ދަރުމަވަންތަ ސްކޫލްގެ ދަރިވަރު، ހއ. ހޯރަފުށީ ނޫރީގޭ މުހައްމަދު އަރްހަމް 2012 ވަނަ އަހަރު މަރާލި ކަމަށް ތުހުމަތު ކުރާ މީހުންގެ މައްސަލަ ބައްލަވާ ގާޒީ ބަދަލުކޮށްފި އެވެ.
މިމައްސަލަ މީގެ ކުރިން ބައްލަވަމުން ގެންދެވީ ކްރިމިނަލް ކޯޓުގެ ގާޒީ މުހުތާޒް ފަހުމީ އެވެ. ނަމަވެސް މިއަދުން ފެށިގެން އެ މައްސަލަ ބައްލަވާ ގާޒީގެ ގޮތުގައި އަބްދުﷲ ދީދީ ވަނީ ހަމަޖައްސާފަ އެވެ.
އަރްހަމްގެ މައްސަލަ ބައްލަވާ ގާޒީ ބަދަލުކޮށްފައިވަނީ މިމައްސަލާގައި ދައުވާ ލިބޭ މީހެއްގެ އާއިލާއިން ކޯޓުގައި އެކަމަށް އެދުމުން ކަަމަށް އެނގިފައިވެ އެވެ.
އަރްހަމްގެ މަރާ ގުޅިގެން ދައުވާ އުފުލާފައިވަނީ ލ. މާވަށް އެވާބްލޫ މުހައްމަދު ވިސާމް އާއި ހަމައެރަށު އަސަރީގޭ މަންސޫރު ޔޫސުފާއި ގދ. ގައްދޫ ގުންޒަރު މުހައްމަދު ސުފުޔާންގެ އިތުރުން މއ. ސީނަރީވިޔު އާތިފް ރަޝީދުގެ މައްޗަށެވެ.
މި މައްސަަލާގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމަށް ދައުވާ ލިބޭ މީހުންގެ ފަރާތުން ވެސް ވަޑައިގެންނެވީ މީގެ ކުރިން ވަޑައިގަންނަވާ ވަކީލެއް ނޫނެވެ. އެމީހުންގެ ވަކީލް ވަނީ ދައުވާ ލިބޭ މީހުން ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދިފަ އެވެ. ނަމަވެސް އެކަމަށް އިންކާރުކުރައްވާ ދައުލަތުގެ ވަކީލާ ވިދާޅުވީ ފުލުހުންގެ ބަންދު ނޫން އެހެން ބަންދަކަށް އެމީހުން ބަދަލުކުރުމަށް ދައުލަތުން ބޭނުން ނުވާ ކަމަށެވެ.
އަރުހަމްގެ މަރުގެ މައްސަލާގައި އޭނާގެ ވާރިސުން ބުނެފައިވަނީ އެމީހުން ބޭނުންވަނީ މަރުގެ ބަދަލުގައި މަރަށް މަރު ހިފުމަށް ކަމަށެވެ.
އަރްހަމް މަރާލި މައްސަލަ ބައްލަވާ ގާޒީ ބަދަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ