މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުދޭއިރު ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމަށާއި ވިސްނުމެއްނެތި ޕާޓީގެ ފޯރީގައި ޖަޒުބާތާ އެކު ވޯޓު ދީފިނަމަ މައިންބަފައިންނާއި އާއިލާގެ މީހުންނާއި، ރައްޓެހި ރަހުމަތްތެރިންނާ ޖެހޭގޮތްވެދާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީން ރޭ ބ. އަތޮޅު ކަމަދޫގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަދައްވަމުން ގާސިމް ވިދާޅުވީ ވޯޓު ލާއިރު ޕާޓީއަކަށް ވިސްނަން ނުޖެހޭނެ ކަމަށާއި ރައީސް ކަމަށް ކުރިމަތިލައިފައިވާ ބޭފުޅެއްގެ މާޒީއާއި އެބޭފުޅެއްގެ ޚިދުމަތަށް ބެއްލެވުމަށްފަހު ވޯޓު ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މިކަންތައްތަކަށް ނުބަލައި ވޯޓުދީފިނަމަ ފަރުދީ މިނިވަންކަމާއި ގައުމީ މިނިވަންކަންވެސް ގެއްލުމަކީ ކައިރި ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އާބާދީ އަށް ބަލައިގެން ރަށްތައް ތަފާތު ކުރުމުގެ ވިސްނުމަކީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ގެންގުޅޭނެ ވިސްނުމެއް ނޫން ކަމަށާއި އާބާދީގެ ބަލައިގެން ރަށްތައް ތަފާތު ކުރުމުގެ ވިސްނުން އެމަނިކުފާނު ނުގެންގުޅުއްވާނެ ކަން އެމަނިކުފާނު އަމިއްލަފުޅު ހަރަދުގައި ރަށްރަށުގައި ކުރިއަށް ގެންގޮސްފައިވާ ތަރައްގީގެ މަޝްރޫއު ތަކަށް ބަލާލުމުން ހާމަވެގެންދާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
ކަމަދޫގައި ބޭއްވި މިޖަލްސާގައި ކަމަދޫގެ ކައުންސިލަރަކާއި، ކުޑަރިކިލުގެ ތިން ކައުންސިލަރަކު ވަނީ ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވާފައެވެ.
މި ޖަލްސާގައި ވާހަކަދައްކަވަމުން ގެމަނަފުށީ ދާއިރާގެ މެންބަރު އަދި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އިލްހާމް އަހުމަދު ވިދާޅުވީ ރާއްޖެއަށް ހަމަހިމޭންކަން އަންނާނީ ރާއްޖޭގައި އެންމެފަހުން ވެރިކަން ކުރެއްވި ދެ އާއިލާ ކަމަށްވާ ރައީސް މައުމޫންގެ އާއިލާއާއި ރައީސް ނަޝީދުގެ އާއިލާ ނޫން އެހެން ބޭފުޅަކު ވެރިކަމަށް ވަޑައިގަތުމުން ކަމަށެވެ.
އިލްހާމް ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ހަމަޖެހިގެންތިބެ ގައުމާއި، ރަށާއި، މުޖުތަމަޢު ތަރައްގީ ކުރެއްވުމަށް ކަމަށް ކަމަށެވެ. އެކަން ކުރެއްވުމަށް ގާސިމް އިބްރާހީމް ވެރިކަމަށް ގެންނަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ޖަޒުބާތުގައި ޖެހި ވޯޓުދީފިނަމަ އާއިލާއާ ޖެހޭ ގޮތްވެދާނެ - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ