ބޮޑުވަޒީރުގެ ދައުވަތަކަށް މައުމޫން މެލޭޝިޔާ އަށް ވަޑައިގަންނަވަނީ

މެލޭޝިއާގެ ބޮޑު ވަޒީރު ޑރ. މަހާތިރު ބިން މުހައްމަދުގެ ދައުވަތަކަށް ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް މިރޭ މެލޭޝިޔާ އަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ތަރުޖަމާނު، ތަޒުމީލް އަބްދުއް ސަމަދު މިއަދު ވިދާޅުވީ މި ދަތުރުފުޅުގައި މައުމޫންގެ އަރިހުގައި އެމްއާރްއެމްގައި އިސްކޮށް އުޅުއްވާ އައިމިނަތު ނާދިރާ އާއި އަބްދުﷲ ކަމާލުއްދީން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.
އަދި ދަތުރުފުޅާ ގުޅޭ އިތުރު މައުލޫމާތު ހިއްސާ ކުރައްވާނީ ދަތުރުފުޅު ނިމުމުން ކަމަށް ތަޒްމީލް ވިދާޅުވިއެވެ.
މައުމޫންއާއި މެލޭޝިއާގެ ބޮޑު ވަޒީރު މަހާތިރު އަކީ ޒަމާންވީ ގާތް ދެ އެކުވެރިން ކަމަށްވާއިރު، މިދިޔަ އޮކްޓޫބަރު މަހު ވެސް މައުމޫން ވަނީ މެލޭޝިޔާ އަށް ދަތުރުފުޅެއް ކުރައްވާފައެވެ. މައުމޫން އެފަހަރު މެލޭޝިޔާ އަށް ވަޑައިގެންނެވީ ބޭސްފަރުވާ އަކަށެވެ.
މައުމޫން މިރޭ މެލޭޝިޔާ އަށް ފުރާވަޑައިގަންނަވާއިރު ދާދިފަހުން އެމަނިކުފާނު ވަނީ ބޭސްފަރުވާ އަކަށް އިންޑިއާ އަށް ވެސް ދަތުރުފުޅެއް ކުރައްވާފައެވެ. އިންޑިއާގައި މަސް ދުވަސް ހޭދަ ކުރެއްވުމަށްފަހު މައުމޫން މާލެ ވަޑައިގެންފައިވަނީ މިދިޔަ މަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ