ކޮމިޝަންގެ ނިންމުމަކީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ އަމަލެއް – ސުޕްރީމް ކޯޓު

ރައްޔިތުން މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ހުސްނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމަށް ބެލެވޭ ކަމުގައި ސުޕްރީމް ކޯޓުން ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓުން މިހެން ވިދާޅުވެފައި ވަނީ ރައްޔިތުން މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ހުސްނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމި ނިންމުން ބާތިލްކޮށް މިރޭ ނެރުއްވި އަމުރެއްގައެވެ.
ސުޕްރީމް ކޯޓުން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ 12 ދާއިރާތަކުގެ ގޮނޑިތައް ހުސްވެއްޖެކަމާއި މެދު ހިލާފު އުފެދިގެން އެމައްސަލަތައް ބަލައި ގޮތެއް ކަނޑައެޅުމަށް ބަޔާން ކުރެވުނު ފަރާތްތަކުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުން އެމައްސަލަތައް ސުޕްރީމް ކޯޓުން ބަލައި ފައިޞަލާކޮށް ގޮތެއް ނިންމުމުގެ ކުރިން އެހެން އެއްވެސް ފަރާތަކުން އެމައްސަލަތަކުގެ މައުޟޫޢާމެދު ބަހުސްކޮށް ގޮތެއް ނިންމުމަކީ ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމަށް ބެލެވޭ ކަމަށެވެ.
ޝަރީޢަތަށް ހުށަހެޅިފައިވާ އެއްވެސް މައްސަލައަކަށް ޝަރުޢީ އަދި ޤާނޫނީ އިންތަކުގެ ބޭރުން ނުފޫޒު ފޯރާފަދަ އެއްވެސް ކަމެއް ކުރުމަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ނ) ގެ ދަށުން ކަނޑައެޅިގެން މަނާ ކުރެވިފައިވާ ކަމެއް ކަމަށް ވެސް ސުޕްރީމް ކޯޓުގެ އަމުރުގައި ވެއެވެ.
އެހެންކަމުން ދުސްތޫރީ އުސޫލުތަކާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ޤާނޫނުތަކުގެ ދަށުން އަދުލް އިންސާފު ގާއިމް ކުރުމުގެ ބާރުގެ ހައިސިއްޔަތުން ސުޕްރީމް ކޯޓަށް ލިބިދީފައިވާ ޤާނޫނީ ބެލެނިވެރިކަމުގެ މައްޗަށް ރިޢާޔަތްކޮށް 03 އޮކްޓޯބަރ 2018 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަންގެ 442 ވަަނަ ޖަލްސާގައި ބަޔާން ކުރެވުނު 12 މެންބަރުންނާއި މެދު ނިންމަވާފައިވާ ނިންމުންތަކަކީ ބާތިލް ނިންމުންތަކެއް ކަމަށް ކަނޑައަޅާ ކަމަށް ސުޕްރީމް ކޯޓުގެ އަމުރުގައި ވެއެވެ.
12 މެންބަރުންގެ ގޮނޑި ހުސްނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމަކީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމަށް ބެލެވޭ ކަމުގައި ސުޕްރީމް ކޯޓުން ވިދާޅުވިއިރު ސުޕްރީމް ކޯޓުގެ ނިންމުމަކާއި ދެކޮޅުހަދާ އެކޯޓުގެ ހުރުމަތް ކެނޑުމުން  އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީޤް ހަމަސް ދުވަހަށް ޖަލަށް ލުމަށާއި، ފުއާދު އާއި އޭރުގެ ނައިބު ރައީސް އަހްމަދު ފަޔާޒްގެ ކިބައިން ކޮމިޝަންގެ މެމްބަރު ކަމުގައި ދެމިތިބުމުގެ ހައްގާއި ގާނޫނީ ހައްސިއްޔަތު ގެއްލިފައިވާ ކަމަށާއި، އެދެ މެމްބަރުންގެ ގޮނޑި ހުސްވެއްޖެ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން 2014 ވަނަ އަހަރުގެ އޮގަސްޓް މަހު ޙުކުމެއް ކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ