ޖޮއިންޓް ޕީޖީ ރޫޅާލަން އެމްޑީޕީން ބުނީމަ ހައިރާނެއް ނުވޭ: ގާސިމް

ޖޮއިންޓް ޕާލިމްންޓްރީ ގުރޫޕު ރޫޅާލަފާނެ ކަމަށް އެމްޑީޕީން ބުނުމުން ހައިރާން ނުވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. ގާސިމް އެހެން ވިދާޅުވީ މިއަދު އެމްޑީޕީގެ ޕީޖީ ގުރޫޕުން ނެރުނު ބަޔާނަކަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގަ އެވެ. އެމްޑީޕީ ޕީޖީ ގުރޫޕުން ބަޔާން ނެރުނުނީ ޖޭޕީގެ ޕީޖީގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް އަބްދުﷲ މަޖިލީހަށް ހުށަހެޅުއްވި އިސްލާހާ ގުޅިގެންނެވެ. އެ އިސްލާހު ހުށަހެޅީ ރައީސްކަން ކޮށްފައިވާ މީހަކަށް މަޖިލީހުގައި ވާދަ ނުކުރެވޭ ގޮތް ހެދުމަށެވެ. އެ އިސްލާހު ނެގުމާ ޖޭޕީން ބާރު އަޅައި ދިނުމަށް އެދި އެމްޑީޕީގެ ޕީޖީ ގުރޫޕުން ނެރުނު ބަޔާނަށް ރައްދު ދެއްވައި ގާޒިމް ވިދާޅުވީ ޖޮއިންޓް ޕީޖީ ރޫޅާލާފާނެ ކަމަށް އެމްޑީޕީން ބުނީމަ ހައިރާން ނުވާ ކަމަށެވެ. " ސުވާލަކީ މިހާރު އެބައޮތްހޭ؟ އިތުރަށް ރޫޅާލާކަށް. މަޖިލީހަށް ހުރިހާ ގޮނޑިއަކަށް ކުރިމަތިލުމަށް އެމްޑީޕީން ނިންމީމާ އެއްބަސްވުމާއި ވައުދާ އަހުދާއި ހިލާފުވީ ނޫންތޯ.؟" ގާސިމް ވަނީ ސުވާލު އުފައްދަވާފަ އެވެ. އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ޝަރުތުތައް ޤާނޫނުއަސާސީގައި ސާފުކޮށް ބަޔާންކޮށްފައިވާއިރު، އެ ޝަރުތުތަކުން ބޭރުން އިތުރު ޝަރުތުތައް ކަނޑައެޅުމަށް ހުށަހަޅާ ހުށަހެޅުމަކީ ޤާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށެވެ. އަދި އެއީ ޖޮއިންޓް ޕާރލަމެންޓްރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ މެމްބަރަކު މަސައްކަތްކުރުމަށް އޮންނަ އެންމެހައި އުސޫލުތަކާ ވެސް ހިލާފު ކަމެއް ކަމަށް އެމްޑީޕީ ޕީޖީ ގުރޫޕުގެ ބަޔާނުގައި ބުނެފައިވެއެވެ. " ޤާނޫނުއަސާސީއާ ޚިލާފަށް ހުށަހަޅުއްވާފައިވާ އެ އިސްލާހު އަނބުރާ ނެންގެވުމަށް ގޮވާލާހިނދު، ޖުމްހޫރީ ޕާރޓީގެ ލީޑަރޝިޕުން އެކަމުގައި އިސް ދައުރެއް އަދާކުރައްވައި އެކަން ކަށަވަރުކޮށްދެއްވުމަށް ގޮވާލަން،" އެމްޑީޕީގެ ޕީޖީ ގުރޫޕުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ