13 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ މައްޗަށް އިއްވިފައިވާ ޙުކުމް ދައުލަތުގެ ފަރާތުން ޕްރޮސެކިއުޓަރ ޖެނެރަލްއިން ރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަށް ސްޕްރީމް ކޯޓުން މިހާތަނަށް ޖަވާބެއް ދީފައިނުވާ ކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ.
އެ އޮފީހުން މިއަދު މިފަދައިން ބުނެފައިމިވަނީ ރައީސް ނަޝީދުގެ ޤާނޫނީ ޓީމުން ސްޕްރީމް ކޯޓަށް ޕީޖީއިން ނަޝީދުގެ މައްސަލަ ހުށަހަޅާފައިވޭތޯ ސާފް ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ސިޓީއެއް ފޮނުވުމާ ގުޅިގެންނެވެ.
ގާނޫނީ ވަކީލުން ޕީޖީއަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ ރައީސް ނަޝީދުގެ އިސްތުއުނާފްގެ މައްސަލަ، ސްޕްރީމް ކޯޓުން ބަލައިގެންފައިވޭތޯ ނުވަތަ ނޫންތޯ ސާފުކޮށްދިނުމަށް އެދޭ ކަމަށެވެ.
މައްސަލައެއް ޝަރީޢަތަށް ހުށަހެޅުނު ކަމަށް ބަލާނީ އެ މައްސަލަ އެއް ކޯޓުން ބަލައިގަތުމުން ކަމަށާއި ނަމަވެސް މިއަދާ ހަމައަށްވެސް ޕީޖީން ސުޕްރީމް ކޯޓަށް ހުށަހެޅި ރައީސް ނަޝީދުގެ އިސްތިއުނާފްގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަތް ކަން ނުވަތަ ނޫން ކަން އަންގާފައި ނުވާ ކަމަށް ވަކީލުން ފޮނުވި ސިޓީގައިވެއެވެ. އަދި އެ މައްސަލަ އަކީ ޝަރީޢަތުގެ މަރުހަލާގައިވާ މައްސަލައެއް ކަމަށް ދައުލަތުގެ އެކިއެކި ފަރާތްތަކުން ބުނަމުންދާ ކަމަށް ސިޓީގައިވެއެވެ.
ޓެރަރިޒަމްގެ ދައުވާކޮށް 13 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ އެޙުކުމް އިސްތިއުނާފް ކުރުމަށް ދައުލަތުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލުމާއި ގުޅިގެން އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފައިވާ ކަމަށް ޕީޖީއިން ވަނީ ބުނެފައެވެ.
ދައުލަތުން ކްރިމިނަލް ކޯޓުގައި ކުރި ދަޢުވާ ރައީސް ނަޝީދުގެ މައްޗަށް ސާބިތުވެ، މައްސަލަ ނިމުމުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ، އެ އޮފީހުން ކާމިޔާބު ކުރި އެ މައްސަލަ ހައި ކޯޓުގައި އެ އޮފީހުގެ ފަރާތުން އިސްތިއުނާފު ކޮށްފައެވެ. އެ މައްސަލަ ހައި ކޯޓުގައި ހިންގުމަށްފަހު، މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން ނިންމީ، ދަށު ކޯޓުން ޤާނޫނު ތަތުބީޤު ކުރުމުގައި ގޯހެއް ހަދާފައިވާ ކަމަށް ބުނެ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ގޯހެއް ހަދާފައިވާ ކަމަށް ބުނެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ޗެލެންޖް ކޮށްފައި ނުވާކަން ސާފުކޮށް އެނގޭތީއާއި، އަދި އެ މައްސަލައަކީ ރައީސް ނަޝީދުގެ ފަރާތުން، އެމަނިކުފާނުގެ މައްޗަށް ކުރެވުނު ޙުކުމަކީ ރަނގަޅު ނޫން ޙުކުމެއް ކަމަށް ބުނެ އިސްތިއުނާފު ކުރާ މައްސަލައަކަށް ނުވާތީ، މައްސަލަ ހައި ކޯޓުން ބަލައިގަތުމުގެ ހުއްދައެއް ނެތް ކަމަށް ބެލެވިގެން، ސެޕްޓެމްބަރު 10 ވަނަ ދުވަހުއެވެ.
ނަޝީދުގެ އިސްތިއުނާފް މައްސަލައާ ބެހޭ ގޮތުން ސްޕްރީމް ކޯޓުން ވަކި އެއްޗެއް އަންގާފައެއް ނެތް - ޕީޖީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ