ލަންޑަން (ޖުލައި 14) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ލިވަޕޫލް ދޫކޮށްލާނެ ކަމަށް ކުރިން ބެލެވުނު އުރުގުއޭގެ ފޯވާޑް، ޑާވިން ނޫނޭޒްގެ މުސްތަގުބަލާ ގުޅޭގޮތުން، ލިވަޕޫލުން އިތުރު ވިސްނުމަކަށް ދިއުމުގެ ފުރުސަތު އެބައޮތް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ލިވަޕޫލުން ޕްރީ ސީޒަންގެ ފުރަތަަމަ މެޗުގައި ރޭ ވަނީ ޕްރެސްޓަން ނޯތު އެންޑް އަތުން 3-1 އިން މޮޅުވެފަ އެވެ. މި މެޗުގައި، ލިވަޕޫލުން ޖެހި ދެ ވަނަ ގޯލު ކާމިޔާބުކުރީ ނޫނޭޒް އެވެ. އަނެއް ލަނޑުތައް ޖެހީ ކޮނާ ބްރެޑްލީ އާއި ކޯޑީ ގަކްޕޯ އެވެ.
މީގެ ތިން އަހަރު ކުރިން، ބެންފީކާ އިން ނޫނޭޒް، 25، ލިވަޕޫލަށް ބަދަލުވީ، 75 މިލިއަން ޔޫރޯ (78 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީއެއްގަ އެވެ. އަދި ޓްރާންސްފާ އެއްބަސްވުމުގައި ހިމަނާފައިވާ "އެޑް އޮންސް"އާ އެކު، ޓްރާންސްފާ ފީ 100 މިލިއަން ޔޫރޯ (105 މިލިއަން ޑޮލަރު) އަށް އަރަ އެެވެ.
ބޮޑު އަގުގައި ލިވަޕޫލަށް ބަދަލުވެ، އެ ޓީމުގެ ޓާގެޓްތަކާ އެއްވަރުގެ ކުޅުމެއް ނޫނޭޒަށް ނުދެއްކޭތީ، މިދިޔަ ދެ ޓްރާންސްފާ މާކެޓްގައި ވެސް ލިވަޕޫލުން އޭނާ ދޫކޮށްލާނެ ކަމަށް ބެލެވުނެވެ. މިދިޔަ ޖެނުއަރީ ޓްރާންސްފާ މާކެޓްގައި، ނޫނޭޒަށް ސައުދީ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު)ގެ ކްލަބަކުން ވަނީ އޮފާ ލިބިފަ އެވެ. އެކަމަކު، ލިވަޕޫލުން އެއްބަސްނުވާތީ، އެ ޑީލް ކުރިއަށް ނުދިޔަ އެވެ.
ފާއިތުވި ސީޒަނުގައި ލިވަޕޫލްގެ 46 މެޗުގައި ކުޅުނު ނޫނޭޒް ޖެހީ ހަތް ގޯލެވެ. އަދި، ފަސް ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނެވެ. ޓްރާންސްފާ މާކެޓް މިހާތަނަށް، ނޫނޭޒްގެ ސޮއި ހޯދަން ނަޕޯލީ އާއި އެތުލެޓިކޯ އިން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، ނަޕޯލީން ވަނީ 60 މިލިއަން ޑޮލަރުގެ ބިޑެއް ކޮށްފަ އެވެ. އެކަމަކު، ލިވަޕޫލުން ކިޔާ އަގު އުޅެނީ، 70 މިލިއަން ޑޮލަރަށް ކަމަށްވާއިރު، މި ޑީލް ކުރިއަށް ދިއުމުގައި ނަޕޯލީން ފުރަތަމަ ދޭ ޕޭމަންޓް، 50 މިލިއަން ޑޮލަރަށް ވުރެ އިތުރުވާން ލިވަޕޫލުން ޑިމާންޑްކުރެ އެެވެ.
އެހެން ނަމަވެސް، ކާރު އެކްސިޑެންޓެއްގައި މީގެ ހަފްތާއެއް ކުރިން މަރުވި، 28 އަހަރުގެ ޕޯޗުގީސް ފޯވާޑް ޑިއޯގޯ ޖޮޓާ ނެތުމާއި، ކޮލަމްބިއާގެ ފޯވާޑް، ލުއިސް ޑިއާޒް ލިވަޕޫލް ދޫކޮށްލާ ވާހަކަ މީޑިއާގައި އިތުރުވަމުންދިއުމާ އެކު، ލިވަޕޫލުން ނޫނޭޒް މަޑުކުރުވުމުގެ ވިސްނުން ވެސް ގެންގުޅެމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ނޫނޭޒްގެ ޓްރާންސްފާއާ ގުޅޭގޮތުން ލިވަޕޫލުން ދެ ވަނަ ވިސްނުމަކަށް ނޫނޭޒްގެ ޓްރާންސްފާއާ ގުޅޭގޮތުން ލިވަޕޫލުން ދެ ވަނަ ވިސްނުމަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ