ބިލެއްދޫ ރައްޔިތުން ކުރަމުންދާ ޑިމާންޑް ބަލައެއް ނުގަނެވޭނެ

ބިލެއްދޫ ބަނދަރުގައި ބާނި ގިނަކަމުން ބޭނުން ނުކުރެވޭތީ ނެރުގެ ފައިކައްޓަށް ގެނައުމަށް ރައްޔިތުން ހުށަހެޅި ބަދަލަކީ އިންޖިނިއަރިންގެ ރޮނގުން ބަލައިގަނެވޭނެ ބަދަލެއް ނޫން ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ރާއްޖޭގައި މިހާރު މައްސަލަތައް ދިމާވެފައިވާ ބަނދަރުތަކާއި ގުޅޭގޮތުން ކަމާބެހޭ ފަރާތްތައް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރުމުން ހައުސިން މިނިސްޓަރު ޑރ.މުހަންމަދު މުއިޒު ވިދާޅުވީ ފަޅަށް ބަދަލެއް ގެންނަނަމަ އީއައީއޭ ރިޕޯޓަށް ބަދަލު ގެންނަން ޖެހޭކަމަށާއި ގާނޫނީ ގޮތުން އެކަމަށް ވަގުތު ބޭނުން ވާނެކަމަށެވެ.
"ނެރުގެ ކުޑަ ފައިކަށީގައި ހުރި ހިލަތައް އަނެއް ފައިކައްޓަށް އަޅައިގެން ދިގުކުރުމަކީ އެއީ ގަބޫލުކުރެވޭނެ ކަމެއް ނޫން. އެއީ އިންޖިނިއަރިން ޑިސިޝަނެއް. އެހެންވީމަ ރައްޔިތުން ނުވަތަ ކޯޓަކުން ބުނާހާގޮތެއް މިކަހަލަ ކަންކަމަކު ނުހެދޭނެ. އިންޖިނިއަރިންގެ ރޮގުން އެބަދަލު އަޅުގަނޑަށް ބަލައެއް ނުގަނެވޭނެ،" މުއިޒު ވިދާޅުވިއެވެ.
ބިލެއްދޫ ރައްޔިތުންގެ ހިތްހަމަ ނުޖެހުންތަކާއި ގުޅިގެން އެމްޓީސީސީގެ ތަކެތި ހިފަހައްޓާފައިވާއިރު މިނިސްޓަރު ވިދާޅުވީ މިވަގުތުން މިވަގުތަށް ރައްޔިތުން އެދޭ ހައްލު ހޯދައިދެވެން ނެތްކަމަށެވެ. ނަމަވެސް ޑުބާއީން ގެނައުމަށް މަސައްކަތްކުރަމުންދާ ބޮޑު ހިލަ ލިބިއްޖެނަމަ ބިލެތްދޫ ނެރުގެ ފައިކަށި ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި ދިގުކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"އެއްވެސް އޭންގަލަކުން ބަލައެއް ނުގަނެވޭނެ އެމްޓީސީސީގެ ތަކެތި ހިފަހައްޓައިގެން އުޅޭ މައްސަލަ. ޑުބާއީން ހިލަ ގެނައުމުގެ ހުއްދަ ފިނޭންސް ލިބިއްޖެނަމަ މަހެއް ދޮޅުމަހެއްގެ ތެރޭގައި ބިލެތްދޫ ބަނދަރުގެ މައްސަލަ ހައްލުކޮށްދޭނަން. އަޅުގަނޑު ޔަގީންކަން މިއަރުވަނީ ރައްޔިތުންނަށް ބަނދަރު ބޭނުން ކުރެވޭ ގޮތް ހަދައިދޭނަން. އަޅުގަނޑު ގަބޫލުކުރަން ރައްޔިތުންނަށް ދަތިވާކަން،" މިނިސްޓަރ ވިދާޅުވިއެވެ.
ސަރުކާރުގެ ބަޖެޓުން ބޮޑެތި ހޭދަތައް ކުރެވިގެން ބަނދަރުތައް ހަދާނިމޭއިރު ރައްޔިތުންނަށް ބަނދަރު ބޭނުން ނުކުރެވޭ މައްސަލާގައި ބައެއް މެންބަރުން ސުވާލުތައް ކުރިމަތި ކުރެއްވުމުން މުއްއިޒު ވިދާޅުވީ އީއައިއޭ ރިޕޯޓް ހެދޭ ގޮތަކުންވެސް އެމައްސަލަ ދިމާވާކަމަށެވެ. އަދި އީއައިއޭ ރިޕޯޓްގައި މައްސަލަ ހުރިނަމަ އެރިޕޯޓް ހަދައިދޭފަރާތް މެދުވެރިކޮށް އަލުން އިސްލާހުކުރުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ