ކަމަދޫން ކަރަންޓް ކެނޑުނީ އިންޖީނުގެ ބެޓަރީ ގޮވައިގެން - ފެނަކަ

ބ. ކަމަދޫން މިއަދު ކަރަންޓް ކެނޑިފައި ވަނީ، އެރަށަށް ކަރަންޓް ދެމުން ގެންދިޔަ 250 ކިލޯ ވޯޓުގެ އިންޖީނުގެ ބެޓަރީ ގޮވައިގެން ކަމަށާއި، އެރަށުގެ ކަރަންޓްގެ ޑިމާންޑަށް ބެލުމަށްފަހު ދެމެހެއްޓެނިވިގޮތެއްގައި، ކަަރަންޓް ދިނުމަށް 250 ކިލޯ ވޯޓުގެ ޖެނަރޭޓަރެއް އެރަށަށް ގެނައުމުގެ މަސައްކަތް ފެނަކަ އިން ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ރެ އާއި މިއަދު އެރަށުން ކަރަންޓް ކެނޑުމާއި ގުޅިގެން މިއަދު ހެނދުނު އެރަށުގައި ވަނީ މުޒާހަރާކޮށްފިއެވެ.
އެރަށަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައާ ގުޅިގެން ފެނަކަ އިން މީގެ ކުޑަ އިރުކޮޅެއް ކުރިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އިއްޔެ ކަމަދޫ ބްރާންޗްގައި ހިނގާފައި ހުރި 250ކިލޯ ވޯޓުގެ އިންޖީނުގެ ބެޓަރީ ފެއިލްވުމާއި ގުޅިގެން އެ އިންޖީނު ނިވިފައިވާކަމަށެވެ. އެހެންވެ އެރަށަށް ކަރަންޓް ދެމުންގެންދިޔައީ އެކި ފީޑަރުތަކަށް ބަހާލައިގެން ކަމަަށެވެ.
އަދި އެރަށަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލު ކުރުމަށް އެރަށަށް އިންޖީނިއަރެއް ފޮނުވައި އިއްޔެ 12:00 ގައި މުޅި ރަށަށް ކަރަންޓް ދެވުނު ކަމަށެވެ. އަދި އެ މައްސަލަ ހައްލު ކުރެވި މިއަދު ހެނދުނު 7:30 ހާއިރު 250 ކިލޯވޯޓުގެ އިންޖީނުގެ ބެޓަރީ ގޮވާ ރަށުގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑުނު ކަމަށް ފެނަކަ އިން ބުންޏެވެ.
"އަދި 12:50 ވަންދެން ރަށަށް ކަރަންޓް ދެމުން ގެންދިޔައީ ކަމަދޫ ސްކޫލް ހުރި ސަރަހައްދާއި އެކު ރަށުގ އެކި ފީޑަރުތަކަށް ބަހާލައިގެންނެވެ". އެ ބަޔާނުގައި ވެއެވެ.
އަދި މިއަދު 12:50 ހާއިރު ކަމަސޫގެ 180 ކިލޯ ވޯޓުގެ ދެ އިންޖީނު ރަނިންގއަށް ގެނައުމަށާއި، ޕެނަލް ބްރޭކް ބަދަލު ކުރުމަށް ރައްޔިތުންނަށް އެންގުމާއެކު 13:30 ގެ ނިޔަލަށް މުޅި ރަށުން ކަރަންޓް ކަނޑާލެވުނުކަމަށް ފެނަކަ އިން ބުންޏެވެ. އަދި އެ މަސައްކަތް ނިމި 13:30 ގައި މުޅި ރަށަށް ކަރަންޓް ދެވުނު ކަމަށް ފެނަކަ އިން ބުންޏެވެ.
"އަދި 250 ކިލޯ ވޯޓުގެ އިންޖީނަށް ދިމާވެފައިވާ މައްސަަލަ ބެލުމަށް މި ކުންފުނީގެ އިންޖީނިއަރުން ދަނީ މަސައްކަތް ކުރަމުންނެވެ". ފެނަކަގެ ބަޔާނުގައި ވެއެވެ.
އަދި އެރަށަށް 250 ކިލޯ ވޯޓުގެ އިތުރު ޖެނަރޭޓަރެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކައިގެ ބަޔާނުގައި ވެއެވެ.
ފެނަކަ އިން ވަނީ ކަމަދޫ ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު ދަންނަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ