އާ އަހަރު ސަމާލުކަން ދޭންވީ އެއްބައިވަންތަކަން ދެމެހެއްޓުމަށް: މައުމޫން

އާ އަހަރު އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ ގައުމީ އެއްބައިވަންތަކަން ދެމެހެއްޓުމަށް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އާ އަހަރު ފެށޭ މުނާސަބަތުގައި މައުމޫން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އާ އަހަރެއްގެ ފެށުމަކީ ގައުމާ މެދު ކުރާ އުއްމީދުތައް އާ ކުރަން ލިބޭ ފުރުސަތެއް ކަމަށާއި އެގޮތުން މި ފެށޭ އަހަރު އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހިފައިވާ އެއް ކަމަކީ ގައުމީ އެއްބައިވަންތަ ކަމަށެވެ. ދިވެހިންނަކީ ދާދިފަހަކާއި ޖެހެންދެން ވެސް ނުހަނު އެއްބައިވަންތަ ބައެއް ކަމަށާއި މާޒީގައި ދިވެހިން ހޯދާފައިވާ ކާމިޔާބީތަކުގެ ސިއްރަކީ ވެސް އެއްބައިވަންތަކަން ކަމަށް މައުމޫން ވިދާޅުވިއެވެ.
ނަމަވެސް ފަހަކަށް އައިސް އެކިއެކި ސަބަބުތަކާ ހުރެ ބައިބައިވުން އުފެދި، ދިވެހިން މެދުގައި އޮތް ސުލްހަ މަސްލަސް ކަމަށާއި ކުރިއެރުމާއި ތަރައްގީ އަށް ބުރޫ އަރަމުންދާކަމީ އެ ކަންކަމާމެދު ފުންކޮށް ވިސްނައިފި ކޮންމެ މީހަކަށް ވެސް ހާމަވެގެންދާނެ ހަގީގަތެއް ކަމަށް މައުމޫން ވިދާޅުވިއެވެ.
"އެހެންކަމުން، މި ފެށޭ އާ އަހަރުގެ މުނާސަބަތުގައި ދިވެހި ގައުމަށް އަޅުގަނޑު އިލްތިމާސްކުރަނީ، އަޅުގަނޑުމެންގެ ތެރޭގައި ބައިބައިވުން އުފެދުމަށް މެދުވެރިވެފައި ހުރި ސަބަބުތައް ނެތިކޮށް، ގައުމީ އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި ފަރުދީ ގޮތުންނާއި އިޖްތިމާއީ ގޮތުން އުފުލަންޖެހޭ ޒިންމާ އުފުލައި، ވާޖިބު އަދާކުރުމަށެވެ" މައުމޫން ވިދާޅުވިއެވެ.
އެއްބައިވަންތަކަމަކީ ޝަރުތުތަކެއް އެކުލެވިގެންވާ ކަމެއް ކަމަށާއި އޭގެތެރޭގައި ހުރިހާ ހާލަތެއްގައި ކޮންމެ މީހަކާ މެދުވެސް އަދުލުވެރިކަމާއި އިންސާފުވެރިކަމާ އެކު ކަންކަން ކުރުމާއި، ގައުމުގެ އިގްތިސާދީ ވަސީލަތްތަކުން ލިބޭ މަންފާ ރައްޔިތުންގެ މެދުގައި އިންސާފުވެރިކޮށް ބެހިގެންދިޔުމާއި، ކޮންމެ މީހަކީ ވެސް އިގްތިސާދީ ގޮތުން ފުދުންތެރި މީހަކަށް ވުމާއި، ހައްގުތައް ރައްކާތެރި ކުރުމާއި، އެކަކު އަނެކަކަށް އިހްތިރާމުކޮށް އިތުބާރު ކުރުމުގެ މާހައުލެއް ގާއިމުވެފައި އޮތުން ހިމެނޭ ކަމަށް އެ ބަޔާނުގައި ހާމަކޮށްފައިވެއެވެ.
މައުމޫން ވަނީ ގައުމީ އެއްބައިވަންތަ ކަމުގެ ޝަރުތުތައް ފުރިހަމަކުރުމަށްޓަކައި، އަޅަންޖެހިފައި ހުރި ފިޔަވަޅުތައް ސާބިތުކަމާއެކު އަވަހަށް އަޅުއްވައި ދެއްވުމަށް، ގައުމުގެ ހުރިހާ ފަރާތްތަކަށް ގޮވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ