ސަރުކާރު ކޯލިޝަން ތެރޭގައި ކޮންމެވެސް ވަރެއްގެ ހިޔާލު ތަފާތުވުންތަކެއް ހުރި ނަމަވެސް އެއީ ކޯލިޝަން ރޫޅި އިދިކޮޅު ފަރާތްތަކާ ބައިވެރިވުމުގެ ފުރުސަތު އޮތްކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ބޭފުޅަކު އައްޔަން ކުރުމުގައި ރައީސް އަބްދުﷲ ޔާމީނާއި ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހީމާ ދެމެދު ކޮންމެވެސް ވަރެއްގެ ހިޔާލުތަފާތުވުންތަކެއް އެބަހުރި ކަމަށެވެ. އެކަމަކު އެއީ ކޯލިޝަން ރޫޅޭނެ ފަދަ ކަމެއް ނޫން ކަމަށް ސިފަ ކުރައްވައި އުމަރު ވިދާޅުވީ "އެހެން އެއްވެސް ޕާޓީއެއް ކްރޮސްކޮށްފައި އެމްޑީޕީއާ ހަމައަށް ގޮސްދާނެ ކަމަށް ގަބޫލު ނުކުރެވޭ" ކަމަށެވެ.
"އެމްޑީޕީގެ ލީޑަރަކީ ކޮން ބޭފުޅެއްކަން އެބަ އެނގޭ. އޭނާގެ ފިކުރާއި ދީނީ ކަންކަމުގައި ގެންގުޅޭ މިންގަނޑާއި އެމްޑީޕީގެ ވެރިކަމުގައި އަމަލުކޮށްފައި ހުރި ކަންތައްތަކަކީ ސަރުކާރު ފަޅީގައި ހުންނަ އެއްވެސް މީހަކަށް އޮޅިފައި އޮންނާނެ ކަމެއް ނޫން،" އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީން އާއި ގާސިމްއާ ދެމެދު އޮތް ހިޔާލުތަފާތުވުމުގައި ހުޅުފަޅައިގެންދާނެ ކަމުގެ އުއްމީދުގައި ބަޔަކު އެބަ ތިބި ކަމަށާއި ހާއްސަކޮށް އެމްޑީޕީން އޮތީ މިކަމުގައި ހުޅު ރޯކޮށްލެވޭނެ ގޮތެއް އޮތްތޯ ބަލަބަލާ ކަމަށެވެ. އެކަމަކު ސިޔާސީ މައިދާނުގައި ޔާމީނާއި ގާސިމަކީ ވެސް ވަރަށް "މެޗުއާ" އަދި ތަޖުރިބާކާރު ދެބޭފުޅުން ކަމަށާއި މިފަދަ ކަމެއްގައި ހުޅުފަޅައި ދިޔަ ނުދެއްވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ކޯލިޝަންތެރޭގައި ގިނަ ޕާޓީތަކެއް ހިމެނޭއިރު ކުދިކުދި ސިޔާސީ ވާދަވެރިކަން ޕާޓީތަކުގެ އެތެރޭގައި ހުންނާނެ ކަމަށާއި އެކަމަކު އެ ވާދަވެރިކަން ދުޅަހެޔޮ ގޮތެއްގައި އޮތިއްޔާ އެއީ ގައުމަށް އޮތް ރަނގަޅެއް ކަމަށެވެ.
"ހެލްތީ ކޮމްޕެޓިޝަންއެއްގެ ތެރޭގައި ބޭއްވޭތޯ އަޅުގަނޑަށް ކުރެވެން އޮތް ކަމެއް ކުރާނަން،" މަޖިލީހުގެ ރައީސްކަމުގެ މައްސަލައިގައި ރައީސް ޔާމީނާއި ގާސިމްގެ މީޑިއޭޓަރެއްގެ ރޯލު ވެސް އަދާ ކުރެއްވި އުމަރު ވިދާޅުވި އެވެ.
އެކަމަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ ރައީސް ޔާމީންގެ އެދިވަޑައިގަތުމުގެ މަތިން އެ މައްސަލައިގައި ގާސިމާ ވާހަކަ ދެއްކެވި ކަމަށާއި ގާސިމްގެ މެސެޖް ރައީސްއަށް ވެސް ފޯރުކޮށްދެއްވި ކަމަށެވެ. އެކަމަކު މިހާރު އެ މަސައްކަތް ކުޑަކޮށް މަޑުޖެހިފައިވާ ކަމަށާއި "ކޮންމެ ފަހަރަކު ކަނދުފަތި ކަނބައިގެން ކަންކަން ކާމިޔާބު ނުވާނެ ކަމަށް،" އުމަރު ވިދާޅުވި އެވެ.
ޔާމީނާއި ގާސިމާ މެދު ކޮންމެވެސް ވަރެއްގެ ހިޔާލުތަފާތުވުންތަކެއް ހުރި ނަމަވެސް ދެ ބޭފުޅުންގެ ގުޅުން ވަރަށް ރަނގަޅު ކަމަށް އުމަރު ވިދާޅުވި އެވެ.
"ރައީސް ކޮންމެ ތަނަކަށް ފުރާވަޑައިގެން ނަމަވެސް ގާސިމް އެތަނަކަށް ވަޑައިގެން ރައީސްއާ ބައްދަލުކުރައްވައި ހީ ސަމާސާކޮށް ވާހަކަ ދައްކަވާ ހައްދަވާ. ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ ނަތީޖާ ކޮންމެ ގޮތަކަށް އޮތް ނަމަވެސް އެ ދެބޭފުޅުންގެ މެދުގައި ގާތްގުޅުމެއް އޮންނާނެ،" އުމަރު ވިދާޅުވި އެވެ.
އެމްޑީޕީ އެ އޮތީ "ހުޅު ރޯކޮށްލެވޭނެ" ގޮތެއް ބަލަބަލާ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ