ސޫދާނުގެ ރައީސް އުމަރު އަލް ބަޝީރު ހައްޔަރުކުރަން އަމުރު ނެރެފި

ސޫދާނުގެ ރައީސް އުމަރު އަލް ބަޝީރު ހައްޔަރުކުރަން، ހަނގުރާމައިގެ ޖަރީމާތައް ބަލާ ބައިނަލްއަގްވާމީ ކޯޓުން ދެކުނު އެފްރިކާގެ މައްޗަށް އަމުރެއް ނެރެފިއެވެ.
ހޭގްގައި ހުންނަ އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން މިކަމަށް އަމުރު ނެރުނީ، އެފްރިކަން ޔޫނިއަންގެ ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ސޫދާނުގެ ރައީސް ދެކުނު އެފްރިކާއަށް ވަޑައިގަތުމާ ދިމާކޮށެވެ. އެފްރިކަން ޔޫނިއަން ސަމިޓް ޖޮހަނަސްބާރގްގައި މިއަދު ފެށޭނެއެވެ.
ސޫދާނުގެ ރައީސް އުމަރު އަލް ބަޝީރަކީ، 2003 ވަނަ އަހަރު ދާރްފޫރްގައި ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތަކާއި، އިންސާނިއްޔަތާ ޚިލާފް ޖަރީމާތަކުގެ ޝަރީއަތަށް ހާޟިރުކުރަން އައި.ސީ.ސީން ބެނުންވެގެން އުޅޭ ބޭފުޅެކެވެ.
ސޫދާނުގެ ރައީސް ދެކުނު އެފްރިކާއަށް ވަޑައިގަތުމާ ދިމާކޮށް އޭނާ ހައްޔަރު ކުރަން ނެރުނު އަމުރާ ބެހޭގޮތުން، އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓު އެސެމްބްލީގެ ރައީސް ސިޑިކީ ކަބާ ވިދާޅުވެފައިވަނީ، އައީ.ސީ.ސީގެ މަސައްކަތަށް އަބަދުވެސް ބޮޑު އެއްބާރުލުމެއްދޭ ދެކުނު އެފްރިކާއިން އެކޯޓުގެ އަމުރު ތަންފީޒު ކުރާނޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ދެކުނު އެފްރިކާއަކީ އައި.ސީ.ސީގެ ފުރިހަމަ މެމްބަރު ގައުމެކެވެ.
މިކަމާ ބެހޭގޮތުން ދެކުނު އެފްރިކާއިން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، ދެކުނު އެފްރިކާގެ ރަސްމީ ޓީވީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ސޫދާނުގެ ރައީސް ދެކުނު އެފްރިކާއަށް ވަޑައިގަމުން، ދެކުނު އެފްރިކާއާއި، ސޫދާނުގެ އޮފިޝަލުން އޭނާއަށް ހޫނު މަރްހަބާއެއް ދެންނެވި ކަމަށެވެ. މިކަން ސޫދާންގެ ރަސްމީ ނޫސް އޭޖެންސީންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.
އެފްރިކަން ޔޫނިއަންގެ މިދައުރުގެ ރިޔާސަތު ބަލަހައްޓަވަނީ ޒިމްބާބުވޭގެ ރައީސް ރޮބަރޓް މުގާބޭއެވެ. މުގާބޭވަނީ، އައި.ސީ.ސީގެ މުއާހަދާއިން އެފްރިކަން ޔޫނިއަންގެ ހުރިހާ މެމްބަރު ގައުމުތައް ވަކިވުމަށް ގޮވާލައްވާފައެވެ.
ދެކުނު އެފްރިކާއިން ސޫދާނުގެ ރައީސް ހައްޔަރު ނުކޮށް ދޫކޮށްލައިފިނަމަ އެގައުމަށް ވަރަށް ބޮޑެތި މައްސަލަތަކެއް ކުރިމަތި ވާނޭކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ބުނެއެވެ. އަދި އެގައުމުގެ އަގު ދުނިޔޭގެ ކުރިމަތީގައި ވެއްޓިގެން ދާނޭކަމަށްވެސް ބުނެއެވެ.
އުމަރު އަލް ބަޝީރުގެ މައްޗަށް ޝަރީއަތް ކުރަން ބޭނުންވެގެން 2009 ވަނަ އަހަރު އައި.ސީ.ސީން އޭނާ ހައްޔަރު ކުރަން ބޭނުންވާކަން ހާމަކުރިފަހުން ސޫދާނުގެ ރައީސް މުޅިންވެސް ވަޑައިގަންނަވަނީ އައި.ސީ.ސީގެ މެމްބަރު ނޫން ގައުމުތަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ