ސިވިލްކޯޓުން ކޮށްފައިވާ ހުކުމުން ޕީޕީއެމްގެ ހިންގުން އެޕާޓީގެ މުސްތަޝާރު, ރައީސް އަބްދުﷲ ޔާމީނާ ހަވާލުކޮށްފައިވަނީ 24 ގަޑިއިރަށްކަމަށާއި, އެއީ ކައުންސިލް ބައްދަލުވުމެއް ބާއްވާ ޕާޓީ ހިންގާނެ މީހަކު ކަނޑައެޅުމަށްކަމަށް ރައީސް މައުމޫންގެ ފެކްޝަނުން ބުނެފިއެވެ.
ރައީސް މައުމޫންގެ ފެކްޝަނުން އޮޕަރޭޓްކުރާ އެޕާޓީގެ ޓްވީޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓްތަކެއް ބުނެފައިވަނީ ސިވިލްކޯޓުން ކޮށްފައިވާ ހުކުމުން އެޕާޓީގެ ހިންގުން މުސްތަޝާރު ރައީސް އަބުދުﷲ ޔާމީނާއި ހަވާލްކޮށްފައިވަނީ 24 ގަޑިއިރަށްކަމަށެވެ. އަދި އެއީ މުސްތަޝާރުގެ ބެލުމުގެ ދަށުން ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބާއްވާ ޕާޓީ ހިންގާނެ މީހަކު ކަނޑައެޅުމަށްކަމަށެވެ.
ނަމަވެސް އެހުކުމާއި ގުޅިގެން ރައީސް އަބުދުﷲ ޔާމީންގެ ބެއްލެވުމުގެ ދަށުން ބޭއްވި ކައުންސިލް ބައްދަލްވުމުގައި ޕާޓީގެ ހިންގުން ރައީސް ޔާމީނާއި ހަވާލްކޮށްފައިވަނީ ޕީޕީއެމްގެ އަސާސީ ގަވާއިދުގެ 57 ވަނަ މާއްދާއާއި ހިލާފަށްކަމަށް މައުމޫން ފެކްޝަނުން ވަނީ ވަނީ ބުނެފައެވެ. އަދި ޕާޓީގެ އަސާސީ ގަވާއިދާ ހިލާފު އެއްވެސް ނިންމުމެއް ކައުންސިލަށް ނުނިންމޭނެކަމަށްވެސް ރައީސް މައުމޫންގެ ފެކްޝަނުން ވަނީ ބުނެއެވެ.
ޕީޕީއެމްގެ އަސާސީ ގަވާއިދުގެ 57 ވަނަ މާއްދާގެ ނ ގައި ބުނެފައިވަނީ ޕީޕީއެމްގެ މުސްތަޝާރަކީ ޕާޓީ ހިންގުމުގައި އަދި ޕާޓީގެ ސިޔާސަތުތައް ކަނޑައެޅުމުގައި އެއްވެސް އަމަލީ ދައުރެއް އޮންނަ ފަރާތެއް ނޫންކަމަށެވެ.
ޕީޕީއެމްގެ ހިންގުން ރައީސް ޔާމީނާ ހަވާލުކުރަން ސިވިލް ކޯޓުން އޮކްޓޫބަރު މަހުގެ 16 ވަަނަ ދުވަހު ހުކުމް ކުރީ އެޕާޓީގައި ރައީސްއެއް ހުންނެވި ނަމަވެސް ޕީޕީއެމްއަށް މިހާރު ކުރިމަތިވެފައިވަނީ ރައީސް އެއް ނެތް ފަދަ ހާލަތެއް ކަމަށް ކަނޑައެޅުމަށްފަހު އެވެ.
ޕީޕީއެމް ހިންގަނީ އެ ޕާޓީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންކަން ޔަގީން ކުރުމަށްޓަކައި ޕީޕީއެމްގެ ހުރިހާ ޒިންމާއެއް އުފުލަން ޖެހޭ ފަރާތަކީ ޕާޓީގެ މުސްތަޝާރު އަބްދުﷲ ޔާމީން ކަމަށްވެސް ސިވިލް ކޯޓުގެ ހުކުމުގައިވެ އެވެ.
ކޯޓުން ރައީސް ޔާމީނާ ޕާޓީ ހިންގުން ހަވާލުކުރީ ޕާޓީ ހިންގާނެ ފަރާތެއް 24 ގަޑިއިރުތެރޭ ކަނޑައެޅުމަށް - މައުމޫން ފެކްޝަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ