900 އަހަރުވީ ރަން ފައިސާ ފޮތިތަކެއް އިސްރާއީލުން ފެނިއްޖެ
ނުވަސަތޭކަ އަހަރުވެފައިވާ ކަމަށް ބެލެވޭ ރަން ފައިސާ ފޮތިތަކެއް އިސްރާއީލްގެ އާސާރީ ސިޓީއެއް ކަމަށްވާ ސިޒެރިއާއިން ފެނިއްޖެ އެވެ. އާކިއޮލޮޖިސްޓުން ބުނާ ގޮތުގައި އެފޮތިތައް ފެނިފައި ވަނީ ގުޅިއަކަށްލާ، ވަޅެއް ކައިރީ ފޮރުވާފައި ވަނިކޮށެވެ. އަދި އެގުޅިން 24 ރަން ފައިސާ ފޮއްޗާއި ރަނުން ހަދާފައިވާ ކަންފަތުލާ އެއްޗެއް ވެސް ފެނިފައިވެ އެވެ. އެގުޅި ފެނިފައި ވަނީ ސިޒެރިއާ ވޯލްޑް ހެރިޓޭޖް ކޮނެ، އެތަނުން ފެންނަ ތަކެތި ރައްކާތެރި ކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެއް ތެރެއިންނެވެ. ސިޒެރިއާއިން ފެނުނު ގުޅީގައި ރަނުން ހަދާފައިވާ ކަންފަތުލާ އެއްޗެއްވެސް ފެނިފައިވޭ -- ފޮޓޯ: ސިޒެރިއާ ޑެވެލޮޕްމެންޓް ކޯޕަރޭޝަން އާކިއޮލޮޖިސްޓުން ބުނާ ގޮތުގައި އެގުޅި ފޮރުވި ކަމަށް ބެލެވެނީ ވަރަށް އަވަސް އަރުވާލައިގެންނެވެ. އަދި އެ ހާދިސާ ހިނގި ކަމަށް ބެލެވެނީ 1101 ވަނަ އަހަރު އީސާއީ ކްރޫސޭޑާސް ސިޒެރިއާއަށް ދިން ހަމަލާގެ ތެރޭގައި ކަމަށާއި އެ ހަމަލާގައި ގުޅި ފޮރުވި މީހާ ވެސް މަރުވީ ކަމަށް އާކިއޮލޮޖިސްޓުން ލަފާ ކުރެ އެވެ. އެ ފައިސާ ފޮތިތައް ފެނިފައި ވަނީ ހަމަ އެޒަމާނަށް ނިސްބަތްވާ އެހެން ބައެއް އާސާރީ ތަކެތި ފެނުނު ސަރަހައްދަކުންނެވެ. އޭގެ ތެރޭގައި ރަނާއި ރިހިން ހަދާފައިވާ ގަހަނާ އަޅާފައިވާ ގުޅިއަކާއި ލޯއިން ހަދާފައިވާ ތަކެތި ހިމެނެ އެވެ. އެތަކެތި ވަނީ ގުދުސްގައި ހުންނަ ދާރުލްއާސާރުގައި ބަހައްޓާފައި އެވެ. އެންމެ ގިނަ އަދަދެއްގެ ދުވަސްވީ ރަން ފައިސާ ފޮތިތައް ފެނިފައި ވަނީ 2015 ވަނަ އަހަރު އިސްރާއިލުގެ އައްސޭރިފަށް ކައިރިއިން ސްކޫބާ ޑައިވަރުންތަކަކަށެވެ. ޑައިވިން ކްލަބަކަށް ނިސްބަތްވާ އެޑައިވަރުންނަށް ވަނީ 1000 އަހަރަށް ވުރެ ދުވަސްވީ 2،000 ރަން ފައިސާ ފޮތިތައް ފެނިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ