ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓުން ފެނުނު ފިސްތޯލައިން ކުރީގެ ނައިބް ރައީސް އަހްމަދު އަދީބުގެ ޑީއެންއޭ ފެނުނު ރިޕޯޓް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
ޕީޖީ އޮފީހުން ބުނީ ފުލުހުންގެ ތަހުގީގުން ލިބުނު ޑީއެންއޭ ރިޕޯޓު ފުލުހުން ޕީޖީއަށް ފޮނުވުމުން އެރިޕޯޓު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އެ ރިޕޯޓު ސުޕްރީމް ކޯޓަށް ފޮނުވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށްވެސް ބުނެ އެވެ.
ކާނަލް ނާޒިމްގެ ގެއިން ފިސްތޯލަ ފެނުނު މައްސަލާގައި މިމަހުގެ 21 ވަނަ ދުވަހުގެ ރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވީ ގ. އެނިފްގައި ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓުން ފެނުނު ފިސްތޯލައިން ނެގުނު ސާމްޕަލްތަކެއްގެ ތެރެއިން އެއް ސާމްޕަލް ކުރީގެ ނައިބް ރައީސް އަހްމަދު އަދީބުގެ ޑީއެންއޭއާ ދިމާވެފައިވާ ކަމަށެވެ.
ހަމަ އެރޭ ނާޒިމްގެ ގާނޫނީ ވަކީލުންގެ ޓީމުންވެސް ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ. ނާޒިމްގެ ގާނޫނީ ވަކީލުންގެ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމްގެ ގާނޫނީ ޓީމުގައި އިސްކޮށް ހުންނެވި ވަކީލް އަދި ކުރީގެ ބަންޑާރަނައިބް ހުސްނުއްސުއޫދު ވިދާޅުވީ ނާޒިމް ވަނީ ފްރޭމްކޮށްފައި ކަމަށާއި އެކަމުގެ އަޑީގައި ތިއްބެވީ ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދާއި އަދީބު ކަމަށެވެ.
ސުއޫދު ވިދާޅުވީ ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައާއި ކަޅުކުލައިގެ ދަބަހުން އަދީބްގެ ޑީއެންއޭ ފެނިފައިވާ ކަން ފުލުހުންނަށް ޔަގީންކުރެވިފައިވާ ކަމަށާ ފުލުހުންނަށް އެކަން ދޮގުނުކުރެވޭނެ ކަމަށެވެ. އަދި އެމައްސަލައާއި ގުޅިގެން ފުލުހުންގެ އިސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށްފަހު އެކަމުގެ މައުލޫމާތު އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރުއާއި ޕްރޮސެކިއުޓާ ޖެނަރަލް އައިޝަތު ބިސާމްއާ ފުލުހުން ހިއްސާކުރެއްވި ކަމަށްވެސް ސުއޫދު ވިދާޅުވި އެވެ.
ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެމައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމުމަށްޓަކައި ބޭއްވި އިޖުރާއީ ދެ އަޑުއެހުމަށްފަހު މިއަދު ވަނީ މިމައްސަލަ ސުޕްރީމް ކޯޓަށް ބަލައިނުގަތުމަށް ނިންމާފަ އެވެ.
އަދީބްގެ ޑީއެންއޭ ފެނުނު ފިސްތޯލައިގެ ރިޕޯޓް ސުޕްރީމް ކޯޓާ ހިއްސާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ