ވިލާ ގުރޫޕްގެ ދަށުން ހިންގަމުންދާ މާނެންފުށި ޕްރައިވެޓް ލިމިޓެޑާއެކު ޓޫރިޒަމް މިނިސްޓްރީން ހަދާފައިވާ ސެޓްލްމަންޓް އެގްރީމަންޓް ބާތިލް ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ބުނެ ސިވިލް ކޯޓުން ނިންމި ނިންމުން ހައިކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
ހައިކޯޓުން މިގޮތަށް ނިންމީ، ސިވިލް ކޯޓުގެ މައްސަލަ މާނެންފުށި ޕްރައިވެޓް ލިމިޓެޑުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އެ މައްސަލާގައި ގޮތެއް ނިންމަމުންނެވެ.
ހައިކޯޓުން މިގޮތަށް ނިންމި ނަމަވެސް ރ. މާނެންފުށީގެ ސެޓްލްމަންޓް އެގްރީމަންޓް ބާތިލް ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް ހައިކޯޓުން މިއަދު ވަގުތީ އަމުރެއް ދީފައެއް ނުވެ އެވެ.
ނަމަވެސް އަލުން ވަގުތީ އަމުރެއް ހޯދުމަށް އެދި މާނެންފުށި ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިނަަމަ އެ މައްސަލައެއް ނިންމާއިރު ހައިކޯޓުން މިއަދު މި މައްސަލަ ނިންމި ގޮތުގެ ގަޒިއްޔާއަށް ރިއާޔަތް ކުރުމަށް ވަނީ އަންގާފަ އެވެ.
ސިވިލް ކޯޓުން މާނެންފުށިން އެދުނު ވަގުތީ އަމުރު ނެރެދީފައި ނުވަނީ، އެ އަމުރު ރެނެދީފިނަމަ ދައުވާގެ އަސްލު މައުޟޫއަށް ގޮތެއް ކަނޑައެޅިގެން ދާނެ ކަމަށް ބުނެ އެވެ. އެހެން ނަމަވެސް ހައިކޯޓުގެ ނިންމުމުގައިވަނީ، މާނެންފުށިން ވަގުތީ އަމުރުގައި އެދިފައިވާ ކަންކަމުގެ ސަބަބުން ދައުވާގެ އަސްލު މައުޟޫއަށް ގޮތެއް ކަނޑައެޅިގެން ދާނެ ކަމަށް ހައިކޯޓުގައި މި މައްސަލަ ބެލުމުގައި ބައިވެރިވި އެއްވެސް ފަނޑިޔާރަކަށް ނުފެންނަ ކަމަށެވެ.
ހައިކޯޓުން މިއަދު ނިންމި ނިންމުމުގައި ވަނީ، މި މައްސަލާގައި ހިމެނޭ އެމެންޑަޑް އެންޑް ރީސްޓޭޓަޑް ލީޒް އެގްރިމެންޓަކީ އެ އެގްރިމެންޓްގެ މުއްދަތު އަދި ހަމަނުވާ އެގްރިމެންޓެއްކަން ފާހަގަކުރެވޭ ކަމަށާއި، އެ އެގްރިމެންޓްގެ ދަށުން ރަށުގެ ޢުމްރާނީ ތަރައްޤީ ކުރުމަށްޓަކައި ދެވިފައިވާ މުއްދަތުވެސް އަދި ހަމަނުވާކަން އެނގެން އޮންނަ ކަމަށާއި، ޢުމްރާނީ ތަރައްޤީ ފެށުމަށްޓަކައި ރަށުގެ ކުރެހުން ފަދަ ތަކެއްޗަށް ބޮޑެތި ޚަރަދުތަކެއް ކުރެވިފައި ވާނެކަމަށް މާނެންފުށިން ޝަރީއަތުގެއި ބުނެފައިވާ ކަމަށެވެ.
އަދި މި މައްސަލާގައި ވަގުތީ އަމުރެއް ނުނެރެފިނަމަ، ދައުލަތަށް ވުރެ ބޮޑަށް މާނެންފުށި ޕްރައިވެޓް ލިމިޓެޑަށް ގެއްލުންތަކެއް ލިބުމުގެ އިޙްތިމާލު އޮތްކަން ފާހަގަކުރެވޭ ކަމަށްވެސް ހައިކޯޓުގެ ނިންމުމުގައިވެ އެވެ.
މާނެންފުއްޓަށް ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި ޤާއިމްވެފައިވާކަމާއި،
އަދި މާނެންފުށިން އެދިފައިވާގޮތަށް ވަގުތީ އަމުރެއް ނެރެދިނުންވާނީ މައްސަލަ ބެލުމުގެ ކުރިން އަޞްލު މައްސަލާގައި ހިމެނޭ މައުޟޫއީ ޙައްޤަށް ނުވަތަ ޤާނޫނީ މަރުކަޒަށް ދާއިމީ ޙިމާޔަތް ކުރިއާލާ ދެވުން ކަމުގައި ބެލެވެން ނެތްކަމަށާއި، އެހެން ކަމުން ސިވިލް ކޯޓުން ވަގުތީ އަމުރާމެދު ގޮތެއް ނިންމަވާފައިވަނީ ރަނގަޅަށް ނޫންކަމަށްވެސް ހައިކޯޓުގެ ނިންމުމުގައި ވެއެވެ.
ވިލާ ގުރޫޕުގެ މާނެންފުށި ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި މި މައްސަލައިގައި ސިވިލް ކޯޓުގެ ވަގުތީ އަމުރާއިމެދު ނިންމިގޮތް ބާތިލް ކޮށްފައިވަނީ އެ މައްސަލަ ބެއްލެވި 3 ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
މާނެންފުއްޓަށް ވަގުތީ އަމުރެއް ނުދޭން ސިވިލް ކޯޓުން ނިންމި ނިންމުން ހައިކޯޓުން ބާތިލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ