ސިޔާސީ ކަންކަން އެއްފަރާތްކޮށް ގައުމު ބިނާކުރުމުގައި ބައިވެރިވުމަށް އުމަރު ގޮވާލައްވައިފި

ރާއްޖޭގައި އުފެދިފައި އޮތް ސިޔާސީ ޚިޔާލު ތަފާތުވުންތައް ނައްތާލައި އެކަންކަން އެއްފަރާތް ކުރުމަށްފަހު ގައުމު ބިނާ ކުރުމުގައި އެންމެން އެކީ އުޅުމަށް ކައުންސިލަރުންނަށް ލޯކަލް ގަވަރުމަންޓު އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސް އަދި ހޯމް މިނިސްޓަރު އުމަރު ނަސީރު ގޮވާލައްވައިފި އެވެ. އުމަރު މިރޭ ކުރެއްވި ޓްވީޓެއްގައި ގައުމު ބިނާ ކުރުމުގައި އެއްބާރުލުންދީ އެކަމުގައި ބައިވެރިވުމަށް ހުރިހާ ކައުންސިލަރުންނަށް ވަނީ ގޮވާލާފައި އެވެ. I call on all Council Members to participate in nation building. Let us keep political differences aside when it comes to service delivery. — Umar Naseer (@UmarNaseerPPM) May 31, 2015 މިނިސްޓަރު އުމަރު މިހެން ވިދާޅުވިއިރު ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމަށް ބާއްވާ ހަރަކާތްތަކުގައި ބައިވެރިނުވުމަށް ބައެއް ކައުންސިލްތަކުން ވަނީ ނިންމާފައެވެ. އެގޮތަށް ކައުންސިލުތަކުން ނިންމުމުން ބައެއް ކައުންސިލަރުންނަށް މުސާރަ ނުލިބޭ ގޮތަށް ފަސް ކައުންސިލަރަކު އެއް މަސްދުވަހަށް ސަސްޕެންޑް ކުރަން އެލްޖީއޭ އިން ވަނީ ނިންމާފައި އެވެ. އެކަމާ ގުޅިގެން ބައެއް ކައުންސިލަރުން ވަނީ ސަސްޕެންޑުކޮށްފައެވެ. އެއީ އދ. އަތޮޅު ކައުންސިލް މެމްބަރު އަލީ އަޒަމް އާއި އެއަތޮޅު ކައުންސިލް މެމްބަރު އަހުމަދު ހަލީލް އާއި އއ. އަތޮޅު ކައުންސިލްގެ ނައިބް ރައީސް އަލީ ސަމީރު އާއި އެކައުންސިލްގެ މެމްބަރު ހަސަން ޝިޔާން އާއި މޫމިން ސިޔާމެވެ. އެލްޖީއޭއިން ބުނީ އެކައުންސިލަރުން ސަސްޕެންޑް ކުރީ މިނިވަން 50ގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވުމަށް ނިންމުމާ ގުޅިގެން ކަމަށެވެ. އެލްޖީއޭ އިން ވަނީ މި މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގައި ބައިވެރިވި ތުޅާދޫ ކައުންސިލްގެ މެމްބަރު ޒިއާއު ރަޝީދު އިބްރާހީމަށް މުސާރަ ނުލިބޭގޮތަށް ދެ މަހަށް ސަސްޕެންޑުކޮށްފައި އެވެ. އެހެންނަމަވެސް ތުޅާދޫ ކައުންސިލުން ވަނީ އޭނާ އަށް މުސާރަ ދޭނެ ކަމަށް ބުނެ ގަރާރެއް ފާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ