ މަޖިލީހެއް ބާއްވާފައިވެއެވެ.
އެދުވަހު ބާއްވާފައިވަނީ އަހްމަދު ތަސްމީން އަލީގެ މަސްލަހަތު އޮންނަ ކަންބާލިފަރު އިންވެސްޓްމަންޓަށް ބޭންކުއޮފް މޯލްޑިވްސް އިންނަގާފައިވާ ލޯނަށް ފައިސާ ނުދައްކާތީ އެފައިސާ ހޯދުމަށް ބޭންކުން ދައުވާކުރާ މައްސަލައެވެ. މިމައްސަލަ ބެއްލެވި ފަނޑީޔާރުންގެ ބެންޗްގައި އެދުވަހު ތިއްބެވީ ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު އާއި ފަނޑިޔާރު ޢާދަމް މުޙައްމަދު ޢަބްދުﷲ އެވެ.
މިކަމާއި ގުޅިގެން ބައެއް ގާނޫނީ ވަކީލުން ވިދާޅުވީ ވީޑިއޯގެ މައްސަލަ ތަހްގީގު ކުރަމުން ދިޔަނަމަވެސް ފަނޑިޔާރުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ގާނޫނީ ގޮތުން ހުރަހެއް އޮތްކަމަށް ގަބޫލު ނުކުރެވޭކަމަށާއި ނަމަވެސް އުސޫލެއްގެ ގޮތުން އެފަދަ މައްސަލައެއް ފެންމަތިވެއްޖެނަމަ ފިޔަވަޅު އަޅަންޖެހޭ މުވައްސަސާތަކުން ލަސްނުކޮށް ގޮތެއް ނިންމަންޖެހޭކަމަށެވެ. އަދި ބްލެކްމެއިލް ވެފައިވާ ކަމަށް ތުހުމަތު ކުރެވޭ ފަނޑީޔާރަކު ބެންޗަގައި އިންދެގެން ނިންމާނިންމުންތަކުގެ ސައްހަކަމާއިމެދު ސުވާލު އުފެދުނު ނަމަވެސް ގޮތެއް ނިންމަން އެނގޭނީ ތަހްގީގު މަރުހަލާ ނިމިގެންކަމަށް ވެސް ބައެއް ވަކީލުން ވިދާޅުވިއެވެ.
"ބުލެކް މެއިލް ވެފައިވާ ފަނޑިޔާރެއްގެ ސަބަބުން މައްސަލައެއްގެ ތެރެއަށް ނުފޫޒް ވަދެފައިވާނަމަ ވަދެފައިވާ މިންވަރު އެނގޭނީ ތަހްގީގު ކުރެވިގެން. ތަހްގީގަކުން ނުކުންނަ ނަތީޖާއަކުން އެމައްސަލައަކާއިމެދު އަލުން ގޮތެއް ނިންމުމުގެ ފުރުސަތުވެސް ސްޕްރީމް ކޯޓަށް ލިބިގެންވޭ،" ސީއެންއެމަށް މައުލޫމާތު ދެއްވި ވަކީލުން ވިދާޅުވިއެވެ.
ބަރަހަނާ ވީޑިއޯއިން ފެންނަ އަލީ ހަމީދު ޝަރީއަތެއް ކުރިއަށް ގެންގޮސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ