މެމްބަރު އައިބީ ޓީމަށް "ލަނޑު" ދީފި: ހަބޭސް

ފޭދޫ ދާއިރާގެ މަޖްލިސް މެމްބަރު އިބްރާހިމް ދީދީ (އައިބީ) ފޭދޫ ފުޓްބޯޅަ ކްލަބެއް ކަމަށްވާ ހަބޭސް އަށް ފައިސާގެ އެހީއެއްވާނެ ކަމަށް ބުނެ އެފައިސާ ނުދީ ކްލަބަށް ލަނޑުދީފި ކަމަށް ހަބޭސްއިން ބުނެފިއެވެ.
ހަބޭސްގެ އޮފިޝަލަކު ބުނީ މަޖްލިސް އިންތިހާބް ތެރޭ އައިބީ ހަބޭސް ޓީމާއި، ބައްދަލުކޮށް އޭނާ މަޖްލިސް ގޮޑިއަށް ހޮވިއްޖެނަމަ ކުރިއަށް އޮތް 5 އަހަރު ހަބޭސް ޓީމަށް ހަރަދު ކުރާނެކަމަށް ވައުދުވެފައިވާ ކަމަށެވެ. އެގޮތުން އަހަރަކަށް 70،000 ރުފިޔާ ހަބޭސް ޓީމަށް ދޭނެކަމަށް އައިބީ ބުނެފައިވާ ކަމަށެވެ.
އޮފިޝަލް ބުނީ ރޯދަ މަހު ގޯދިއްޔާއިން ބާއްވާ ފުޓްސަލް މުބާރާތުގައި ޓީމް ބައިވެރިވާން ނިންމީ އައިބީ ފައިސާ ދޭން ބުނެގެން ކަމަށެވެ. އަދި އެގޮތަށް އައިބީ ބުނެފައި ވުމުން ޓީމަށް އެހެން ފަރާތަކުން އެހީއެއް ހޯދުމަށް މަސައްކަޔް ނުކުރާ ކަމަށެވެ. އަދި މާލެއިން 6 ކުޅުންތެރިން ގެންނަން ހަމަޖެހިގެން ފައިސާ ހޯދުމަށް އެދުމުން ފުރަތަމަ ފައިސާ ދޭނެ ކަމަށް ބުނެ މިހާރު ފައިސާ ދެވެން ނެތް ކަމަށް ބުނެފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މުބާރާތަށް ތައްޔާރުވީ އިބްރާހިމް ދީދީ ޓީމަށް ފައިސާ ދޭން އެއްބަސްވެފައިވާތީ. އެހެންވެ އިތުރު ފަރާތަކުން އެހީއެއް ހޯދުމަށް ނުބަލަން. އެކަމަކު މުބާރާތަށް ތައްޔާރުވެ، މާލެއިން ބައެއް ކުޅުންތެރިން ގެންނަން ވެގެން ފައިސާއަށް އެދުނީމަ ފުރަތަމަ ބުނީ އެބަ ހަމަޖައްސަމޭ، އެކަމަކު ރޭގައި ބުނެފި ފައިސާ ދެވެން ނެތްކަމަށް"
އޮފިޝަން ބުނީ މާދަމާ ޓީމް ލިސްޓް ގޯދިއްޔާ އާއި ހަވާލު ކުރަން ޖެހޭއިރު ފައިސާ ހަމަ ނުޖެހުމުން ޓީމް މިފަހަރުގެ މުބާރާތުގައި ބައިވެރިވެވެން ނެތްކަމަށެވެ. އަދި ރޭ ބައްދަލުވުމެއް ބާއްވައި ހުރިހާ ކުޅުންތެރިންނަށް އަންގާފައިވާ ކަމަށެވެ.
މިކަމާއި ގުޅިގެން ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ވިދާޅުވީ ހަބޭސް ޓީމަށް އެހީވާނެ ކަމަށް ބުނެފައިވާނެކަމަށާއި، ވަކި އަދަދަކަށް ފައިސާދޭން ނުބުނާ ކަމަށެވެ.
އިބްރާހިމް ދީދީ ވިދާޅުވީ މުބާރާތުގައި ހަބޭސް ޓީމް ބައިވެރިވުމަށް 3000 ރުފިޔާ ދެއްވި ކަމަށާއި، ޓީމަށް އެސްޓިއޯ މެދުވެރިކޮށް 20،000 ރުފިޔާގެ ސްޕޮންސާ ހަމަޖައްސާ ދީފައިވާ ކަމަށެވެ. އަދި އޭނާގެ ފަރާތުން މިހާތަނަށް ޓީމަށް އެހީވަމުން އަންނަ ކަމަށް އިބްރާހިމް ދީދީ ވިދާޅުވިއެވެ.
ހަބޭސް ޓީމަކީ ގޯދިއްޔާ މުބާރާތުގައި ފާހަގަ ކޮށްލެވޭ ވަރުގަދަ ޓީމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ