ނޫސްވެރިން ނުވައްދައި ސުއޫދުގެ މައްސަލަ ކުރިއަށް ގެންދަނީ

ފަނޑިޔާރުންނާއި ގޭންގުތަކާ ގުޅުން އޮންނަކަމަށް ބުނެ، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ކްރިމިނަލް ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ބުނެ މިއަދަށް އެ ކޯޓުގައި ތާވަލު ކުރި މައްސަލަ ނޫސްވެރިން ނުވައްދައި ކުރިއަށް ގެންދަން ނިންމައިފި އެވެ. ސުއޫދު ކްރިމިނަލް ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ބުނެ އޭނާގެ މައްސަލަ ބަލަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން އިއްޔެ ނިންމައި، އެ މައްސަލައިގެ އަޑުއެހުން ތާވަލު ކުރީ މިއަދު 14:00 އަށެވެ. އެހެން ނަމަވެސް، އެ މައްސަލަ ކުރިއަށް ގެންދަން ނިންމާފައި ވަނީ ސިއްރުކޮށްގެން ކަމަށް ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލަކު ވަނީ "ސަން"އަށް ވިދާޅުވެފަ އެވެ. މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުއޫދު ވިދާޅުވީ، ބައެއް މައްސަލަތަކުގައި ކޯޓުގެ މުވައްޒަފުންނާއި ފަނޑިޔާރުން ވެސް ޝާމިލުވެގެން ބައެއް މީހުން ދޫކުރާ ކަމަށެވެ. އޭގެ އިތުރުން، ގޭންގުތަކާއި ފަނޑިޔާރުންނާ ގުޅުން އޮންނަ ކަމަށާއި، ފަނޑިޔާރުންގެ ސެކިއުރިޓީގެ ގޮތުގައި ވެސް ގޭންގުތަކުން ހަރަކާތްތެރިވާ ކަމަށެވެ. އަދި އޭނާ ވިދާޅުވީ، ގޭންގުތަކުން ނޮމިނޭޓު ކުރާ ފަނޑިޔާރުން ކޯޓަށް އައްޔަން ކޮށްފައި ހުންނަ ކަމާއި، ވަކި ވަކި ގޭންގުތަކަށް ފަނޑިޔާރުންގެ ކޯޓާއެއް ކަނޑައަޅާފައި ހުންނަ ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށެވެ. އަދި ބައެއް މަރުގެ މައްސަލަތައް ކޯޓުގައި ކުރިއަށް ދަނިކޮށް އެ މައްސަލަތަކުގައި ޝާމިލުވާ ގޭންގުތަކުން ސުލްހައިގެ އެއްބަސްވުންތައް ހަދައި، ހެކިތަކަށް ބަދަލު ގެންނަ ކަމުގެ ތުހުމަތުވެސް އޭނާ ކުރެއްވި އެވެ. އޭނާ ވިދާޅުވީ، ކްރިމިނަލް ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުންނާ އެކު އިންސާފު ލިބުމުގެ އެއްވެސް އުންމީދެއް ނެތް ކަމަށެވެ. އެ ވާހަކަތަކާ ގުޅިގެން ކްރިމިނަލް ކޯޓުން މީގެ ކުރިން ބުނީ ސުއޫދު ކުރިމިނަލް ކޯޓާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކަކީ، މިނިވަން ޖުޑިޝަރީ އަޅުވެތި ކުރުމަށް ދައްކާފައިވާ ބިރުހުރި ނުރައްކާތެރި ވާހަކަތަކެއް ކަމަށެވެ. އަދި އިއްޔެ ކްރިމިނަލް ކޯޓުން ބުނީ ސުއޫދު މީޑިއާއަށް މައުލޫމާތު ދެއްވީ، ކްރިމިނަލް ކޯޓުގެ ހުރުމަތާއި، ކަރާމާތާއި ހައިބަތު ނަގާލައި، ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުން ބަދުނާމުވާގޮތަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ