ބޯޓެއް އޮޔާދާތީ ސަމާލުވާން އިލްތިމާސް ކޮށްފި!

ކ. ގިރާވަރުގެ އުތުރު ކަނޑުން "ބަރޯސާ" ނަމަކަށް ކިޔާ ބޯޓެއް އޮޔާދާތީ، އެ ސަރަޙައްދުން ދަތުރުކުރައްވާ ކަނޑު އުޅަނދުތަކުން ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފިއެވެ.
އެއްވެސް މީހަކު ނެތް އެބޯޓު އޮޔާދާކަމުގެ މަޢުލޫމާތު، އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު ހަވީރު 16:00 ހާއިރުއެވެ. އެމްއާރުސީސީއަށް މަޢުލޫމާތު ދީފައިވާ ގޮތުގައި މި ބޯޓް އޮޔާދަނީ ކ.ގިރާވަރު ކަނޑުން ހުޅަނގަށެވެ. އެހެންކަމުން، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުތަކުން މިކަމަށް އިތުރަށް ސަމާލުކަން ދެއްވުމަށް އިލްތިމާސް ކޮށްފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބޯޓަކީ ރާއްޖޭގެ ކުންފުންޏަކަށް ނިސްބަތްވާ ބޯޓެކެވެ. އަދި މި ބޯޓު އޮޔާދާތީ، ބޯޓުގެ ވެރިފަރާތުން ދަނީ ކަފުޖަހާނެ އެހެން އުޅަނދެއް އެ ސަރަޙައްދަށް ފޮނުވުމުގެ މަސައްކަތް ކުރަމުންނެވެ. އަދި، އެ ސަރަހައްދު މޮނީޓަރ ކުރުމަށް ޓަކައި، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އުޅަނދެއް ވެސް އެސަރަހައްދަށް މިހާރު ދަނީ ދަތުރުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ