ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން ފަށައިފި

ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން ފަށައިފި އެވެ.
މިއަދު ހެނދުނު 08:00 އިން ފެށިގެން ހަވީރު 04:00 އާއި ހަމައަށް ވޯޓުލުން ކުރިއަށް ގެންދާއިރު މި އިންތިހާބުގައި ވޯޓުލުމަށް 2،555 މީހަކު ވަނީ ރަޖިސްޓްރީކޮށްފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރާ ގޮތުގައި ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ދިއްގަރު ދާއިރާގެ ފަސް ރަށުގައި ފަސް ފޮށި އަދި މާލޭގައި އެއްފޮށި ވަނީ ބަހައްޓާފަ އެވެ. މާލޭގައި ވޯޓު ފޮށި ބަހައްޓާފައި ހުންނާނީ އިސްކަންދަރު ސްކޫލުގަ އެވެ. އެފޮއްޓަށް ވޯޓުލުމަށް ދިއްގަރު ދާއިރާގެ 573 މީހުން ވަނީ ރަޖިސްޓްރީ ކޮށްފަ އެވެ.
ދިއްގަރު ދާއިރާގެ ބައި އިލެކްޝަނުގައި ހަތަރު ކެންޑިޑޭޓަކު ވާދަކުރައްވަ އެވެ. އެއީ ވެރިކަން ކުރާ ޕީޕީއެމްގެ ފަރާތުން އަހްމަދު ފާރިިސް މައުމޫނާއި އިދިކޮޅު އެމްޑީޕީގެ އަހްމަދު ރާޒީގެ އިތުރުން، އަމިއްލަ ގޮތުން ވާދަކުރައްވާ ދެބޭފުޅުން ކަމަށްވާ އެލްޖީއޭގެ ނައިބް ރައީސްގެ މަގާމުގައި ހުންނެވި މޫސާ ނަސީރު އަހްމަދު އަދި ޝަމީމް އަލީ އެވެ.
ދިއްގަރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެމްބަރު އަހުމަދު ނާޒިމްގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުވެ 25 އަހަރަށް ޖަލަށް ލާން ސުޕްރީމް ކޯޓުން މިދިޔަ އޭޕްރީލްމަހު ހުކުމްކުރުުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ